އިންސާނީ މުޖުތަމައުތަކުގައި ހަމަޖެހިގެން އަމާންކަންމަތީ ދިރިއުޅުމަށްޓަކައި ރިވެތި އަހުލާގަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ރިވެތި އަހުލާގު ނެތިއްޖެ ތަނެއްގައި ނުބައި ކަންތައްތައް އާންމުވެ، ހަމަނުޖެހުމާއި ތަޅާފޮޅުންތައް ގިނަވާނެ އެވެ. ފޭރުމާއި ވައްކަމާއި މާރާމާރީ ހިންގުން ފަދަ ނުބައި ޖަރީމާތައް އިތުރު ވާނެ އެވެ.
މިކަމުން ސަލާމަތް ވުމަށްޓަކައި އަހުލާގީ ތަރުބިޔަތަށް ކޮންމެ މުޖުތަމައަކުން ވެސް ސަމާލުކަން ދެ އެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް މިފަދަ ޕްރޮގްރާމްތައް ގެންދަން މަސައްކަތް ކުރެވެ އެވެ. މި މަސައްކަތަކީ ވަރަށް ގިނަ ބައެއްގެ ބައިވެރިވުން ބޭނުންވާ މަސައްކަތެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ އާއިލާ އިން އަދާކުރަންޖެހޭ ދައުރު ފުރިހަމަ އަށް އަދާކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
އަހުލާގީ ތަރުބިޔަތުގެ ޒިންމާގެ އެންމެ އިސް ފަރާތަކީ އާއިލާ
އިސްލާމްދީނުގައި އިންސާނާ އަހުލާގީ ގޮތުން ތަރުބިޔަތު ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެ އެވެ. އަދި މިތަރުބިޔަތު ކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތަކީ އާއިލާ ކަމުގައި ބަލާފައި ވެ އެވެ. ކީރިތި ޤުރުއާނުގެ އައްތަޙްރީމު ސޫރަތުގެ 6 ވަނަ އާޔަތުގައި، އީމާންވީ މީހުންނަށް މާތްﷲ އަންގަވަނީ އެ މީހުންގެ އަމިއްލަ ނަފްސުތަކާއި އެ މީހުންގެ އަނބިދަރިން ނަރަކައިން ސަލާމަތް ކުރުމަށެވެ. ނަރަކައިން ސަލާމަތް ވެވެނީ މާތްﷲ އަށް ތަގުވާވެރި ވެގެންނެވެ.
އެހެންކަމުން ތިމާ ތަގުވާވެރި ވުމުގެ އިތުރަށް ތިމާގެ އަނބިދަރިން ތަގުވާވެރި ކުރުމަށް މަސައްކަތް ކޮށްގެން ނޫނީ ނަރަކައިން ސަލާމަތް ވުމުގެ ފުރުސަތެއް ނެތެވެ. އަދި ކީރިތި ރަސޫލާ ﷺއަންގަވަނީ ކޮންމެ މީހަކީ ވެސް މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހޭ މީހެއް ކަމުގަ އެވެ. މިގޮތުން ފިރިހެނާ އޭނާގެ އާއިލާއާ މެދު މަސްއޫލު ވާން ޖެހޭކަން އެކަލޭގެފާނު ވަނީ ބަޔާން ކުރައްވާފަ އެވެ.
މި މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރެވުނު ކަމަށް ވާނީ އާއިލާ ހެޔޮ ގޮތުގައި ތަރުބިޔަތު ކޮށްގެންނެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމަށް ކުރާ މަސައްކަތަކީ އެކަމަށް ވަރަށް ބޮޑު ހެޔޮ ޖަޒާ ލިބެނިވި ކަމެއް ކަން އިސްލާމް ދީން ބަޔާން ކުރެ އެވެ. އިސްލާމްދީނުގައި އާއިލީ ތަރުބިޔަތަށް މިވަރުގެ ސަމާލުކަމެއް ދީފައި ވަނީ އާއިލާއަކީ މުޖުތަމައުތައް އުފެދުމުގެ ބިންގާ ކަމުގައި ވާތީ އެވެ. މުޖުތަމައުގައި ރިވެތި އަހުލާގު ދެމިގެންދާނީ އާއިލާތަކުގައި އަޚުލާގީ ތަރުބިޔަތެއް ގާއިމު ކުރެވިގެންނެވެ.
