ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގުވާމީ އޯޕަން ވޯޓަރ ސްވިމިންގ މުބާރާތް، "އޯޝަންމަން މޯލްޑިވްސް 2026" ގެ ސްޕްރިންޓް ކެޓަގަރީން ދިވެހި ފެތުންތެރިޔާ ޔޫސުފް ޒިޔާން ޒާހިދު އެއްވަނަ ހޯދައިފި އެވެ.
މިއަދު ހެނދުނު މާފުށީ ފަޅުތެރޭގައި ކުރިއަށްދިޔަ މި ރޭހުގައި ރާއްޖެއާއި ބޭރުގެ އެކި ގައުމުތަކުން ޖުމްލަ 182 އެތުލީޓުން ވާދަކުރި އެވެ.
ސްޕްރިންޓް ކެޓަގަރީ ނުވަތަ ދެ ކިލޯމީޓަރުގެ ރޭހުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޒިޔާން ހޯދީ ބޭރުގެ ދެ ފެތުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އެވެ. މި ކާމިޔާބީއާއެކު، ޒިޔާން ވަނީ މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އޯޝަންމަން ވޯލްޑް ފައިނަލް (ޗެމްޕިއަންޝިޕް) އިން ފުރުސަތު ކަށަވަރުކޮށްފަ އެވެ.
އޯޝަންމަން މޯލްޑިވްސް އިންތިޒާމު ކުރާ ސްވިމް މޯލްޑިވްސްގެ ޑައިރެކްޓަރު ހުސައިން ޝަމީމް ވިދާޅުވީ ޒިޔާންގެ މި ކާމިޔާބަކީ، ފެތުމުގައި ރާއްޖެ އަށް ބައިނަލްއަގްވާމީ އިވެންޓްތަކުގައި ރަނގަޅަށް ވާދަކުރެވިދާނެކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"އަހަރެމެން ލުކް ފޯވާޑް ކުރާ 10 ވަރަކަށް އެތުލީޓުން އެބަތިބި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ. ޒިޔާންގެ މިކާމިޔާބާ އެކު އެކަމަށް އެ ލިބުނީ ވަރަށް ބޮޑު ހިތްވަރެއް،" ޝަމީމް ވިދާޅުވި އެވެ.
ދެ ކިލޯމީޓަރުގެ ކެޓަގަރީ އެންމެ އަވަހަށް ނިންމީ، ވިއެޓްނާމްގެ އަންހެން އެތުލީޓް ވިންވިން އެވެ. އޭނާއަކީ އޯޝަންމަން މޯލްޑިވްސްގެ ފުރަތަމަ ރޭސް، އެންމެ އަވަހަށް ނިންމި އެތުލީޓެވެ.
ކ. މާފުށީގައި ކުރިއަށްދާ އިވެންޓްގައި މިއަދު ވަނީ އޯޝަން ކިޑްސް އިވެންޓާއި ޓީމު އިވެންޓް ކުރިއަށް ގެންގޮސްފައެވެ. މާދަމާ ކުރިއަށް ގެންދާނީ ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ އިވެންޓެވެ.
ދުނިޔޭގެ މަޝްހޫރު އޯޝަން މޭން ގްލޯބަލް ފްރެންޗައިޒްގެ ރާއްޖޭގެ އެޑިޝަން "އޯޝަން މޭން މޯލްޑިވްސް" ގައި 40 ގައުމަކުން 530 އަށް ވުރެ ގިނަ އެތުލީޓުން ވާދަ ކުރެ އެވެ.