މިރުސް ކެއުމަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ހާޓް އެޓޭކްތަކުން ސަލާމަތްކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގަައި ބުނާގޮތުން މިރުސް ނުކާ މީހުންނަށް ވުރެ، މިރުސް ކާ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަ އެވެ. އެގޮތުން ހަފުތާއަކު މަދުވެގެން ހަތަރު ފަހަރު ކުޅިކޮށް ކާ މީހުންނަށް ނުރައްކާތެރި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު 40 ޕަސަންޓަށް ދަށްކޮށްދޭ ކަމަށް ބުންޏެވެ.
ހަމަމިއާ އެކު މިރުސްކާ މީހުން އެ ނޫން މީހުންނާ އަޅާބަލާ އިރު، އެކި ކަހަލަ ސިއްހީ މައްސަލަތަކުގައި އަވަހަށް މަރުވުމުގެ ފުރުސަތު 23 ޕަސަންޓަށް ދަށްކޮށްދޭ ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
އިޓަލީގައި މި ދިރާސާ ހަދާފައި ވަނީ އަށެއްކަ އަހަރު ވަންދެން 22،811 މީހުންގެ ސިއްހީ ހާލަތު އެނަލައިޒްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު ކަމަކީ މިރުސް ކާ މީހުންނަށް ވުރެ، މިރުސް ނުކާ މީހުންނަށް ހާޓް އެޓޭކް ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވި މިންވަރު ނިސްބަތުން އިތުރުކަމެވެ.
ދިރާސާއާ ބެހޭ ގޮތުން އެޕިޑެމިއޮލޮޖިސްޓް މާރިއާލައުރާ ބޮނާޝިއޯ ވިދާޅުވީ ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ޑައިޓާއި މޯޓަލިޓީ ގުޅުން އޮތްކަން ކަމަށެވެ. އެގޮތުން ކެއުމުގެ ވައްޓަފާޅި ބައްޓަންކުރާ ގޮތާއި މީހާގެ އުމުރު ދިގުވުމާއި ކުރުވުން ގުޅިފައިވުމަކީ ޝައުގުވެރި ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ވަރަށް ހެލްތީ މެޑެޓެރޭނިއަން ޑައިޓެއް ފޮލޯކުރާ މީހަކާއި އެހާ ދުޅަހެޔޮ ނޫން ގޮތްގޮތަށް ކެއުމުގެ ވައްޓަފާޅި ގެންގުޅޭ މީހާ ވެސް ކެއުމުގައި މިރުސް ބޭނުންކުރާ ނަމަ އޭގެ ސަބަބުން ސިއްހީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ގެނުވައުދޭކަން ދައްކާ،" ބޮނާޝިއޯ ވިދާޅުވި އެވެ. "އޭގެ މާނައަކީ ކުޅިކޮށް ކެއުމާއި ދުޅަހެޔޮ ސިއްހަތަކާ ގުޅިފައިވާލެއް ބޮޑޭ."
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިރުސް ކެއުމުގެ މާނަ އަކީ ސީދާ ތާޒާކޮށް ހުންނަ ރޯ މިރުސް ކެއުމެއް ނޫނެވެ. އަދި މިރުހަކީ ވެރައިޓީ ވަރަށް ގިނަ އެއްޗަކަށްވާތީ މިރުގެ އެކި ބާވަތްތައް އެކި ގޮތްގޮތަށް ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުންޏެވެ.
"އެންމެ މުހިއްމު އެއް ކަމަކީ ކުޅިރަހަ ދޭ ގޮތަށް އަދި ކާހިތްވާ ގޮތްގޮތަށް ކެއުންތައް ތައްޔާރުކުރުން. ވަރަށް ގިނަ ބަޔަކަށް ކުޅި ރަހަ އަކީ ވަރަށް ވެސް ގަޔާވާ އަދި ކެއުން ފުރިހަމަކޮށްދޭން ލާޒިމް ރަހައަކަށް ވެސްވޭ،" އިޓަލީގެ ޔުނިވާސިޓާ ޑެލް އިންޒޫބްރިއާގެ ހައިޖީން އެންޑް ޕަބްލިކް ހެލްތު ޕްރޮފެސަރު ލީޝިއާ އިއަކޮވިއެލޯ ވިދާޅުވި އެވެ.