އަހުލާގީ ތަރުބިޔަތު ހަރުދަނާ ކުރުމަށް ހުރަސް އެޅޭ ސަބަބުތައް
މުޖުތަމައުތަކަށް އަންނަ ބަދަލުތަކާ އެކު އަހުލާގީ ތަރުބިޔަތު ހަރުދަނާ ކުރުމަށް ހުރަސްއެޅޭ ސަބަބުތަކެއް ވެ އެވެ. އެއް ސަބަބަކީ ތަފާތު އެކި ކަހަލަ އުފެއްދުންތަކާއި ހިދުމަތްތަކުގައި މަސައްކަތް ކުރާ މީހުން އެ މީހުންގެ އަމިއްލަ މަސްލަހަތަށްޓަކައި އެކަނި ވިސްނުމެވެ. އަހުލާގީ މިންގަނޑުތަކަށް އަރައިގަނެވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ މީހުންނަށް މުހިންމު ކަމަކަށް ނުވުމެވެ.
މި ހަގީގަތް އާއިލާތަކަށް ނޭނގޭ ނަމަ ދަރިން މިފަދަ ކަންކަމަށް ހޭލުންތެރިކޮށް ނުދެވޭނެ އެވެ.
ދެވަނަ ސަބަބަކީ ބައެއް މައިންބަފައިންނަށް އަހުލާގީ ތަރުބިޔަތުގެ މުހިންމު ކަމާ މެދު ހަރުދަނާ ވިސްނުމެއް ނުގެންގުޅެވުމެވެ. އާއިލާއެއް އުފެދުމުގެ ބޭނުމަކީ ޖިސްމާނީ ބޭނުންތަކެއް އެކަނި ފުއްދުން ކަމަށް ބައެއް މީހުން ބަލައިފާނެ އެވެ. އަދި ތިމާ އުފުލަންޖެހޭ މާބޮޑު ޒިންމާއެއް ނެތް ކަމަށް ބައެއް މީހުން ހީކޮށްފާނެ އެވެ. އެހެންކަމުން އާއިލާއެއް ބެލެހެއްޓުމަކީ ނުއުފުލޭވަރުގެ ބޮޑު ޒިންމާއެއް ކަމަށް ބަލައި ފަރުވާ ކުޑަކުރެވެ އެވެ.
ތިންވަނަ ސަބަބަކީ އާއިލާއާ މެދު ހަރުދަނާ ވިސްނުމެއް ގެންގުޅުނު ނަމަވެސް އެ ވިސްނުމާ އެއްގޮތަށް ކަންކަން ތަންފީޒު ނުކުރެވުމާއި އާއިލާގެ މަސްއޫލިއްޔަތު އުފުލަން ތިބޭ މީހުން ނަމޫނާ ބައަކަށް ނުވެވުމެވެ. ނަމޫނާ ބަޔަކަށް ވުމަކީ ތިމާގެ އުޅުމާއި ސުލޫކު ވަކި ގޮތެއްގައި ހުރެފައި ކުދިންގެ ކުރިމަތީ އެހެން ގޮތަކަށް ދެއްކުމެއް ނޫނެވެ.
