އިންޑިއާގައި ހޮޓެލްތަކާއި ރެސްޓޯރެންޓުތަކުން ސާވިސް ޗާޖު ނެގުން އިއްޔެ މަނާކޮށްފި އެވެ.

އިންޑިއާގެ ކޮންސިއުމާ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ އެ ގައުމުގެ ހޮޓެލްތަކާއި ރެސްޓޯރެންތަކުގެ ބިލްތަކުގައި ސާވިސް ޗާޖު ހިމެނުން މިހާރު މަނާވާނެ ކަމަށެވެ. އެގޮތަށް ނިންމީ، ސާވިސް ޗާޖު ދައްކަން މަޖުބޫރުކުރާތީ އާންމުންގެ ޝަކުވާ ބޮޑުވުމުގެ ސަބަބުން ކަމަށް ބުންޏެވެ.

އިންޑިއާގައި ހޮޓެލްތަކާއި ރެސްޓޯރެންޓުތަކުގައި 5-15 ޕަސެންޓާ ދެމެދުގެ އަދަދެއް ސާވިސް ޗާޖަށް ނަގަ އެވެ. އާންމުންގެ ޝަކުވާ ބޮޑުވީ، ބިލު އަންނައިރު އެ މީހުންނަށް ނޭނގި ބޮޑެތި އަދަދުތަކުން ސާވިސް ޗާޖު އޭގައި ހިމަނާފައި އޮންނަ މައްސަލައިގަ އެވެ.

ކޮންސިއުމާ ޕްރޮޓެކްޝަން އޮތޯރިޓީން އެކުލަވާލި އާ އުސޫލުގައި ވަނީ ކަސްޓަމަރުންގެ އަތުން އެކި ނަންނަމުގައި ޓިޕްސް ނެގުން ވެސް މަނާކޮށްފަ އެވެ. އަދި ޓިޕްސް ނުދީގެން ކަސްޓަމަރުންނަށް ހިދުމަތް ނުދީފި ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ވަނީ ހޮޓެލް އަދި ރެސްޓޯރެންޓަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަހަމަ މުސާރައެއް ދިނުމަށް ގޮވާލައި، ހަރަދުތައް ފޫބެއްދުމަށް ވިއްކާ ތަކެތީގެ އަގު އެކަށީގެންވާ ވަރަށް ބޮޑުކުރުމަށް ބުނެފަ އެވެ.