ރިޔާޒް (ޑިސެމްބަރު 22) – އިޓާލިއަން ސުޕަ ކަޕުގައި މިރޭ ލާޒިއޯއާ ދެކޮޅަށް ސައުދީ އަރަބިއާގެ ރިޔާޒްގައި ޔުވެންޓަސް ކުޅޭ މެޗުގައި އެ ޓީމުން ބޭނުންކުރާނީ އަރަބިން ކުޅުންތެރިން ނަން ޖަހާފައިވާ ހާއްސަ ޖާޒީއެއް ކަމަށް ބުނެފި އެވެ.
ޖާޒީގައި ފުރަފަހުގައި ޖަހާފައިވާ ނަމްބަރުގެ ތެރެއިން ފާޅުވާނީ އަރަބި ކެލިގްރަފީ ޑިޒައިނަކުން އަޅާފައިވާ "ޔުވެންޓަސް" މި ލަފްޒެވެ. ކުޅުންތެރިންގެ ނަން ޖަހާފައި ހުންނާނީ ސީދާ އަރަބިން އަކުރުންނެވެ. ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ވަކި އަދަދަކަށް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ޖާޒީގެ ކެލިގްރަފީ ޑިޒައިން ކޮށްފައިވަނީ ސައުދީ-މޮރޮކޯ ކެލިގްރަފީ އާޓިސްޓް ޝަކެރް ކަޝްގަރީ އެވެ.
"އަހަރެމެން ބޭނުންވީ ސަގާފީ ފަންނަކަށް، އިހުތިރާމް އަދާކުރަން. މިކަމުން ޔުވެންޓަސް އަނެއްކާ ވެސް މި ސާބިތުކޮށްދެނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ކްލަބުގެ ސަޕޯޓަރުންނާ އޮތް ގާތްކަން،" ޔުވެންޓަސްގެ ޗީފް ރެވެނިއު އޮފިސަރު ޖޯޖިއޯ ރިކީ ވިދާޅުވި އެވެ.
އިޓާލިއަން ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ޔުވެންޓަސް އިން އަދި އިޓާލިއަން ކަޕުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ލާޒިއޯ ވާދަކުރާ މި މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:45 ގައި ރިޔާޒްގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމުގަ އެވެ. ޔުވެންޓަސް ވަނީ ޖިއްދާގައި މިދިޔަ އަހަރު އޮތް ސުޕަ ކަޕް މެޗުގައި އޭސީ މިލާން 1-0 އިން ބަލިކޮށް ތަށި ހޯދައިފަ އެވެ. އިޓަލީގައި އާއްމުކޮށް ބާއްވާ މި މެޗު ވަނީ އެމެރިކާ، ލީބިޔާ، ޗައިނާ އަދި ގަތަރުގައި ވެސް ބާއްވައިފަ އެވެ.