ހދ. ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅަައި ނުދެވެނީސް އެއީ، ފަޅުރަށެއް ކަމަށް ކަނޑައެޅުމުން، އެ ރަށުގެ ރައްޔިތުންނަށް ހިދުމަތްތައް ނުލިބި "ވާނުވާ"ގައި ތިބި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އެ މައްސަލަ ހިއުމަން ރައިޓްސްް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްެއާރްސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.
ހިރިމަރަދޫގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަހައްޓާނީ ހަނިމާދޫ ކައުންސިލުން ކަމަށް ވިޔަސް އެކަން އެގޮތަށް ނުހިނގާ ކަމަށް ބުނެ، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައިދޭން އެޗްެއާރްސީއެމް އަށް އެމްޑީޕީން ހުށަހެޅި މައްސަލާގައި އެދުނެވެ.
އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އެ ކޮމިޓީން ހިރިމަރަދޫ މީހުންގެ ހާލަތު ބަލަން ފެކްޓް ފައިންޑިން މަސައްކަތްތަކެއްކޮށް، ހޯދި ހޯދުންތައް އެޗްއާރްސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެދުނީ ވަރަަށް ސީރިއަސް މައްސަލައެެއްގެ ގޮތުގައި މިކަން ބެލުމަށް. ތިންސަތޭކަ އަށް ވުރެ ގިނަ ރައްޔިތުން މިހާރު ވެސް އެތަނުގައި އެބަ ދިރިއުޅޭ. އެހެން ނަމަވެސް، ބެލެނިވެރި ފަރާތެއް ކަމަށް ހަނިމާދޫ ކައުންސިލް [ރައީސްގެ] ގަރާރުގައި އެ ގޮތަށް ފާހަގަކޮށްފައި އޮތް ނަމަވެސް އެކަން އެގޮތަކަށް ނުހިނގާ. ނުހިނގާ ކަން އަޅުގަނޑުމެންނަށް މި ހޯދި ހޯދުންތަކުން އެނގުނު. އެހެންވީމާ އެރަށުގެ ރައްޔިތުން ތިބީ ވާނުވާ ނޭނގި،" ނިޔާޒު ވިދާޅުވި އެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީން އެދެނީ، ހިރިމަަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކުރާށެވެ. އެ ގަރާރު ބާތިލުކޮށް ހިރިމަރަދޫގައި އަލުން ކައުންސިލެއް ހަދައި އިންތިހާބު ބާއްވަން އެމްޑީޕީން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ނުވާ ކަމަށް ވާނަމަ، ގަރާރުގައި [ހިރިމަރަދުއަކީ ފަޅުރަށެއް ކަމަށް ކަނޑައަޅުއްވައި ރަައީސް ޑރ.މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި] ބުނެފައި އޮތް ގޮތަށް 18 މަސްދުވަހުުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ގެންގޮސް އާބާދުކޮށް، އެ މީހުންނަށް ބޭނުންވާ 180 އަށް ވުރެ ގިނަ ހައުސިން ޔުނިޓްތައް ހަނިމާދޫގައި އަޅައިދިނުމަށާ އެމީހުން އެ ތަންތަނަށް ބަދަލުކުރުމަށް [ގޮވާލަން]،" ނިޔާޒު ވިދާޅުވި އެވެ.
ގަރާރުގައި އެހެން އޮތް ނަމަވެސް 18 މަސްދުވަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް އެޅުމަކީ ނުވާނެ ކަމެއްކަން މިހާރު ޔަގީންވެފައިވާ ކަމަށާއި އެކަމަށް ކަނޑައެޅި ބިން އަދި ސާފުކޮށް ނުނިމޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ގެތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ ހިރިމަރަދޫ ރައްޔިތުން ބަދަލުކުރަން ހަނިމާދޫގައި ހިންގަން ސަރުކާރުން މަސައްކަތް ކުރާ ހައުސިން މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށެވެ.
"ހިރިމަރަދޫ ރައްޔިތުންނަށް މިއަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ. އެހެންވީމާ ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ހަނިމާދޫ ކައުންސިލްގެ ހުއްދަ ނެތި އެ ރަށުން ހިރިމަރަދޫ ރައްޔިތުންނަށް ބިން ދޭން އުޅޭ ކަމަށް ބުނެ ކައުންސިލުން ވަނީ އެ މައްސަލަ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެކަން ހުއްޓުވަން މުޒާހަރާ ވެސް ކުރި އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން، ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފަ އެވެ.
އޭރު ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހިރިމަރަދުއަކީ ފަޅުރަށެއް ކަމަށް ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރުމަހު ރައިސް ނެރުއްވި ގަރާރަކުންނެވެ.