އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކަމަށް ނިންމެވި ނިންމުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ސިފަކޮށް އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫ މީހުން ހަނިމާދު އަށް ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރަން ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވީ މިދިޔަ އޯގަސްޓް މަހު އެވެ.
އެކަމާ ގުޅިގެން ރައީސް އިއްޔެ ނެރުއްވި ގަރާރުގައި ވިދާޅުވީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތައް ކަނޑައެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ތާވަލު ކޮށްފައިވަނިކޮށް، ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ހޯދުމަކާ ނުލައި، އެ ރަށުގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް ކަނޑައެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތަށް އަމަލުކޮށްފައި ވަނީ ނޮވެމްބަރު 7، 2025 ގައި ހިރިމަރަދޫގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމުކުރުމަށް 4.1 މިލިއަން ރުފިޔާގެ މަޝްރޫއު އެ ރަށުގައި ހިންގުމަށް އިއުލާނުކޮށްފައިވަނިކޮށް ކަމަށެވެ. އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުމަށް ރައްދު ދެމުން ސަރުކާރުން ބުނެފައި ވަނީ ކުނި މެނޭޖު ކުރަނީ އެ ރަށުގައި މީހުން އުޅޭތީ ކަމަށާއި މީހުން ތިބޭއިރު ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށާއި ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ ކުރިން އެ މީހުންގެ ކަންކަން ނިންމުމުގެ ބާރު "ފޭރިގަތުމަކީ" ކުށްވެރިކުރާ ކަމެއް ކަމަށެވެ.
"މިއަދާ ހަމައަށް ވެސް ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫ އަށް ބަދަލުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފަށާފައި ނުވާއިރު، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނެސްފައިވަނީ މި ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމަށް،" އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީން ބުނީ އެކަމަކީ ހިރިމަރަދު އާއި ހަނިމާދޫގެ ރައްޔިތުންގެ އިންތިހާބީ ހައްގާއި ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްގާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަރު ކަމެއް އަންނާނެ ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އެކަމާ ގުޅިގެން ހެޔޮ ބަދަލެއް އަންނާނީ ދެ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު ގޮތް ނިންމުމުން ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނި ގޮތުގައި ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދު އަށް ބަދަލުވުމާ ހަމައަށް އެ ރަށުގައި ރަށު ކައުންސިލުން ދޭންޖެހޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތް އޮންނަން ޖެހެ އެވެ. އެކަމަކު ސަރުކާރުން އަމަލުކުރީ އެއާ ހިލާފަށް ކަމަށާއި އެ ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.