އާންމު ނޫން ޖަވާހިރުގެ ބާވަތެއް ކަމަށްވާ "ޕިންކް ޑަޔަމަންޑް" އެއް ނީލަމެއްގައި ރިކޯޑް އަގަކަށް ވިއްކާލައިފި އެވެ.
"ޕިންކް ލެގަސީ" ގެ ނަން ދީފައިވާ ޖަވާހިރު ނީލަމުގައި އެއްޗެހި ވިއްކާ އިނގިރޭސި ކުންފުނި ކްރިސްޓީޒުން ވިއްކައިލީގެ މީގެ ކުރިން މި ބާވަތުގެ ޖަހާވިރެއް ވިއްކައިފައި ނުވާވަރުގެ އަގަކަށެވެ. އެއީ 50.4 މިލިއަން ޑޮލަރު (778,680,000ރ.) އަށެވެ.
ނަވާރަ ކެރަޓްގެ "ޕިންކް ލެގަސީ" ޖެނީވާގައި ކުރިއަށް ގެންދިޔަ ކްރިސްޓީޒްގެ އެނުއަލް މެގްނިފަންޓް ޖުވެލް އޯކްޝަނުގައި ގަތީ އެމެރިކާގެ ހެރީ ވިންސްޓަން ކުންފުނިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖަވާހިރު ވިކުނީ ބިޑްކުރިތާ ފަސް ވަރަކަށް މިނިޓްގެ ތެރޭގަ އެވެ.
ކްރިސްޓީޒްގެ އިންޓަނޭޝަނަލް ޖުވެލަރީ ހެޑް ރާހުލް ކަޑާކިއާ ބުނި ގޮތުގައި "ޕިންކް ލެގަސީ" ދުނިޔޭގެ އެންމެ ފުރިހަމަ އަދި ތަދު ޖަވާހިރުންގެ ތެރެއިން އެއްޗެކެވެ. އަދި މިއީ އެހާ އާންމު ނޫން އަދި ވަރަށް ރައްކާތެރިކަމާ އެކު ރަނގަޅަށް ބެލެހެއްޓުމުން ދިޔަ ޖަވާހިރެއް ކަމަށް ބުންޏެވެ. ކްރިސްޓީޒުން ބުނި ގޮތުގައި "ޕިންކް ލެގަސީ" ކަނޑާފައި ވަނީ 1920 ގަ އެވެ.
"މި ވައްތަރުގެ ޖަވާހިރުގައި އާންމުކޮށް ހުންނާނީ ދިހަ ވަރަކަށް ކެރެޓް ނުވަތަ އެއަށް ވުރެ މަދުން،" ރާހުލް ބުންޏެވެ. "އެކަމަކު މިއީ ޖުމްލަ ނަވާރަ ކެރެޓްގެ ވަރަށް ވެސް ޗާލު ޖަވާހިރެއް."
މިދިޔަ އަހަރު ހޮންކޮންގުގައި 8.41 ކެރަޓްގެ ފިޔާތޮށި ޖަވާހިރެއް 17.8 މިލިއަން ޑޮލަރަށް ވިއްކާލައިފައިވެ އެވެ.