ކ. މާފުށީގެ ހުދު ދޮންވެލިގަނޑުމަތީގައި، ފަތިހުގެ ރަންއަލި ދޯދިތައް ކަނޑުގެ ނޫކުލައިގެ ތެރެއަށް ފޭދެމުންދިޔަ ވަގުތެވެ. ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށް ސްވިމް މޯލްޑިވްސްގެ "އޯޝަންމޭން މޯލްޑިވްސް" ގެ ފުރަތަމަ އިވެންޓު ފެށުމަށް 180 އަށް ވުރެ ގިނަ ފެތުންތެރިން ތައްޔާރުވަމުން ދިޔަ އެވެ. ސަފުސަފަށް އެތުރިގެން ތިބި އެ އެންމެންގެ ތެރެއިން "މިހާރު" ގެ ކެމެރާމަނުންގެ ލެންސްތަކުގައި އަޅައިގަތީ އެއްފައި ބުރިކޮށްލާފައި ހުރި މީހެކެވެ.
އަހަރެމެން އެންމެ ބޮޑަށް އަޅައިގަތީ އޭނާގެ ވަރުގަދަ އަޒުމާއި ހިތްވަރެވެ. އޭނާގެ މޫނުމަތިން އެ ހުރިހާ ކަމެއް ކިޔައިދެ އެވެ. ރާއްޖޭގެ މޫދަށާއި ދިވެހި ކަނޑަށް އޭނާ ކިތަންމެ އަލަސް ޖެހިލުންވުމުގެ އެއްވެސް އަސަރެއް އޭނާގެ ކިބަޔަކުން ނުފެނެ އެވެ.
މިދިޔަ އޭޕްރީލް 10 އަދި 11 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި "އޯޝަންމޭން މޯލްޑިވްސް" އިވެންޓުގައި 500 އަށް ވުރެ ގިނަ ފެތުންތެރިންގެ ތެރެއިން އެންމެ ހާއްސަ ފެތުންތެރިޔަކީ ކަޒަކިސްތާނުގެ ބަކްތިގުލް އަލިމްބެކޯވާ އެވެ.
އޯޝަން މޭންގެ އިވެންޓަށް އޭނާ ރާއްޖެ އައިސް މަތިންދާބޯޓުން ފައިބައި ޗެކްއައުޓްވެ ލޯންޗާ ހަމައަށް ދިޔައީ އެއާޕޯޓްގެ މުވައްޒަފެއްގެ އެހީތެރިކަމާ އެކު، ވީލް ޗެއާއެއްގަ އެވެ. އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯ އަށް ބަލާފައި، އޭނާ އަށް އެއްގޮތަކަށް ވެސް ނުހިނގޭ ކަމަށް ހީކުރެވުނެވެ.
ބަކްތިގުލްއަކީ އާދައިގެ އެތުލީޓެއް ނޫނެވެ. އޭނާއަކީ އެއް ފައި އަމްޕިއުޓޭޓް ކޮށްފައިވާ، ނުވަތަ ބުރިކޮށްލާފައިވާ މީހެކެވެ. ހިނގައިބިނގާވެ އުޅުމަށް ބޭނުންކުރަނީ އާޓިފިޝަލް ފަޔެކެވެ. އެ ފައިގައި ހިނގާބިނގާވެ އުޅުމަށް އުނދަގުލެވެ.
ނަމަވެސް ހެނދުނު ހެނދުނާ މާފުށީގެ މޫދުގެ ލޮނުގަނޑުގެ ތެރެއަށް މީހެއްގެ އެހީގައި ފުންމާލުމާ އެކު، އޭނާ ދައްކުވައިދެނީ އާދަޔާހިލާފު މަންޒަރެކެވެ. ބަކްތިގުލްގެ ހަށިގަނޑުގައި ހުރި ނުކުޅަދުންތެރިކަމަކީ އޭނާގެ ނަފުސަށް އެއްވެސް އަސަރެއް ކުރި ކަމެއް ނޫންކަން ސާބިތުކޮށްދެ އެވެ.
