މާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގެ ކްލިނިކް ކަމަށްވާ ޓީޓީއެޗް ކްލިނިކަށް ނިއުރޯސާޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް ތައާރަފްކޮށްފި އެވެ. 

ޓްރީޓޮޕްއިން ބުނީ އެ ކްލިނިކަށް ނިއުރޯސާޖަރީގެ ކޮންސަލްޓޭޝަން ހިދުމަތް ތައާރަފްކުރީ ނާރުގެ ބަލިތަކާއި މައްސަލަތައް ތަހައްމަލްކުރާ ފަރާތްތަކަށް ފަސޭހައިން ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި އެ ކްލިނިކުގައި ކޮންސަލްޓަންޓުގެ ގޮތުގައި ހިދުމަތް ދޭނީ ސިކުނޑި އާއި މައިބަދަ އަދި ނާރުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް ސުޕަ ސްޕެޝަލިސްޓް ނިއުރޯސާޖަން ޑރ. އާލީ އާފީ ކަމަށް ޓްރީޓޮޕްއިން ބުންޏެވެ.

ޑރ. އާފީއަކީ ސިކުނޑި އާއި މައިބަދައަށް ދިމާވާ އެކި ބަލިތައް ދެނެގަތުމާއި އެކަމާ ގުޅޭ ފަރުވާ ދިނުމުގައި ދިގު މުއްދަތުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އަދި އޭނާއަށް ކޮންސަލްޓް ކުރެވޭނެ ނާރުގެ މައްސަލަތަކުގެ ތެރޭގައި މައިބަދައިގެ ޑިސްކަށް ދިމާވާ މައްސަލަތަކާއި ނާރުގެ މައްސަލަތަކާ ގުޅިގެން މައިބަދައަށާއި ކަރަށް ދިމާވާ ދާއިމީ ތަދުތަކާއި ސިކުނޑީގައި ފެން ހެދުމާއި އެހެނިހެން ނާރުގެ ބަލިތައް ހިމެނެ އެވެ.

މީގެ އިތުރުން ސިކުނޑި އަދި މައިބަދައިގައި އުފެދޭ ގަނޑުތަކާއި ބޮލަށް ނުވަތަ މައިބަދައަށް ލިބޭ ބޮޑެތި އަނިޔާތަކާއި ނާރުގެ ނިޒާމަށް ދިމާވާ އެކި ބަލިތަކަށް ވެސް އޭނާއަށް ކޮންސަލްޓް ކުރެވޭނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ. އަދި ކްލިނިކުގައި ނިއުރޯސާޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް ލިބޭނީ ކޮންމެ އާދިއްތަ ދުވަހަކާއި ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 5 އިން 6 އަށް ކަމަށް ވެސް ޓްރީޓޮޕުން ބުންޏެވެ.

މާލޭ ބުރުޒުމަގުގައި ހުންނަ މއ. ޗަމްޕާ ވިލާގައި ގާއިމްކޮށްފައިވާ ޓީ.ޓީ.އެޗް ކްލިނިކް މާލެއަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ޚިދުމަތްތައް މާލޭގެ ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ކްލިނިކެކެވެ. އަދި އެ ކްލިނިކުން ދެމުންދާ ޚާއްޞަ ބަލިތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަކީ ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން ކުރާ މަސައްކަތުގެ ބައެއް ކަމަށް ޓްރީޓޮޕުން ބުންޏެވެ.