މެޑިކަލް އިންޓާންޝިޕަށް ދިވެހި ދަރިވަރުންނަށް ޖާގަ ހޯދަން ސްރީ ލަންކާގެ ހޮސްޕިޓަލަކާ އެކު ރާއްޖެއިން މިއަދު އެއްބަސްވުމެއް ހަދައިފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަދި ސުވަސެވަނާ ހޮސްޕިޓަލުގެ ޑިރެކްޓާ ބަންޑުލާ އެގޮޑަގޭ ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ސިއްހީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނުކުރަން، މިއަދު ސޮއިކުރި އެމްއޯޔޫގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހޮސްޕިޓަލާ އެކު ވެފައިވަނީ މުހިއްމު ޕާޓްނަޝިޕެއް ކަމަށާއި އޭގެ ސަބަބުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް ހާއްސަ ކްލިނިކަލް ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފުޅާވެ ގާބިލްކަން އިތުރުކުރަން މަގުފަހިވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން، ސުވަސެވަނަ ހޮސްޕިޓަލުން އަހަރަކު 20 ދަރިވަރުންނަށް ކްލިނިކަލް އިންޓާންޝިޕްގެ ފުރުސަތު ފޯރުކޮށްދޭނެ ކަމަށެވެ.
ދަރިވަރުން އަމިއްލައަށް ޖާގަ ހޯދައިގެން މީގެ ކުރިން ވެސް ލަންކާއިން އިންޓާންޝިޕް ފުރިހަމަކޮށްފައިވެ އެވެ. ނަމަވެސް، މިއީ އެގްރިމެންޓެއްގައި ސޮއިކޮށް ރަސްމީކޮށް ދިވެހި ދަރިވަރުންނަށް ލަންކާގެ ހޮސްޕިޓަލަކުން ޖާގަ ހޯދައިދޭ ފުރަތަމަ ފަހަރެވެ.
އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ދިވެހި ދަރިވަރުން އިންޓާންޝިޕް ހެދުމަށް މިހާރު އާއްމުކޮށް ދަނީ ބަންގްލަދޭޝަށެވެ.