އިންސާނެއްގެ ވަރުގަދަ ކަމަކީ ހަމައެކަނި އޭނާގެ ހަށިގަނޑުގެ ބާރު ގަދަވުމެއް ނުވަތަ މުދާ ގިނަވުމެއް ނޫނެވެ. ނަމަވެސް އެންމެ ވަރުގަދަ މީހަކީ އެ މީހެއްގެ ނަފުސު ކޮންޓްރޯލުކޮށް، ޝަހުވަތްތަކުގައި ވަޒަން ހަމަކޮށް ދިރިއުޅުމުގެ ހަގީގީ އަމާޒުތަކަށް ސީދާވާ ގޮތަށް އެ މީހެއްގެ އަޒުމްތައް ނުވަތަ އިރާދަތު ވަރުގަދަ މީހާ އެވެ. 

މީގެ މާނައަކީ ކަންކަމުގައި ތިމާ ބޭނުންވާ ގޮތަށް ގޮތް ނިންމުމުގެ މިނިވަންކަމާއި ބާރު އޮތުމެވެ. މުސްލިމަކަށް ނަމަ މިބާރު ވަރުގަދައޭ ބުނެވޭނީ ހަވާނަފުސުގެ އެދުންތަކާއި ޝައިތާނާގެ ވަސްވާސްތަކާ އިދިކޮޅަށް، އިސްލާމްދީން ކަނޑައަޅާފައިވާ ހަމަތަކަށް ފެތޭނެހެން ގޮތް ނިންމުމުގެ ބާރާއި އަޒުމް އޮތް ނަމަ އެވެ. މި ބާރު ވަރުގަދަ ކުރެވޭނީ ވަރުގަދަ ތަރުބަވީ މަސައްކަތުންނެވެ. މިކަމުގައި އަގީދާ އާއި އަޅުކަމާއި ސުލޫކު ހިމެނެން ވާނެ އެވެ. ނަފުސު ތަޒުކިޔާ (ތާހިރުކޮށް ތަހުޒީބު) ކުރެވެން ވާނެ އެވެ. 

މިގޮތުން މުޅި ނަފުސުގެ އެތެރެފުށުން ވަރުގަދަވާން ޖެހެ އެވެ. މިގޮތަށް އިންސާނާގެ އަޒުމާއި އިރާދަތު ވަރުގަދަ ކުރަން އިސްލާމް ދީނުގައި ސަމާލުކަން ދީފައިވެ އެވެ. ސަބަބަކީ ފަރުދުންނާއި މުޖުތަމައު އިސްލާހު ކުރެވޭނީ މިގޮތަށް ނަފުސުތައް އެތެރެފުށުން އިސްލާހު ކޮށްގެން ކަމަށް ވާތީ އެވެ.  

އަޒުމް ވަރުގަދަ ކުރާނީ ކިހިނަކުން؟ 

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާގެ އެންމެހާ ސުލޫކުތައް އިޚުތިޔާރު ކުރުމުގައި އަޒުމް ނުވަތަ އިރާދަތު ވަރުގަދަ ކުރުމަކީ ހަމައެކަނި ނަފުސުގައި ކަމެއް ކުރުމުގެ އެދުން އޮތުމެއް ނޫނެވެ. ނަމަވެސް އެއީ އެކަމަކާ މެދު ގޮތް ނިންމުމަށް ވަރަށް ރަނގަޅަށް ހޭލުންތެރިވުމާއި އުރެދުމުގެ މައްޗަށް ކިޔަމަންތެރިވުން އިސްކުރުމާއި ޝަހުވަތުގެ މައްޗަށް މަސްލަހަތު އިސްކުރުމާއި އަވަސްވެ ގަތުމުގެ މައްޗަށް ވިސްނުންތެރިކަން އިސްކޮށްގެން ގޮތް ނިންމަން ގާބިލުވުމެވެ. އައްނާޒިޢާތު ސޫރަތުގެ 40 އާއި 41 ވަނަ އާޔަތުގައި ﷲ ބަޔާން ކުރައްވަނީ އެ މީހާގެ ވެރި ރަސްކަލާނގެ ހަޒުރަތުގައި ހުންނަން ޖެހޭ ހުރުމަށް ބިރުވެތިވެ އެ މީހެއްގެ ނަފުސު އަމިއްލަ އެދުންތަކުން ދުރުކޮށްފި މީހާ ހަމަކަށަވަރުން ވެސް އުޅޭނެ ތަނަކީ ސުވަރުގެ ކަމަށެވެ. މިތަނުގައި ﷲއަށް އޮންނަ ބިރާއި ނަފުސުގެ އެދުންތަކާ ދެމެދު އިންސާނާ ވިސްނައި ފިކުރު ކުރުމަށް ފަހު އަދި އޭނާގެ ޖަޒުބާތުތަކުން އެކަން ބަލައިގަތުމަށް ފަހު އޭނާ ގޮތް ކަނޑައަޅަނީ ހަވާނަފުސުގެ އެދުންތައް ދޫކޮށްލާށެވެ. އެހެންކަމުން އޭނާގެ އިރާދަތު އެ ވަނީ ވަރަށް ވަރުގަދަ ކޮށެވެ.

