ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިޒް، "އޯޝަންމޭން ގްލޯބަލް" ގެ ރާއްޖޭގެ އެޑިޝަން ކަމަށްވާ "އޯޝަންމޭން މޯލްޑިވްސް" މާފުށީގައި ރަސްމީކޮށް މިއަދު ފަށައިފި އެވެ.

މި ޝަރަފުވެރި ބައިނަލްއަގުވާމީ މުބާރާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގެ ބައެއްގެ ގޮތުގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އޯޝަން މޭން މޯލްޑިވްސްގެ އިވެންޓުން އެ މަގްސަދު ހާސިލުވާނެ ކަމަށް ރާފިއު ވިދާޅުވި އެވެ. 

"އެހެންކަމުން އަޅުގަނޑުމެން ދެކެމުންދާ މި ހުވަފެނުގެ ބައިވެރިއަކަށްވެ ރާއްޖޭގެ ތާރީޚުގައި ބޭއްވޭ މިފަދަ މުހިންމު ހަރަކާތެއްގެ ބައިވެރިއަކަށްވީތީ އޯޝަންމޭން މޯލްޑިވްސް އަށް ޝުކުރު އަދާކުރަން. މިއީ މުޅި ދުނިޔެ ބަލައިގަންނަ އޯޕަން ވޯޓާ މިހާ ބޮޑު ސްވިމިން މުބާރާތެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު،" އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ރާފިއު ވިދާޅުވި އެވެ. 

އޯޝަންމޭން މޯލްޑިވްސްއަކީ ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ. 

މުބާރާޓުގެ ވާދަވެރި ރޭސްތައް ފަށާނީ މާދަމާ އެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ރޭސްތައް ކުރިއަށްދާނެ އެވެ. 

ސްވިމް މޯލްޑިވްސްގެ ޑައިރެކްޓަރު ހުސައިން ޝަމީމް ވިދާޅުވީ، އޯޝަން މޭންގައި ވާދަކުރާ އެތުލީޓުންނަށް ހިތްހަމަޖެހޭ ވަރުގެ އިންތިޒާމުތަކެއް މި އިވެންޓުން ހަމަޖެހިގެންދާނެ ކަމަށެވެ. 

މި މުބާރާތުގައި ޖުމްލަ 532 ފެތުންތެރިން ބައިވެރިވާނެ ކަމަށެވެ. މުބާރާތުގެ ބައިވެރިންގެ 72.37 ޕަސަންޓާކީ ބޭރުގެ ފެތުންތެރިންނެވެ. އެއީ 385 ބައިވެރިންނެވެ. ބާކީ 147 ފެތުންތެރިންނަކީ ދިވެހިންނެވެ.

ރާއްޖެ ފިޔަވައި އެންމެ ގިނަ ފެތުންތެރިން ބައިވެރިވަނީ އިންޑިއާއިންނެވެ. އެއީ 54 ފެތުންތެރިންނެވެ. 

އޯޝަން މޭން މޯލްޑިވްސްގައި ހިމެނޭ 10 ކިލޯމީޓަރުގެ ރޭހަކީ ރާއްޖޭގައި ބާއްވާ ވާދަވެރި މުބާރާތެއްގައި މިހާތަނަށް ހިމަނާ އެންމެ ދިގު ފެތުމުގެ ރޭހެވެ. ޖުމުލަ 46 ފެތުންތެރިން އެ ރޭހުގައި ބައިވެރިވާނެ އެވެ. 

ފަސް ކިލޯމީޓަރުގައި 143 ފެތުންތެރިން އަދި ދެ ކިލޯމީޓަރުގައި 181 ފެތުންތެރިން ވާދަކުރާނެ އެވެ. އަދި ދެ ކިލޯމީޓަރުގެ ފިންސް ކެޓަގަރީގައި 20 ފެތުންތެރިން ވާދަ ކުރާނެ ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.

ކުޑަކުދިންނަށް ޚާއްސަ "އޯޝަން ކިޑްސް" ގައި 73 ފެތުންތެރިން، އަދި ޓީމު އިވެންޓްތަކުގައި 23 ޓީމަކުން 69 ފެތުންތެރިން ބައިވެރިވެ އެވެ.

ސްވިމް މޯލްޑިވްސްއިން ބުނި ގޮތުގައި މިއީ ރާއްޖޭގެ ކުޅިވަރު ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މި މުބާރާތާ ގުޅިގެން އެތުލީޓުންނާއި އެމީހުންގެ އާއިލާތަކާއެކު 1,300 އަށް ވުރެ ގިނަ މީހުން މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.

އެތުލީޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން ގާތް މީހުންނާ އެކު 1,300 އަށް ވުރެ ގިނަ މީހުން އެ ދެ ދުވަހަށް މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.

މި ހަރަކާތުގެގެ ސްޕޮންސަރުންނަކީ އެމްއައިބީ އާއި ސޮލިޑް ޕްރޯ ސޮލިއުޝަންސް އެވެ. ހައިޑްރޭޝަން ޕާޓްނަރަކީ ބޮންއަކުއާ އެވެ. ރިސްކް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސެވެ.  އޮފިޝަލް ހޮޓެލް ޕާޓްނަރުންނަކީ އެރީނާ ހޮޓެލް އަދި ކާނި ހޮޓެލް އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކީ އައިކޮމް ޓުއާސް މާފުށި އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. މީޑިއާ ޕާޓްނަރަކީ މިހާރު އެވެ. 

 ވިޒިޓް މޯލްޑިވްސްއިން ވަނީ މި މުބާރާތް އެންޑޯޒް ކޮށްފަ އެވެ.