ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓު އަދިވެސް ހިއްސާކުރަނީ ބިދޭސީން ކަމަށް، ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މައްޗަގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރުގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހިދުމަތުގައި ގިނައިން ތިބީ ބިދޭސީން ކަމަށެވެ. އަދި އެ ޑޮކްޓަރު ވަޒީފާއިން ވަކިވެގެން ދިއުމުން، އެ މަގާމަށް އަލުން މީހަކު ހޯދަން އިދާރީ ގޮތުން ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ މިދިޔަ އަހަރުގެ ތަފާސްހިސާބާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ 12،000 އަށްވުރެ ގިނަ މީހުން ހިދުމަތުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ރަށްރަށުގައި 7،000 އަށްވުރެ ގިނަ އަދި މާލޭގައި 5،000 އަށްވުރެ ގިނަ މީހުން ހިދުމަތުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދު 3،400 އަށް ވުރެ ގިނަ އެވެ.
"އުއްމީދުކުރަނީ އަޅުގަނޑުމެންގެ ސިއްހީ ހިދުމަތަކީ ގިނަ އަދަދެއްގެ ދިވެހިންނާ އެކު ފޯރުކޮށްދެވޭ ހިދުމަތެއް ކަމުގައި ވާންޖެހުން. އެކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެމުންދޭ. އަދި އުއްމީދުކުރަނީ ގިނަ އަދަދެއްގެ ދިވެހިން މި ކޯސްތަކަށް ކުރިމަތިލައި، މި ހިދުމަތަކީ ގިނަ އަދަދެއްގެ ދިވެހިންނާ އެކު ފޯރުކޮށްދޭ ހިދުމަތަކަށް ވުން،" ގީލާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި ދިވެހިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ ވަކި ދާއިރާތަކުން ބިދޭސީންނަށް ވޯކް ޕާމިޓު ދިނުން ހުއްޓާލަން ވަކި މުއްދަތެއް ކަނޑައަޅައިފަ އެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ހޯމް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުގައި ބުނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފަ އެވެ.
އޭގެ ތެރެއިން ގަވައިދަށް އަމަލުކުރަން ފަށާތާ ތިން އަހަރުގެ ތެރޭގައި ނަރުހުންގެ ކޯޓާތައް ބާތިލްކުރަންޖެހެ އެވެ.