ހަމައެފަދައިން އައްޝަމްސު ސޫރަތުގެ 9 އާއި 10 ވަނަ އާޔަތުގައި ﷲ ބަޔާން ކުރައްވަނީ ނަފުސު ތަޒުކިޔާކޮށްފި މީހާ ކާމިޔާބުވެއްޖެ ކަމަށެވެ. އަދި ނަފުސު މުޑުދާރުކޮށް، އެ އަށް އުނިކަންދީފި މީހާ ނާކާމިޔާބުވެއްޖެ ކަމަށެވެ. މިތަނުގައި ނަފުސު ތަޒުކިޔާކުރި މީހާ އަށް އެކަން ކުރެވޭނީ އެ މީހާގެ އިރާދަތު ނުވަތަ އަޒުމް ވަރުގަދަވެގެންނެވެ. ސަބަބަކީ ނަފުސަށް އުނިކަންދޭން ނުވަތަ މުޑުދާރުކުރަން ކޮންމެހެން އަޒުމް ވަރުގަދަވާކަށް ނުޖެހެ އެވެ. ހަވާނަފުސާއި ޝައިތާނާގެ ވަސްވާސްތައް ވަރަށް ފަސޭހަކަމާއެކު އެކަން ކޮށްދޭނެ އެވެ. 

ހަގީގީ ބާރުގެ އަސާސަކީ ނަފުސު ކޮންޓްރޯލު ކުރުން 

ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އެންމެ ވަރުގަދަ މީހަކީ ބައްދައިގެން ގަދަވާމީހާ އެއް ނޫނެވެ. ނަމަވެސް ވަރުގަދަ މީހަކީ ރުޅި އަންނަ ހިނދު އެ މީހެއްގެ ނަފުސު ކޮންޓްރޯލު ކުރެވޭ މީހާ އެވެ (މުއްތަފަޤު).

މި ހަދީސުން އެކަނޑައަޅައި ދެނީ އިންސާނާގެ އެތެރެފުށުން އޭނާގެ އިރާދަތު ވަރުގަދަ ކުރެވޭނެ ކަމެވެ. އެބަހީ ޖަޒުބާތުތައް ކޮންޓްރޯލު ކުރުމުގެ ބާރެވެ. ރުޅީގެ ޖަޒުބާތު ހިފަހައްޓާލައި ކޮންޓްރޯލު ކުރެވޭ ކަމަށްވާ ނަމަ އެ ވަނީ ވަރަށް ވަރުގަދަ ބާރެއް ލިބިފަ އެވެ. ހަމަ މިފަދައިން އަމިއްލަ ނަފުސާ ޖިހާދު ކުރުމަކީ ވެސް އިރާދަތުގެ ވަރުގަދަކަން ދައްކައިދޭ ކަމެކެވެ.

ރަސޫލާ ﷺ ބަޔާންކުރައްވާ ގޮތުގައި އެންމެ ވަރުގަދަ މުޖާހިދަކީ ހަނގުރާމައިގައި ބައިވެރިވާ މީހާ އަށް ވުރެ ﷲ އަށް ކިޔަމަންވުމުގައި އެ މީހެއްގެ އަމިއްލަ ނަފުސާ ޖިހާދުކުރާ މީހާ އެވެ (އައްތިރުމިޛީ). މިގޮތުން ނަފުސާ ޖިހާދުކޮށް، ނަފުސު ކޮންޓްރޯލުކުރާ މީހާ އެއީ އިރާދަތުގައި ނުވަތަ އަޒުމުގައި އެންމެ ވަރުގަދަ މީހާ އެވެ. އެހެނީ އެމީހާ އުޅެން ޖެހިފައިވަނީ ހަވާނަފުސާ އެކު ދާއިމީ ކޯޅުމެއްގައި ކަމަށް ވާތީ އެވެ.  