ނަމަވެސް ނަމޫނާ އަކަށް ވުމަކީ ތިމާގެ އުޅުމާއި ސުލޫކު ރިވެތި ވުމެވެ. އޭރުން ރީތި ނަމޫނާ (ދެއްކުމަކާ ނުލައި) ފެނިގެންދާނެ އެވެ. މިފަދަ ނަމޫނާ ބައަކަށް ނުވެވޭ ނަމަ ދަރިންގެ ކުރިމަތީ މައިންބަފައިންނަކީ އެއްވެސް ބާރެއް ނެތް ބައަކު ކަމުގައި ވެދެ އެވެ. އެހެނީ ރަނގަޅު ކަމަކަށް އަމުރު ކުރަން ނުވަތަ އެފަދަ ކަމެއް ހަނދާން ކޮށްދޭން ބަލާއިރު ތިމާ އަކީ އެފަދަ މީހަކަށް ނުވާ ނަމަ ދަރިންގެ ގާތުގައި އެފަދަ ކަމެއްގެ ވާހަކަ ބުނަން ޖެހިލުން ވާނެ އެވެ. އެހެންވެ ދެން ޖެހެނީ އެކަމުގެ ވާހަކަ ނުދައްކައި ހުންނާށެވެ. ނަތީޖާއެއްގެ ގޮތުން ދަރިން އެދާ މަގަކުން ދަނީ އެވެ. މައިންބަފައިންގެ އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ އެވެ.
އަހުލާގީ ތަރުބިޔަތު ހަރުދަނާ ކުރުމަށް ހުރަސް އެޅޭ ހަތަރުވަނަ ސަބަބަކީ ފަންނިޔަތުގެ ދާއިރާގެ ތަރައްގީއާ ގުޅިގެން ބޭނުން ކުރެވެމުންދާ ވަސީލަތްތައް ބޭނުން ކުރެވޭ ގޮތާ މެދު ދޭންވާ ސަމާލުކަން ނުދެވުމެވެ.
އަދި ބޭރުން ލިބޭ ތަރުބިޔަތަކީ ހަގީގަތުގައި ރިވެތި އަހުލާގާ ފުށުއަރާ ތަރުބިޔަތެއް ކަމުގައި ވެގެންދާނެކަން ވެސް ދަންނަން ޖެހެ އެވެ.
ތަފާތު ޓީވީ ޗެނަލްތަކާއި އިންޓަނެޓާއި ނޫސްމަޖައްލާތަކުން ޝާއިއު ކުރާ ލިޔުންތަކާއި ޕުރޮގުރާމު ތަކާއި ޚަބަރުތައް ފަދަ އެއްޗެއްސަކީ އެ ތަކެތި އުފައްދާ ފަރާތްތަކުން އެކަން ކުރުމުގައި އޮންނަ ވިޔަފާރީގެ މަގުސަދުތަކެއް ހާސިލު ކުރުމަށް ނުވަތަ ބައެއް ފަހަރު ގަސްދުގައި މުސްލިމުންގެ ވިސްނުމަށް ބަދަލު ގެނެސް އެބައިމީހުންގެ ސަގާފަތު ބަދަލު ކުރުމަށް ކުރާ ކަންތައްތައް ކަން ދެނެ ނުގަނެވެ އެވެ. އަދި ހިފެހެއްޓުމެއް ނެތި އެފަދަ ވަސީލަތްތަކުގެ ބޭނުން ހިފަން ދަރިން ދޫކޮށް ލެވެ އެވެ. މިފަދަ ކަންކަމާ މެދު ދުރާލާ ވިސްނާލައި އެކަށޭނަ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ފަހުން ކަންތައްތައް ގޯސްވުމުން ދެން ހަދާނެ ގޮތް އޮންނާނީ ހުސްވެފައެވެ.
