ވ. އަތޮޅުގައި ފުޅި އަޅައިގެން ފީނަން ދިޔަ ޖަޕާނު ފިރިހެން ޓޫރިސްޓަކު އިއްޔެ މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވި 64 އަހަރުގެ މީހާ ރާއްޖެ އައިސް އުޅުނީ ސަފާރީއަކަށެވެ.

ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ ރޭ 11:40 ގަ އެވެ. ނަމަވެސް އެ މީހުން ފީނަން ދިޔައީ ކޮން ވަގުތެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.

އޭނާ މަރުވީ ފީނަން ގޮސް އުޅެނިކޮށް ހާލު ދެރަވުމުން ވ. އަތޮޅު ހޮސްޕިޓަލަށް ގެންދަނިކޮށެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

ޗައިނާގެ 70 އަހަރުގެ ފިރިހެން ޓޫރިސްޓަކު އއ. މަޑިވަރު ފިނޮޅުގައި މަރުވެފައި އޮއްވާ އިއްޔެ ވަނީ ފެނިފަ އެވެ. އޭނާ ރާއްޖެ އައީ ތޮއްޑޫގެ ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރާށެވެ. އޭނާ މަރުވީ ގެނބިގެން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.