ނަފުސުގެ ޖިހާދަކީ ދެމިގެންދާ ތަރުބަވީ މަސައްކަތެއް 

އިންސާނާގެ ނަފުސުގައި ނުބައި މަގަށާއި ރަނގަޅު މަގަށް ދިއުމުގެ ބާރު އޮތަސް ނަފުސު އެންމެ ބޮޑަށް ލެނބޭނީ ނުބައި މަގަށެވެ. އެއީ އަވަސް ލައްޒަތާއި ރާހަތުގެ މަގު ކަމަށް ވާތީ އެވެ. ﷲ ބަޔާން ކުރައްވަނީ ނަފުސަކީ އެކަލާނގެ ރަހުމަތް ނުލައްވައިފި ނަމަ ނުބައި ކަންކަމަށް އަބަދުވެސް އަމުރުކުރާ އެއްޗެއް ކަމަށެވެ. ނަމަވެސް މި ނަފުސާ ޖިހާދު ކޮށްގެން ނަފުސުގެ މައްޗަށް ގަދަވެގަނެވޭނެ ކަމަށެވެ. މިކަމަށް ބޭނުންވަނީ ތަރުބަވީ މަސައްކަތެކެވެ.

އެންމެ މުހިންމު ކަމަކީ ނަފުސު މުރާޤަބާ ކުރުމެވެ. އެބަހީ ތިމާގެ އަމަލުތައް ތިމާ އަމިއްލަ އަށް މޮނީޓަ ކުރުމެވެ. މިކަމުގައި ﷲގެ މުރާޤަބާ (އެބަހީ ﷲ ތިމާގެ އަމަލުތައް ބައްލަވާވޮޑިގަތުން) އަބަދުވެސް ހަނދާނުގައި ބެހެއްޓުން މުހިންމެވެ. އީމާންކަމާއި އިސްލާމްކަމަށް ފަހު އިހުސާންކަން ފުރިހަމަވާނީ އޭރުންނެވެ. ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އިހުސާން ކަމަކީ ﷲ ދެކެދެކެ ހުރެ އަޅުކަން ކުރާ ފަދައިން ﷲ އަށް އަޅުކަން ކުރުމެވެ. 

ނަފުސުގެ ޖިހާދުގައި ދެވަނަ އަށް ބޭނުންވަނީ ކެތްތެރިވުމެވެ. އާލްޢިމްރާން ސޫރަތުގެ 200 ވަނަ އާޔަތުގައި މުއުމިނުންނަށް ﷲ އަންގަވަނީ ކެތްތެރިވުމަށެވެ. އަދި ހަނގުރާމައިގައި ދުޝްމަނުންނަށް ވުރެ ބޮޑަށް ކެތްތެރިވުމަށެވެ. ﷲ ގެ މިއަމުރަށް ކިޔަމަން ވެވޭނީ މީހާގެ އިރާދަތު ވަރުގަދަ ކުރެވިގެންނެވެ. މިއީ ކެތްތެރިކަމާ ނުލައި ނުކުރެވޭނެ ކަމެކެވެ. އެހެނީ ކެތްކުރަން ތަމްރީނު ލިބޭ ވަރަކަށް ނަފުސު ކޮންޓްރޯލު ކުރުމުގެ އިރާދަތު ނުވަތަ އަޒުމް ވަރުގަދަ ވާނެތީ އެވެ. 

ނަފުސުގެ ޖިހާދުގައި ތިންވަނަ އަށް ބޭނުންވަނީ ނަތީޖާ އަށް އަވަސްވެ ނުގަތުމެވެ. އެހެނީ އަވަސްވެގަނެފި ނަމަ ފަނާވަނިވި ކަންކަމަށް އިސްކަން ދެވިދާނެ އެވެ. ދުނިޔަވީ ހަޔާތް ކާމިޔާބު ކުރަން އަވަސްވެއްޖެ ނަމަ ނަތީޖާ އަކީ އެ އަށް ވުރެ ހެޔޮކަން ބޮޑު އަދި ދެމިހުންނަނިވި ހަޔާތް ނާކާމިޔާބު ވުމެވެ (އަލްއަޢުލާ 16-17). 

