އެނާޖީ ޑްރިންކެއް ނުބުޔަސް "ވިންގެއް" ލިބިދާނެ އެވެ. ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން އިސްމާއިލް އައްފާން ކުޅެނީ މުޅިން އެހެން ރާގެކެވެ. -- އޭނާގެ މިއުޒިކާއި ލަވަ އަޑުއަހައިފި ނަމަ ފިޔަފަޅައި، "އުދުހިލައި" ދެވޭހާ ބާރު އެ މިއުޒިކާއި، ހިތްގައިމުވި އަޑުގައި އެބަހުއްޓެވެ.
ނަމަވެސް މެއިންސްޓްރީމް މިއުޒިކަށް ގޮސް ގެއްލިފައިވީ ދިވެހިންނަށް މި ހުނަރުވެރިކަމެއް "ޑިސްކަވާވީ" މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ޖަޖެއްގެ ގޮތުގައި އައްފާން ތައާރަފްކުރި ހިސާބުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭގެ ދިހަ ބާރަ އަހަރު ކުރިން ވެސް ހަމަ މި ފެންވަރުގައި ލަވަކިޔައި ޕާފޯމްކޮށް އުޅުނު މި އައްފާނެ އައިޑޮލްގެ ޖަޖަކަށް ލުމުން ބައެއް މީހުން އެ ހޮވުމަށް އެންމެ ފުރަތަމަ ފާޑުކިޔައި ހޯއްގޮވީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. -- އައްފާންގެ ހުނަރުވެރިކަމުގެ މިންވަރެއް ވެސް އެ މީހުންނަށް އެނގިފައިނެތީމަ އެވެ.
ނަމަވެސް އައިޑޮލްގެ ސްޓޭޖުގައި އައްފާން އޭނާގެ މުއްސަނދި ލަވަފޮށިން ހޮވާލި ދެ ތިން ލަވައެއް ކުޅެލުމާއެކު އައްފާނު ވަރެއް ނެތޭ މިއެހްމެން ވެސް ބުނަން ފަށައިފި އެވެ.
އައްފާންގެ މިއުޒިކީ ހަޔާތް ރަސްމީކޮށް ފެށިގެން އަންނަނީ ސީއެޗްއެސްސީގައި ކިޔަވަން އުޅުނުއިރު، ރައްޓެހި ކުދިންތަކަކާ އެކު އުފައްދައި ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަ "ސެވެންޓީސް ޕޯސްޓާ ބޭންޑް"އާ އެކުގަ އެވެ. އެއަށް ފަހު، ހެވީ މެޓަލް ބޭންޑް، ނޮތުނެގަލްއާ އެކުގައި ވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއްކޮށް ޔޫރަޕްގައި އެމީހުންނާ އެކު ޝޯ ވެސް ދީފައިވެއެވެ.
އާންމުންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި އައްފާންގެ ފުރަތަމަ ލަވައަކީ ޑިންބާ ފެމިލީގެ ތެރެއިން އުފެދިގެން އައި ލޯބީގެ ފިސާރި ލަވައެއްކަމުގައިވާ "ހިތުގާ ނަށާ ރާނީ" އެވެ. އެކަމަކު މި ލަވައެއް ހަގީގަތުގައި މަޝްހޫރުވީ އައްފާނަށްވުރެން ވެސް ބޮޑަށެވެ. މި ލަވަ އަށް ވީޓީވީގެ މިއުޒިކް ޝޯ "ކްރޮސްއޯވާ" ގައި އައްފާން ހުށަހަޅައިދިން އޭނާގެ އަމިއްލަ ރާގުތަކާ އެކު އެންމެންގެ ހިތް މި ހުނަރުވެރި ލަވަކިޔުންތެރިޔާ އަށް ބަންޑުންވީ އެވެ.
އެއަށް ފަހު ދެން މި އޮތީ އައްފާންގެ މުޅިން އާ ލަވައެކެވެ. އޭނާގެ މި ލަވަ އަށް އަދި ކިޔަނީ "އުދުހިލަން" އެވެ. ނަމަވެސް އަލަތު އަލްބަމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު އައްފާން ބުނަނީ މި ލަވައިގެ އަލްބަމް ވާޝަން ނަމާއި ރާގުން ވެސް ތަފާތުވެގެން ނުކުމެދާނެ ކަމަށެވެ.
އެހެންވީމަ، "އުދުހިލަން" ގެ މި ވާޝަން އަކީ އަދި ހަމަ ރޮލާ އޮތް ވާޝަންއެކެވެ. އެކަމަކު އަޑުއަހާލައިގެން އުދުހިލެވޭހާ ހިތްގައިމެވެ.