އެންމެ ރަނގަޅުވާނީ ހިތްތަކުގެ އައިޑޮލްއޭ ކިޔާފައި ފަށައިގަތިއްޔާއެވެ. މޯލްޑިވިއަން އައިޑޮލްގެ އެންމެ ކާމިޔާބު އަދި އެންމެ ޝަރަފްވެރި އުފެއްދުން ކަމުގައިވާ ޝަލަބީ އިބްރާހީމް ގިނަ ބަޔަކު ދަންނަނީ އެހެންނެވެ.
މޯލްޑިވިއަން އައިޑޮލްގެ އެ ދަތުރަށް ފަހު ނިކަން ފަސޭހައިން ހިތްތަކެއްގެ ތެރެއަށް ގެނބިގެންގޮސްފައިވާ މި ލަވަކިޔުންތެރިޔާ އޭނާގެ ފުރަތަމަ ލަވަ އަލްބަމްގެ މަސައްކަތް ހޭވައްޓާލާފައި ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ވަރަށް ގިނަ ބަޔަކު ތިބީ ޝަލަބީގެ މި އަލްބަމުގައި ހިމެނޭ އަށް ލަވަ އަށް ކެތްމަދުވެފައިކަން އަހަރެމެންނަށް އެނގެ އެވެ.
"ލަވައެއް ހިޓެއް" ގެ މިފަހަރުގެ ސެގްމަންޓް ހާއްސަވާ އެއް ސަބަބަކީ މިއީ އެވެ. އެހުންތެރިންނާއި ބެލުންތެރިންނަށް ހާއްސަކޮށްގެން ޝަލަބީ ޕާފޯމްކޮށްފައި މި ވަނީ އޭނާގެ އަޕްކަމިން އަލްބަމްގައި ހިމެނޭ ހިތްގައިމު ލަވަތަކުގެ ތެރެއިން ލަވައެކެވެ.
މި ލަވަ އަށް ރަސްމީ ނަމެއް އަދި ހަމަޖެހިފައި ނެތަސް މިވަގުތަށް އޭނާ ލަވަ އަށް ދީފައި ވަނީ "ދިން ވޭނުން" ގެ ނަމެވެ. ނަމަވެސް ޝަލަބީގެ ފޭނުންނަށް މި ލަވަ ވޭނަކަށް ނުވާނެކަން އަހަރެމެންނަށް ޔަގީނެވެ.
ޝަލަބީ ބުނަނީ މިއީ އޭނާގެ އަލްބަމް ނެރުމުގެ ކުރިން އޭގެ ސަޕޯޓަރުންނާއި ފޭނުންގެ ހިޔާލު ހޯދާލުމަށް ކުޅެދިން ލަވައެއް ކަމަށެވެ. ލަވައިގެ ވަރަށް "ރޯ ވާޝަނަކަށް" މި ލަވަ ވުމުން ފޭނުންނާއި ސަޕޯޓަރުންގެ ހިޔާލާއެކު ލަވަ އިތުރަށް ތަރައްގީކޮށް މުއްސަނދިކުރަން ޝަލަބީ ބޭނުންވެ އެވެ.