ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް (ޕީއާރު) އޮފިސަރުންގެ ހުނަރު އިތުރަށް ކުރިއަރުވަން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ޝަހީބު މީޑިއާއިން ނިންމައިފި އެވެ.

"މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ތާވަލް ކޮށްފައި ވަނީ މި މަހުގެ 23 އިން އަންނަ ސެޕްޓެމްބަރު 3 އަށެވެ.

ޝަހީބު މީޑިއާއިން ބުނީ، 20 ގަޑިއިރުގެ ތަމްރީނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، އެކި އިދާރާތަކުންނާއި ކުންފުނިތަކުން ހިންގާ މަޝްރޫއުތަކާއި އިވެންޓުތައް އަދި އުފެއްދުންތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި ދިވެހި މީޑިއާގެ ވައްޓަފާޅި އަށް އަހުލުވެރިވެ، ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ހުނަރު ދަސްކޮށްދިނުން ހިމެނޭ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި، ކޮންމެ ރެއަކު 8:00 އިން 10:00 އަށެވެ.

ކޯހުގެ ބައިވެރިންނަށް ކިޔަވައި ދެއްވާނީ ޝަހީބު މީޑިއާގެ ރައީސް އަދި ނޫސްވެރިކަމުގައި 35 އަހަރު ހިދުމަތް ކުރައްވާފައިވާ މުހައްމަދު ޝަހީބެވެ.

މީގެ އިތުރުން، ގެސްޓް ލެކްޗަރާއެއްގެ ގޮތުގައި، ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ ހާއްސަ ސެޝަންތަކެއް ވެސް ބައިވެރިންނަށް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ޝަހީބް މީޑިޔާއިން ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފީއަކީ 3،500ރ. އެވެ. ނަމަވެސް، ބައެއް މުއައްސަސާތަކަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ދީފައިވާ އިރު، ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.