މަސްނޫއީ ފައި ނައްޓާލުމަށް ފަހު، މޫދަށް ފޭބުމަށާއި ރޭސް ނިންމާފައި މޫދުން އެއްގަމަށް އެރުމަށް ވޮލެންޓިއަރެއްގެ އެހީތެރިކަން ބަކްތިގުލް ބޭނުންކުރި އެވެ.
އޭނާގެ ކާމިޔާބީތަކުގެ ލިސްޓަށް ބަލައިލުމުން ތައުރީފު އޮހެ އެވެ. ރާއްޖެ އަށް އެންމެ ހޫނު މޫސުމުގައި ކަނޑުގެ ލޮނުގަނޑަށް ވެރިވެފައި އޮތް ތެއްހޫނުކަމާއި ބައެއް ފަހަރު ގަދަ އޮއިވަރުގެ ޖެހި ފަތަން އުނދަގޫވިކަން، ބައެއް ފެތުންތެރިން ފާހަގަ ކުރި އެވެ.
އެ ޝަކުވާ ކޮމެންޓެއްގެ ސިފައިގައި ވިޔަސް އަދި އަހަރެމެންގެ އިންޓަވިއުގައި ވެސް ބަކްތިގުލް ފާހަގައެއް ނުކުރެ އެވެ. އޯޝަން މޭން މޯލްޑިވްސްގެ އެންމެ ބޮޑު ދެ އިވެންޓްގައި ވާދަކުރި އިރު ވެސް އޭނާ ފާހަގަ ކުރީ ހިތްހަމަޖެހުމެވެ. ރާއްޖޭގެ ކަނޑުގައި ފަަތާލަން ލިބުމުން ކުރެވުނު އިހްސާސެވެ.
ތައިލެންޑުގެ އޯޝަންމޭން މުބާރާތުގެ 10 ކިލޯމީޓަރުގެ ރޭހުން ރަން މެޑަލް ހޯދި ބަކްތިގުލް ބުނީ މިފަދަ މުބާރާތްތަކަކީ މިހާރު އޭނާގެ ހަށިގަނޑުގައި އެއްބައި ކަމަށެވެ.
"އޯޝަންމޭން މުބާރާތްތަކުގައި އަހަރެން ބައިވެރިވާތާ މިހާރު އެތައް އަހަރެއް ވެއްޖެ. ހާމައަށް ހުޅުވިފައިވާ ކަނޑުތަކުގައި ފެތުމަކީ ހަމައެކަނި ކުޅިވަރެއް ނޫން. އެއީ އަހަރެންގެ ހަށިގަނޑުގެ ހަގީގީ ބައެއް،" އިއްޔެ އުމުރުން 56 އަހަރު ފުރުން ފާހަގަ ކުރި ބަކްތިގުލް ބުންޏެވެ.
ބަކްތިގުލްގެ ދިރިއުޅުން ބަދަލުވީ އޭނާގެ ޒުވާން ދުވަސްވަރު ދިމާވި ހިތާމަވެރި އެކްސިޑެންޓަކާ ގުޅިގެންނެވެ. އެ ހާދިސާގައި ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން އޭނާގެ ފައި ބުރިކޮށްލަން ޖެހުނީ އެވެ.
ގިނަ ބަޔަކު އެފަދަ ހާލަތެއްގައި އުންމީދު ކަނޑާލައި މާޔޫސްވެ އެވެ. ދިރިއުޅުމުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބަލައި، އެފަދަ ހާލަތްތައް ކުރިމަތިވި ގިނަ މީހުން ހިމޭންވެ އެވެ. އެކަމަކު ބަކްތިގުލް ނިންމީ ތަފާތު ގޮތަކަށެވެ.
