ރާއްޖެ އަށް އިންވެސްޓަރުން ހޯދަން މިއަހަރު ގަތަރުގައި ބާއްވަން ހަމަޖެއްސި އިންވެސްޓްމަންޓް ފޯރަމް އެންމެ ފަހުން ޔޫއޭއީގައި ބާއްވަން ނިންމައިފި އެވެ.
އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގެ ވިޔަފާރި އާއި އިގުތިސާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނިޓީއާ ހިއްސާކުރުމަށާއި ބޭރުގެ ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.
އެ ފޯރަމް އިންތިޒާމްކުރާ އިކޮނޮމިކް މިނިސްޓްރީން ބުނީ ޔޫއޭއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމާ ގުޅޭ އިތުރު ތަފުސީލު އަންނަ ހަފުތާގައި ހިއްސާކުރާނެ ކަމަށެވެ.
މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ބާއްވަން ކުރިން ނިންމި ނަމަވެސް އެ ނިންމުން ބަދަލުކުރީ ރާއްޖެ އާއި އެ ގައިމާ ދެމެދު އޮންނަ ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެންނެވެ.
މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ތިން އިންވެސްޓްމަންޓް ފޯރަމެއް ބާއްވައިފަ އެވެ. މިިދިޔަ އަހަރު އިންޑިއާގެ ދިއްލީގައި އެ ފޯރަމް ބޭއްވިއިރު އޭގެ ކުރިން 2015 ވަނަ އަހަރު ފޯރަމް ބޭއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. އަދި 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި ރާއްޖެއިން ތެޔޮ ހޯދުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއަކަށް ބޭރުގެ އިންވެސްޓަރަކު ކުރިމަތިލާފައެއް ނުވެ އެވެ.