ކަނޑުގައި ފަތައިގެން މިވަރުގެ ތަޖުރިބާއެއް މީގެ ކުރިން ނުކުރާ ކަމަށް އޯޝަން މޭން މޯލްޑިވްސްގެ ރޭސް ނިންމި ފުރަތަމަ އެތުލީޓް ބުނެފި އެވެ.
މާފުށީ މޫދުގައި ކުރިއަށްދާ "އޯޝަން މޭން މޯލްޑިވްސް" ގެ 2 ކިލޯމީޓަރުގެ ރޭހުގައި ގާތްގަނޑަކަށް 180 އެތުލީޓުން ވާދަކުރިއެވެ.
އެ ރޭސް އެންމެ ފުރަތަމަ ނިންމީ ވިއެޓްނާމްގެ ވިންވިން އެވެ.
ރޭސް ނިންމާލުމަށްފަހު އޭނާ ބުނީ ރާއްޖޭގެ ކަނޑުގައި ފަތައި ކުރި ތަޖުރިބާއަކީ މުޅިން ތަފާތު އަދި އެހާމެ ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ. އޭނާ ބުނީ އޯޝަން މޭން މޯލްޑިވްސްގައި ވާދަކުރުމަށް އޭނާ ކުރި މި ދަތުރަކީ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށެވެ.
"މިއީ ވަރަށް ތަފާތު އިހުސާސެއް. ރާއްޖޭގެ ކަނޑުގެ އަޑިން ފެނުނު މަންޒަރުތައް ވަރަށް ފުރިހަމަ. ވަރަށް ގިނަ މަސްމަހާމެހި ފެނުނު،" އޭނާ ބުންޏެވެ.
ރާއްޖޭގެ މޫދުގައި ފަތަމުންދިޔައިރު ފެނުނު މަންޒަރުތަކަށް ތައުރީފު ކުރަމުން އޭނާ ބުނީ، މިއީ މިހާތަނަށް ކުރެވުނު އެންމެ އަޖައިބުކުރުވަނިވި ތަޖުރިބާ ކަމަށެވެ. ދެ ކިލޯމީޓަރުގެ މި ރޭހުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ފެތުންތެރިން ބައިވެރިވާއިރު، މާފުށީ ފަޅުތެރެ މިއަދު ފެންނަނީ ކުޅިވަރުގެ އީދެއްގެ ގޮތުގައެވެ.
އޯޝަން މޭން މޯލްޑިވްސްގެ ފެތުންތެރިން ވާދަވެރި ފުރަތަމަ ރޭހަށް، މިއަދު ހެނދުނު 6:30 ގައި ފެށި 2 ކިލޯމީޓަރުގެ އިވެންޓަކީ މާފުށީގައި މިހާރު ކުރިއަށްދާ އޯޝަން މޭން މޯލްޑިވްސްގެ ފުރަތަމަ ރޭހެވެ.
ގާތްގަނޑަކަށް 180 އެއްހާ ފެތުންތެރިން 2 ކިލޯމީޓަރުގެ އެ ރޭހުގައި ވާދަކުރިއެވެ. ބައިނަލްއަގުވާމީ ފްރެންޗައިޒް "އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގެ އަމިއްލަ ކްލަބް، "ސްވިމް މޯލްޑިވްސް" އިން ކ. މާފުށީގައި ބާއްވާ މި އިވެންޓްގައި 40 ގައުމަކުން 530 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.
ރާއްޖޭގައި ބާއްވާ ފެތުމުގެ އެންމެ ދިގު ރޭސް ކަމަށްވާ 10 ކިލޯމީޓަރުގެ ރޭސް ވެސް އޯޝަންމޭން މޯލްޑިވްސްގެ ކެޓަގަރީތަކުގައި ހިމެނެ އެވެ. ދިހަ ކިލޯމީޓަރުގެ ރޭހުގައި 46 ފެތުންތެރިން ބައިވެރިވާނެ އެވެ.
ފަސް ކިލޯމީޓަރުގައި 143 ފެތުންތެރިން އަދި ދެ ކިލޯމީޓަރުގައި 181 ފެތުންތެރިން ވާދަކުރާނެ އެވެ. އަދި ދެ ކިލޯމީޓަރުގެ ފިންސް ކެޓަގަރީގައި 20 ފެތުންތެރިން ވާދަ ކުރާނެ ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
ކުޑަކުދިންނަށް ޚާއްސަ "އޯޝަން ކިޑްސް" ގައި 73 ފެތުންތެރިން، އަދި ޓީމު އިވެންޓްތަކުގައި 23 ޓީމަކުން 69 ފެތުންތެރިން ބައިވެރިވެ އެވެ.