"އަހަރެންގެ ދިރިއުޅުމުގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޒުވާން އިރު ދިމާވި ސީރިއަސް އަނިޔާ. އޭގެ ސަބަބުން އަހަރެންގެ ފައި ބުރިކޮށްލަން ޖެހުނު. ނަމަވެސް، އަހަރެން ނިންމީ އެއީ ނިމުން ކަމުގައި ނުބަލައި އާ ފެށުމެއް ކަމުގައި ބަލަން،" އޭނާ ބުންޏެވެ.
ރާއްޖޭގެ މޫދާއި ކަނޑުގައި ފެތުމަކީ ބަކްތިގުލް އަށް ލިބުނު ވަރަށް ތަފާތު ތަޖުރިބާއެކެވެ. މާފުށީގެ ހިތްގައިމު މާހައުލާއި ކަނޑުގެ ނޫކުލަ އޭނާގެ ހިތުގައި ބަދަލު ނުވާނެ ފަދަ ލޯތްބެއް އުފައްދައިފި އެވެ.
"ރާއްޖޭގައި ބޭއްވި އޯޝަންމޭން ރޭހުން އަހަރެންނަށް ހަގީގީ ހާއްސަ އިހުސާސްތަކެއް ކުރެވުނު. ކަނޑުގެ ކުލަޔާއި ގުދުރަތީ ރީތިކަމާއި އަދި މިނިވަންކަމުގެ އިހުސާސްތަކުން އުފެދުނީ ހަނދާނުން ނައްތާނުލެވޭނެ ފަދަ މާހައުލެއް. މި ތަޖުރިބާ އަބަދުވެސް އަހަރެންގެ ހިތުގައި ދެމިއޮންނާނެ،" އިނގިރޭސި ބަހުން ސާފުކޮށް ވާހަކަ ދައްކަން ނޭނގޭތީ ލިޔުމުން ޖަވާބު ދިން އިންޓަވިއުގައި އޭނާ ލިޔެފައިވެ އެވެ.
އިޓަލީގެ ޕަލާމޯގައި ބޭއްވި 25 ކިލޯމީޓަރުގެ އަލްޓްރާ އޯޝަންމޭން ރޭހުން އެއްވަނަ ހޯދި ބަކްތިގުލް ބުނިގޮތުގައި ކޮންމެ ރޭހަކީ ވެސް އަމިއްލަ ނަފްސުގެ މައްޗަށް ކުރި ހޯދުމަށް ކުރެވޭ މަސައްކަތެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ވެސް އިޓަލީގެ އެ ރޭހެވެ. ޖުމުލަ 25 ކިލޯމީޓަރުގެ ރޭސް ފުރިހަމަކުރީ މެދުކެނޑުމެއް ނެތި ނުވަ ގަޑިއިރާއި 14 މިނިޓުން 25 ކިލޯމީޓަރު ފަތައި ނިންމައިގެންނެވެ.
"އަހަރެންނަށް ކޮންމެ ރޭހަކީ ވެސް އަމިއްލަ ނަފްސުގެ މައްޗަށް ކުރި ހޯދުން. އަހަރެންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ޕަލާމޯގެ އަލްޓްރާ އޯޝަންމޭންގައި 25 ކިލޯމީޓަރު ނުވަ ގަޑިއިރާއި 14 މިނެޓުން ފަތައި ނިންމުން. އެއީ ހަމައެކަނި ކުޅިވަރުގެ ނަތީޖާއެއް ނޫން. އެއީ ކެތްތެރިކަމާއި ސާބިތުކަމާއި އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ކާމިޔާބީ،" އޭނާ ބުންޏެވެ.
މާފުށީގެ ބީޗްގައި ހަދާފައިވާ ސްޓޭޖްގައި ބަކްތިގުލް އަށް ހާއްސަ ޝަރަފުވެރި އެވޯޑެއް ދިނެވެ. އެވޯޑް ލިބުނު އެހެން ފެތުންތެރިން ބާރު ބާރަށް ފުންމަމަމުން ސިޑިން އަރައިގެން ދިޔަޔަސް، ބަކްތިގުލް ސިޑިން އެރީ ފަރުވާތެރިކަމާ އެކު، ހިތްވަރުންނެވެ. އޭނާ ސްޓޭޖަށް އަރައިގެން ދިއުމުން އެ ސްޓޭޖް ސަރަހައްދު ވަށައިގެން ތިބި އެހެން އެތުލީޓުންނާއި ބެލެނިވެރިންނާއި އޮފިޝަލުން ތަރުހީބުގެ އަތްތިލަ ބަޑިން އެތަން ކައްކުވައިލި އެވެ.
