އިންޑިއާގެ މަގުބޫލް ރެސްޓޯރެންޓް ޗެއިނެއް ކަމަށްވާ "ނަގާސް" ގެ ރެސްޓޯރެންޓެއް ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.

ހުޅުމާލޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި ރެސްޓޯރެންޓު ހުޅުއްވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ ހަފުލާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ނަގާސްގެ ރާއްޖޭގެ އައުޓްލެޓުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ނަގާސްގެ ރެސްޓޯރެންޓެއް ރާއްޖޭގައި ހުޅުވީ ދިވެހި ކުންފުންޏެއް ކަމަށްވާ ގްރީން ގްރޯ ފުޑްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ. އެ ޗެއިންގެ އެހެން ރެސްޓޯރެންޓުތަކާ އެއްގޮތަށް މި ރެސްޓޯރެންޓު ވެސް މެނޭޖު ކުރާނީ ނަގާސް އިންނެވެ.

ނަގާސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަހުލޫފު (ވ5) އާއި މޭޔަރު މުއިއްޒު (މ) އާއި އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް (ވ4) ބައިވެރިވެވަޑައިގެންނަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ނަގާސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަހުލޫފު (ވ5) އާއި މޭޔަރު މުއިއްޒު (މ) އާއި އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް (ވ4) ބައިވެރިވެވަޑައިގެންނަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ނަގާސްގެ 42 ރެސްޓޯރެންޓު ހުޅުވަފައިވާއިރު، މިއީ އަންދްރާ އާއި ހައިދްރައާބާދުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓު ޗެއިނެކެވެ. މި ޗެއިންގެ ރެސްޓޯރެންޓުތަކުގައި ކާއެއްޗެހި ތައްޔާރު ކުރާ ރެސިޕީތަކަކީ އިންޑިއާގެ "ގަނޑުވަރު" ތަކުގައި ކައްކަން ބޭނުން ކުރި ރެސިޕީތަކެވެ.

ގްރީން ގްރޯ ފުޑްސްގެ އިސް ބޭފުޅަކު "މިހާރު" އަށް ރޭ ވިދާޅުވީ، ނަގާސްގެ މި ރެސްޓޯރެންޓަކީ އިންޑިއާ ކެއުން ލިބޭ ތަންތަނާ ތަފާތު ތަޖުރިބާއެއް ލިބޭނެ ރެސްޓޯރެންޓެއް ކަމަށެވެ. އަދި މިއީ އަގާއި ހިދުމަތުގެ ގޮތުން ވެސް ތަފާތު ރެސްޓޯރެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަގާސްގެ ގާލިކް ނާން: ހުރިހާ ކެއުމެއް ވެސް ތަފާަތު ވާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ނަގާސްގެ ގާލިކް ނާން: ހުރިހާ ކެއުމެއް ވެސް ތަފާަތު ވާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

"މި ތަނަށް އަންނަ މީހަކު އައިސް ވަނީ މާ އޭނަ އަށް ކަސްޓަމާ ސާވިސް އަހަރުމެން ދޭނަން ހަމަ ރަސްކަލަކަށް ދޭނެ ފެންވަރުގައި. މިތަނުގެ މާހައުލަށް ބަލާލީމަ ވެސް ފެންނާނެ އެކަން. ހައިދްރައާބާދުގެ ގަނޑުވަރުތަކުގެ ކާގެ އަށް ވަނީމާ އެ ކުރެވޭ އިހުސާސް ގެނުވަދޭނެ،" އޭނާ ވިދާޅުވި އެވެ.

"މިތަނުގެ ހިދުމަތާއި ރަހަ އާއި އަގު ތަފާތުވާނެ."

ނަގާސްގެ މުވައްޒަފަކު ކެއުމުގެ އޯޑަރު ނަގަނީ: އެ ރެސްޓޯރެންޓަށް އަންނަ ކޮންމެ މީހަކަށް ޝާހީ ހިދުމަތް ދެވޭނެ ކަމަށް ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ނަގާސްގެ މުވައްޒަފަކު ކެއުމުގެ އޯޑަރު ނަގަނީ: އެ ރެސްޓޯރެންޓަށް އަންނަ ކޮންމެ މީހަކަށް ޝާހީ ހިދުމަތް ދެވޭނެ ކަމަށް ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ނަގާސް މުވައްޒަފުން ވެސް ތަމްރީން ކޮށްފައިވަނީ "ޝާހީ ހިދުމަތް" ފޯރުކޮށްދޭ ގޮތަށެވެ. މި ރެސްޓޯރެންޓުގެ އެތެރެ ވެސް ތައްޔާރު ކޮށްފައިވަނީ އެ ގޮތަށް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ. މިއީ މި ރެސްޓޯރެންޓު ޗެއިންގެ ހުރިހާ ތަނެއްގެ ވެސް ހާއްސަ ކަމެއް ކަމަށް ގްރީން ގްރޯ ފުޑްސް އިން ބުނެ އެވެ.

ގްރީން ގްރޯ ފުޑްސް އިން ބުނިގޮތުގައި މި ރެސްޓޯރެންޓު ހާއްސަ ކޮށްފައިވަނީ ކެއުމަށް ލޯބި ކުރާ "ފުޑީސް" މީހުންނަށެވެ. އެގޮތުން، އިންޑިއާގެ "އޮތެންޓިކް" ރަހަ ހުރިހާ ކެއުމެއްގައި ވެސް ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީހަކު ނަގާސްގެ މެނޫ ބަލާލަނީ: މެނޫގައި ވެސް އިންޑިއާގެ ތަރިކައިގެ ވާހަތަކައް ހިމެނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު
މީހަކު ނަގާސްގެ މެނޫ ބަލާލަނީ: މެނޫގައި ވެސް އިންޑިއާގެ ތަރިކައިގެ ވާހަތަކައް ހިމެނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

"މިތާނގެ ޓާގެޓް ގްރޫޕަކީ ފުޑް ލަވާސް. އެ މީހުންނަށް ހިތްގައިމު، އަރާމު މާހައުލެއްގައި ކެއުން އެންޖޯއި ކުރަން ވަރަށް ރަނގަޅު ތަނެއް މިއީ،" އެ ކުންފުނީގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

މި ރެސްޓޯރެންޓު ހުންނާނީ ހުޅުމާލޭގެ ޓްރެކް ސަރަހައްދު ކައިރިން އުނިގަސް މަގުގަ އެވެ.

ނަގާސް ރެސްޓޯރެންޓުގެ އެތެރެ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ނަގާސް ރެސްޓޯރެންޓުގެ އެތެރެ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގްރީން ގްރޯ ފުޑްސް އިން އަންނަނީ ނަގާސްގެ އައުޓްލެޓެއް މާލޭގައި ވެސް ހުޅުވުމަށް ވެސް ތައްޔާރުވަމުންނެވެ. މި އައުޓްލެޓް އަންނަ މަހުގެ ތެރޭގައި މާލެ ފުޑް ކޯޓުގައި ހުޅުވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

މީގެ އިތުރުން ނަގާސް ހުޅުމާލެ ރެސްޓޯރެންޓު ކައިރީގައި ތަފާތު ބާވަތްތަކުގެ މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވުމަށް ވެސް ގްރީން ގްރޯ ފުޑްސް އިން އަންނަނީ ތައްޔާރުވަމުންނެވެ.