އާރުއޯއެލް އިން އާ ފްރަންޓް އޮފީހެއް ހުޅުވައި، ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭ ގޮތަށް ހަދާފައިވާ އެ ކުންފުނީގެ އާ ވެބްސައިޓް މިއަދު އިފުތިތާހު ކޮށްފި އެވެ.
އެ ކުންފުނީގެ އާ ފްރަންޓް އޮފީސް ހުޅުވީ ނަސަންދުރާ ފުރަގަހުގައި ހުންނަ ހ. ލަބުލާބު ވިލާގަ އެވެ. އާ އޮފީސް ހުޅުވައި، ވެބަސައިޓް އިފުތިތާހު ކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލު އެވެ.
"މިއީ އާރުއޯއެލް އަށް ލިބިގެން ދިޔަ ކުރި އެރުމެއް. ފާއިތުވި އަހަރުތަކުގައި އަޅުގަނޑުމެންނާ އެކު ތިބި ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އާ އޮފީހާ އެކު ޚިދުމަތްތައް ފެންވަރު ރަނގަޅުވެގެން ދާނެ،" އާރުއޯއެލްގެ ސީއީއޯ އިބްރާހިމް ރިޔާޒް ވިދާޅުވި އެވެ.
އާރުއޯއެލްގެ އާ ވެބްސައިޓަކީ އޮންލައިންކޮށް ބިލް ދެއްކޭ ގޮތަށް، ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބޭނެ، ޔޫޒާ ފްރެންޑްލީ ވެބްސައިޓެއް ކަމަށް އެ ކުންފުނީގެ މާކެޓިން ހެޑް މަނާލް ލަތީފް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ "މައިއާރުއޯއެލް"ގެ ނަމުގައި ވެބް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފަ އެވެ.
މަނާލް ވިދާޅުވީ އާރުއޯއެލް އިން ދެމުން ގެންދާ ޚިދުމަތްތައް ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމަކާ އެކު، އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
އާރުއޯއެލް އަކީ ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ "ދިވެހި ވަންތަ، ދިވެހިންގެ" ކުންފުންޏެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އެ ކުންފުނީގެ ވަޒީފާ އަށް މީހުން ނަގާއިރު ވެސް ދިވެހިންނަށް އިސްކަން ދެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.