އެހެން އެއްވެސް އެތުލީޓަކަށް އެ ސްޓޭޖުން އެ ވަރުގެ ތަރުހީބެއް ނުލިބުނެވެ. ބަކްތިގުލް ބުނިގޮތުގައި އެއީ އޭނާ އަށް ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެކެވެ.
"މި އެވޯޑަކީ އަހަރެންނަށް ވަރަށް މާނަ ހުރި އެވޯޑެއް. މިއީ ހަމައެކަނި ކުޅިވަރުގެ ކާމިޔާބީއެއް ނޫން. މިއީ އަހަރެންގެ ދިރިއުޅުމުގެ ދަތުރާއި އަހަރެންގެ ބާރާއި ހިތްވަރުގެ އަގުވަޒަންކުރުމެއް. މިއީ ކުރިއަށް ދިއުމަށް އަހަރެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" އޭނާ ބުންޏެވެ.
ބަކްތިގުލްގެ މި ވާހަކައަކީ އޯޝަން މޭންގެ އެތުލީޓުންނާއި އެކި ހައިސިއްޔަތުން ބައިވެރިވި އޮފިޝަލުންނާއި ބެލެނިވެރިން ހިމެނޭހެން 1،300 އެއްހާ މީހުންނަށް ދިން ވަރުގަދަ ހިތްވަރެކެވެ. ނުކުޅެދުންތެރިކަމަކީ ހުވަފެންތަކުގައި ކުލަޖެއްސުމަށް އޮތް ހުރަހެއް ނޫން ކަން އޭނާ ވަނީ ދިވެހި ކަނޑުގައި ސާބިތުކޮށް ދީފަ އެވެ. ބަކްތިގުލްގެ އުންމީދަކީ އަދިވެސް އެއްފަހަރު ރާއްޖެ އައުމެވެ.
"އަހަރެން އަލުން އެނބުރި އަންނަން ވަރަށް ބޭނުން. ރާއްޖެއަކީ އަހަރެންނަށް ވަރަށް ހާއްސަ ތަނަކަށް ވެއްޖެ. އަދި އަލުން އެ މާހައުލު ތަޖުރިބާކޮށް އަމިއްލަ ނަފުސަށް ޗެލެންޖް ނަގަން އަހަރެން އަންނާނީ ވަރަށް އުފަލުން،" ދެހާސް ސައުވީސް ވަނަ އަހަރު ދުބާއީގައި ބޭއްވި އޯޝަން މޭންގެ ވޯލްޑް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހާސިލު ކުރި ބަކްތިގުލް ބުންޏެވެ.
ބަކްތިގުލް އަލިމްބެކޯވާ މާފުށީގެ ފަޅުން ބޭރަށް ކަނޑުގައި 10 ކިލޯމީޓަރަށް ފަތަމުން ދިޔައިރު، އޭނާގެ ފަހަތުން އުފެދެމުންދިޔަ ރާޅުބާނިތަކުން ކިޔައިދެނީ އެންމެ ވާހަކައެކެވެ. އެއީ ނުގުޑާ ފަދަ އަޒުމެއް އޮތް ނަމަ ކޮންމެ ކަނޑެއް ވެސް ހުރަސްކުރެވިދާނެ ކަމެވެ.
އޭނާ އަކީ ހަމަ ހަގީގަތުގައި ވެސް ދިވެހި ކަނޑުގައި ފެތި އެންމެ ހިތްވަރުގަދަ އެކަކެވެ.