އެމެޒޯން، ރެޑިޓް އަދި ޓުވިޗް ހިމެނޭ ގޮތަށް ދުނިޔޭގެ މަޝްހޫރު ބޮޑެތި ވެބްސައިޓްތަކެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ޑައުންވީ، އެންމެ މީހަކު ކުރި ކަމެއްގެ ސަބަބުން ކަން، އެ ކަން މެދުވެރިވި ގޮތް ބެލުމަށް ކުރި ތަހުގީގުން އެނގިއްޖެ އެވެ.
ދުނިޔޭގެ ބޮޑެތި ވެބްސައިޓްތަކެއް ގަޑިއިރަކަށް ޑައުންވީ، ވަރަށް ގިނަ ވެބްސައިޓްތަކުން ސަޕޯޓް ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރާ، ކްލައުޑް ކޮމްޕިއުޓިންގެ ޚިދުމަތްދޭ ފާމެއް ކަމަށްވާ "ފާސްޓްލީ" އަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
މި ކަން މެދުވެރިވި ގޮތް ބެލުމަށް "ފާސްޓްލީ" އިން ކުރި ތަހުގީގުން އެނގުނީ، އެހެންވީ އެމީހުންގެ އެއް ކަސްޓަމަރަކު ސެޓިން ބަދަލުކޮށްލުމުން ކަމެވެ. އަދި އެމީހުންގެ ސޮފްޓުވެއާގައި އިން ބަގެއްގެ ސަބަބުން އެކަން ފާހަގަވެ ނުދިޔައިތީ ވެސް މާފަށް އެދުނެވެ.
ވަރަށް ގިނަ ވެބްސައިޓްތަކުން ސަޕޯޓް ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރާ، ކްލައުޑް ކޮމްޕިއުޓިންގެ ޚިދުމަތްދޭ ފާމެއް ކަމަށްވާ "ފާސްޓްލީ" އިން ބުނީ، ސޮފްޓުވެއާ ބަގެއް އިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަސްޓަމަރުންނަށް ފޮނުވި އާ އަޕްޓޭޓެއްގައި ކަމަށެވެ. މި ބަގްގެ ސަބަބުން "ފާސްޓްލީ" އިން ޚިދުމަތް ދެމުން އަންނަ 85 ޕަސެންޓް ސައިޓުތަކަށް އަސަރުކޮށްފައިވެ އެވެ.
މި މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުކޮށްފަ އެވެ.
އެއާ އެކު އިނގިރޭސިވިލާތުގެ ސަރުކާރުގެ ވެބްސައިޓާއި މަޝްހޫރު ނިއުސް ވެބްސައިޓުތައް ކަމަށްވާ ފައިނޭންޝަލް ޓައިމްސް އާއި ދަ ގާޑިއަން އަދި ދަ ނިއު ޔޯކް ޓައިމްސް ފަދަ ބޮޑެތި ނޫސްތަކުގެ ސައިޓުތައް ވެސް ޑައުންވި އެވެ.
ވެބްސައިޓްތައް ލޯޑުވާ ސްޕީޑް އަވަސްކުރުމަށްޓަކައި އަދި ސައިބާ އެޓޭކްސްތަކުން ވެބްސައިޓް ރައްކާތެރިކޮށްދިނުމަށް "ފާސްޓްލީ" އިން ބޭނުންކުރަނީ "އެޖް ކްލައުޑް" ކިޔާ ގްލޯބަލް ކޮންޓެންޓް ޑެލިވަރީ ނެޓްވޯކްކެވެ.
މިކަމުގެ ސަބަބުން އަސަރުކޮށްފައިވާ އެހެން ވެބްސައިޓްތަކުގެ ތެރޭގައި ނިއުސް ވެބްސައިޓް ސީއެންއެން އާއި ސްޓްރީމިން ވެބްސައިޓް ހުލޫ ވެސް ހިމެނެ އެވެ. އަދި ޓުވިޓާ އީމޯޖީސް އަށް ވެސް މިކަމުގެ ސަބަބުން މައްސަލަތަކެއް ދިމާވެފައިވެ އެވެ.
ހަމަ މި ކަހަލަ މައްސަލައެއް މީގެ ކުރިން، ކްލައުޑް ކޮމްޕިއުޓިންގެ ޚިދުމަތްދޭ އެހެން ފާމެއް ކަމަށްވާ އެމަޒަން ވެބް ސާވިސް އަށް ވެސް ދިމާވެފައިވެ އެވެ.