އަޒުމް ވަރުގަދަ ކުރުމުގައި އަޅުކަމުގެ ދައުރު

އިސްލާމް ދީނުގައި އަޅުކަމަކީ ހަމައެކަނި ދީނީ ޝިއާރުތަކެއް ނޫނެވެ. އެކަމަކު ކޮންމެ އަޅުކަމަކީ ވެސް އެއިން ތަޤުވާ ހާސިލުކޮށް ނަފުސު ތަޒުކިޔާ ކުރަން އޮންނަ ތަމްރީނެކެވެ.

ނަމާދަކީ ފާޙިޝް ކަންކަމާއި މުންކަރާތްތަކުން ދުރުހެލިވުމުގެ ބާރު ހޯދާ ތަމްރީނެކެވެ (އަލްޢަންކަބޫތު 45). ޒަކާތަކީ މުދަލަށް އޮންނަ ދަހިވެތިކަމުގެ ބާރު ވަޒަންހަމަ ކުރުވާ ކަމެކެވެ (އައްތައުބާ 103). ރޯދައަކީ ކެތްތެރިކަން ހާސިލުކޮށް އެންމެ ވަރުގަދަ އަށް ނަފުސު ކޮންޓްރޯލު ކުރުވާ އަޅުކަމެވެ. މި އަޅުކަމުގެ ވެސް މަގުސަދަކީ ތަގުވާ ހާސިލު ކުރުމެވެ (އަލްބަޤަރާ 183). މި އަޅުކަމުގައި އިންސާނާ އަށް ކެތްކުރަން އެންމެ އުނދަގޫ ޝަހުވަތްތައް ހިފަހައްޓަން ތަމްރީނު ހޯދެ އެވެ. 

ހައްޖުގެ އަޅުކަމުގައި ވެސް އެތައް ކަމެއް ގުރުބާންކޮށް ނަފުސު ހިފަހައްޓާލަން ޖެހެ އެވެ. މި ދަތުރުގައި ދަތުރު ކޮއްތަށް ވުރެ ތަޤުވާގެ ކޮއްތު ލިބިގަންނަން އިސްކަންދޭން ޖެހެ އެވެ (އަލްބަޤަރާ 197). މިގޮތުން ނަފުސު ތަޒުކިޔާވުމުން އިންސާގެ އަޒުމް ނުވަތަ އިރާދަތު އެވަނީ ވަރުގަދަ ވެފަ އެވެ. 

އަޒުމް ވަރުގަދަ ވުމުގެ ފައިދާތައް 

މަތީގައި ބަޔާންކުރެވުނު ގޮތަށް އަޒުމް ނުވަތަ އިރާދަތު ވަރުގަދަ ކުރެވިއްޖެ ނަމަ ގިނަ ފައިދާތަކެއް ލިބެ އެވެ. އެއް ފައިދާއަކީ ވަކި ހަމަތަކެއް ނުވަތަ އުސޫލުތަކެއްގެ މަތީ ސާބިތުވެ ދެމިހުރުމަށް ބާރު ލިބުމެވެ (ފުއްޞިލަތު 30). ދެވަނަ ފައިދާއަކީ ދުނިޔަވީ ހަޔާތުގައި ކާމިޔާބުވުމެވެ (އަލްޢަންކަބޫތު 69). ތިންވަނަ ފައިދާއަކީ އާހިރަތުގެ ކާމިޔާބު ލިބުމެވެ (ފުއްޞިލަތު 46). ހަތަރުވަނަ ފައިދާއަކީ ކަންކަމުގައި އިސްނަގައި އަޒުމްވަރު ގަދަ ޝަހުސިއްޔަތަކަށް މީހާ ވުމެވެ.

ނަބިއްޔާ ހަދީސް ކުރައްވަނީ "ތިބާ އަށް މަންފާ ހުރި ކަންކަމަށް ފަރުވާތެރިވާށެވެ! އަދި ﷲގެ ހަޒުރަތުން ވާގި އެދޭށެވެ! އަދި ނިކަމެތިވެ ނުގަންނާށެވެ!" (މުސްލިމް) މިއިން އިރުޝާދު ލިބެނީ މީހާގެ އިރާދަތު ނުވަތަ އަޒުމް ވަރުގަދަކޮށް ބެހެއްޓުމަށެވެ. 

އާދެ، މިގޮތުން މީހާގެ ނަފްސު ކޮންޓްރޯލުކޮށް، ގޮތްކަނޑައެޅުމުގެ ބާރު ވަރުގަދަކުރަން ޖެހެ އެވެ. މީހާގެ އަޒުމް ނުވަތަ އިރާދަތު ވަރުގަދަ ކުރެވޭނީ މި ބާރު ލިބިގެންނެވެ.