އަވަށްޓެރިންނަށް ޖެއްސުންކޮށް ފުރައްސާރަކުރާތީ އާއްމު އުނދަގުލަކަށްވެގެން ހައްޔަރުކުރި އަހުމަދު ފައިރިޝް ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ހުއްޓާ ފިލައިގެން އުޅެނިކޮށް އޭނާ މިއަދު މާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނިގޮތުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒަށް އޭނާ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އެތަނުން އޭނާ ފިލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ އެވެ.

ފުލުހުން މިއަދު ބުނީ ފައިރިޝް ހޯދައި ހައްޔަރުކުރީ އޭނާ މާލޭގައި ހުއްޓާ ކަމަށެވެ. 

ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ފައިރިޝް ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އޭނާގެ  ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އޭރު ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރަން އެ ކޯޓުން އަމުރުކުރި އެވެ. 

ފައިރިޝް ހައްޔަރު ކުރީ ޖެއްސުންކުރުމާއި ފުރައްސާރަކުރުން ބޮޑުވެ ހައްލެއް ނުލިބުމުން، އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ އެކު އެ މައްސަލަ ސަމާލު ކަމަށް އައުމުންނެވެ. ފައިރިޝްގެ މައްސަލާގައި ނުކުންނަން ޖެހުނީ ސައީދު އޭރު ބުނެފައިވާ ގޮތުގައި ހުރިހާ މުއައްސަސާއަކަށް ވެސް އެ މައްސަލަ ހުށަހެޅުމުން ވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ. 

ސައީދު ދިރިއުޅޭ ގެ ހުންނަ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ފައިރިޝްގެ އުނދަގޫ ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައި ވާއިރު، އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ކުރަމުންދާ ކަމަށް ސައީދު ބުނެފައިވެ އެވެ.

އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފުރައްސާރަކޮށް، ޖެންސުން ކުރާތީ ފައިރިޝްގެ އެތައް މައްސަލައެއް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޕޮލިހަށް ރިޕޯޓްކުރި ކަމަށް ސައީދު ވަނީ ބުނެފައިވެ އެވެ.