އަހުލާގީ ތަރުބިޔަތުގައި އާއިލާގެ ދައުރު ފުރިހަމަ ކުރުން
އާއިލާއަކީ އެ ތަނެއްގައި އަހުލާގީ ތަރުބިޔަތު ގާއިމު ކުރުން އެންމެ މުހިންމު އެއްތަނެވެ. އެހެނީ ކުދިންގެ ތަރުބިޔަތު ފެށިގެން އަންނަނީ އާއިލާ އިން ކަމަށް ވާތީ އެވެ. އާއިލާ ބެލެހެއްޓުމުގައި މަސްއޫލިއްޔަތު އުފުލަންޖެހޭ ކޮންމެ މީހަކީ އެކަމާ މަސްއޫލު ވާން ޖެހޭ މީހެކެވެ. އެ މަސްއޫލިއްޔަތު ނުއުފުލައިފި ނަމަ އެހެން ބައެއްގެ ހައްގުތައް ގެއްލިގެންދެ އެވެ. އަދި މުޅި އާއިލާ ފުނޑުފުނޑުވެ ކުށްތަކާއި ޖަރީމާތަކުގެ މުޖުތަމައަކަށް ދަރިންތައް ނެރެވިދެ އެވެ.
އެހެންކަމުން އަހުލާގީ ތަރުބިޔަތު ހަރުދަނާ ކުރުމަށް ހުރަސް އެޅޭ ސަބަބުތަކުގެ ގޮތުގައި މަތީގައި ފާހަގަ ކޮށްފައިވާ ފަދަ ކަންކަމާ މެދު އާއިލާތަކުން ފުންކޮށް ވިސްނަން ޖެހެ އެވެ. އަދި އަހުލާގީ ތަރުބިޔަތަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ތެރޭ ހިމެނޭ ވަރަށް މުހިންމު އެއް އަރިމަތިކަން ދެނެގަންނަން ޖެހެ އެވެ.
ގޭތެރެއިން މި ތަރުބިޔަތު ދަރިންނަށް ނުދެވޭ ނަމަ ބޭރުން އެކަން ތިމާމެންނަށް ކޮށްދޭނެ އެހެން ބަޔަކު ނުވާނެ ކަން ހަނދާން ކުރަންޖެހެ އެވެ. އަދި ބޭރުން ލިބޭ ތަރުބިޔަތަކީ ހަގީގަތުގައި ރިވެތި އަހުލާގާ ފުށުއަރާ ތަރުބިޔަތެއް ކަމުގައި ވެގެންދާނެކަން ވެސް ދަންނަން ޖެހެ އެވެ. މިކަންކަން އެނގުމަށް ފަހު އަހުލާގީ ފުރިހަމަ ތަރުބިޔަތެއް ދިނުމަށްޓަކައި އިސްލާމީ އިރުޝާދުތަކާ އެއްގޮތަށް ކޮންމެ އާއިލާއަކުން ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ކުރިމަތީގައި ކިތަންމެ ގިނަ ހުރަސްތަކެއް ހުއްޓަސް އަދި ތިމާ ކުރަމުން ގެންދާ މަސައްކަތް އެހެން ބައެއް ކުރާ ކަމަކުން ހީނަރުވެގެން ދިޔަސް އަޒުމަށް ބަދަލެއް ނުގެނެސް ކެތްތެރިކަން މަތީ މަސައްކަތް ކުރަން ޖެހެ އެވެ.
މިއަދު މިކަމަކީ އުނދަގޫ ކަމަކަށް ވިއަސް މިއީ އުފުލަންޖެހޭ އުނދަގުލެކެވެ. އެހެންވެ ހުރަސްތައް ގިރާ ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ އަހުލާގީ ތަރުބިޔަތެއް ދިނުމަށްޓަކައި އާއިލާ އިން އަދާ ކުރަން ޖެހޭ ދައުރު ފުރިހަމަ އަށް އަދާ ކުރެވުނީ ކަމަކަށް ނުބެލެވޭނެ އެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކޮށްދެއްވި މަސްއޫލިއްޔަތު އުފުލުނީ ކަމަކަށް ނުބެލެވޭނެ އެވެ. އަދި އާހިރަތުގައި އެކަމާ މެދު ސުވާލު ކުރެވުމުން ދޭނެ ޖަވާބެއް ނޯންނާނެ އެވެ.