މަޝްހޫރު ލަވަ ކިޔުންތެރިން ކަމަށްވާ ބްރިޓްނީ ސްޕިއާސް އާއި ޖަސްޓިން ޓިމްބަލޭކަކީ އެއް ދުވަސްވަރެއްގައި ވަރަށް ގަދަ އަށް ހިތާވެގެން އުޅުނު ދެ މީހުންނެވެ. އެކަމަކު އެއީ މިހާރު މާޒީ އެވެ.
އެ ދެ މީހުންގެ ލޯބީގެ ގުޅުން ކައިވެންޏަކާ ހަމަައަށް ގެންދެވޭ ގޮތް ނުވި ނަމަވެސް، ދެ މީހުންނަކީ މިހާރު ދަރިން ލިބި މުޅިން ތަފާތު ދިރިއުޅުމެއް އުޅެމުން އަންނަ ދެ ތަރިންނެވެ.
އެހެން ނަމަވެސް ޒާތީ ދިރިއުޅުން އެއް ފަރާތްކޮށްލައިފައި ޕްރޮފެޝަނަލް ގޮތުން ބްރިޓްނީ އާއި ޖަސްޓިން އަލުން އެއްގަލަށް އަރައިފާނެތޯ އެއީ މީހުންގެ ފޭނުންނަށް ގައިމު ވެސް ބޮޑު ސުވާލަކަށް ވާނެ އެވެ.
އެކަމަކު އެ ސުވާލަކީ އެހާ ބޮޑުކޮށްލައިގެން އުޅޭ ވަރުގެ ކަމެއް ނޫންކަން ބްރިޓްނީ ވަނީ ސާބިތުކޮށް ދީފަ އެވެ. ޖަސްޓިިން އާ އެކު ލަވައެއް ކިޔައިފާނެތޯ އެހުމުން ބްރިޓްނީ ވަނީ އެއްވެސް ޖެހިލުމެއް ނެތި އެ ސުވާލަށް ޖަވާބު ދީފަ އެވެ.
އޭނާ ބުނީ ޖަސްޓިން އާ އެކު ޑުއެޓެއް ކިޔާލުމަކީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ އެކަން ވެދާނެ ކަމުގެ އިޝާރާތެއް ބްރިޓްނީ ދީފައިވެ އެވެ.
އަދި މާ ދުރު ނޫން މުސްތަގުބަލެއްގައި ޖަސްޓިން އާ އެކު ލަވައެއް ކިޔާލަން މަގުފަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށް ދާދި ފަހުން "ގްލޮރީ" ގެ ނަމުގައި ވެސް އަލްބަމެއް ނެރުނު ލަވަ ކިޔުންތެރިޔާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ޖަސްޓިން ބުނީ އެކަހަލަ ވާހަކައެއް ބްރިޓްނީ ދެއްކިކަން އެނގިފައި ނެތް ކަމަށެވެ. އަދި އޭނާއަކީ މީޑިއާ އާ އެހާ ދޯޅު މީހަކަށް ނުވާތީ ނޫސްތަކުގެ ސުރުހީތަކާ ވަރަށް ބީރައްޓެހި ކަމަށް ޖަސްޓިން ބުންޏެވެ.
އެކަމަކު ޖަސްޓިން ބުނީ ބްރިޓްނީ އޭނާ އާ އެކު ލަވައެއް ކިޔާލަން ބޭނުންވާ ނަމަ އެކަން ވެދާނެ ކަމަށެވެ.
"ބްރިޓީނީގެ އެ ވާހަކަ އަހަންނަށް އެނގިފައި ނެތީމަ މައާފަށް ވެސް އެދެން. ޑުއެޓަކާ ބެހޭ ގޮތުން ބްރިޓްނީ ވާހަކަ ދައްކާލަން ބޭނުން ނަމަ އަހަރެން މިހިރީ ތައްޔާރަށް،" ޖަސްޓިން ބުންޏެވެ. "އެކަމަށް މަރުހަބާ ވެސް ކިޔަން."
ބްރިޓްނީ އާއި ޖަސްޓިންގެ މި ވާހަކަތައް ވެގެން ދާނީ ޔަގިނުން ވެސް ދެ މީހުންގެ ފޭނުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
އެ ބުނާ ޑުއެޓެއް އަންނާނެ އިރަކަށް އިރަކަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ.