ލ. މާމެންދޫ ބޭރުގައި އޮތް ދޯންޏެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މިއަދު ޒަހަމްކޮށްލައިފި އެވެ.
މާމެންދޫ ކައުންސިލްގެ ރައީސް ހަސަން ރަމީޒު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މާމެންދޫގެ ބޭރުގައި އޮތް، މުދާ އުފުލާ ދޯންޏެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުން އެރަށު ސިއްހީ މަރުކަޒަށް ގެނައީ ހެނދުނު 7:00 ހާއިރު އެވެ.
"އަޅުގަނޑަށް ވެސް ފުލުހުން ގުޅާފަ ބުނީމާ އެނގުނީ. ދެ މީހަކަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެެ.
އޭނާ ވިދާޅުވި ގޮތުގައި މާމެންދޫއަށް ގެނައި އެކެއްގެ ކަރާއި އަދިވެސް ހަށިގަނޑުގެ އިތުރު ބައެއް ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަނެއް މީހާގެ މޫނު ދުޅަވެ، ރަތްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މާރާމާރީ ހިންގީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ހަސަން ވިދާޅުވި ގޮތުގައި ކުޑަކޮށް އަނިޔާވި މީހާ ބުނި ގޮތުން ނަމަ، އަނެއް މީހާއަށް ހަމަލާދިނީ މިދިޔަ ދެތިން ދުވަހެއްގައި އޭނާއަށް އެމީހާގެ ފަރާތުން އަނިޔާތައް ލިބެމުންދިޔުމުންނެވެ.
"އެ މީހާއަށް ދިވެހި ނޭނގޭތީ އަހައިގެން ވެސް އެހާ ބޮޑަށް ނޭނގުނު ކީއްވެ ކަމެއް އަނިޔާކުރީ ވެސް،" މާމެންދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލުހުން ބުނީ މާމެންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ތިބި ދެ ބިދޭސީއަކު މާރާމާރީ ހިންގި ކަމުގެ ރިޕޯޓް ލިބުނީ 6:40 ހާއިރު ކަމަށެވެ. އަދި އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް އަންނަނީ ތަހުގީގުކުރަމުންނެވެ.