ފަލަސްތީނުގެ އިސްލާމީ ހަރަކާތް، ހަމާސްގެ ސިޔާސީ ގޮފީގެ އާ ވެރިޔަކަށް، އިޒްރޭލާ އެކު ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކުގައި އެ ގްރޫޕުގެ ފަރާތުން އިސްކޮށް ހުންނެވި ހަލީލް އަލް-ހައްޔާ އިންތިހާބުކޮށްފިކަން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.

"ޝަހީދުވެފައިވާ ލީޑަރު ޔަހްޔާ އަލް-ސިންވާރުގެ ބަދަލުގައި، ހަރަކާތުގެ ސިޔާސީ ގޮފީގެ ވެރިޔަކަށް އަޚް މުޖާހިދު ހަލީލް އަލް-ހައްޔާ އިންތިހާބުކޮށްފިކަން އިސްލާމީ ހަރަކާތް (ހަމާސް) އިން އިއުލާންކުރަމެވެ،" ހަމާސްއިން ނެރުނު ބަޔާނުގައިވެ އެވެ.

އޮކްޓޫބަރު 7، 2023 ގެ ހަމަލާތަކުގެ މައިގަނޑު މޭސްތިރިއެއްގެ ގޮތުގައި އިޒްރޭލުން ތުހުމަތުކުރި ސިންވާރު، އިޒްރޭލު ސިފައިން ޣައްޒާގައި އަވަހާރަކޮށްލީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ސިންވާރު އަވަހާރަކޮށްލި ފަހުން ހަމާސް ހިންގަމުން އައީ، ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރައްވާފައިވާ މުހައްމަދު ދަރުވިޝް ރިޔާސަތު ބަލަހައްޓަވަމުންދެވި ފަސް މެންބަރުންގެ ލީޑަރޝިޕް ކައުންސިލަކުންނެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަހުގައި އުފަންވި ހައްޔާ ވަނީ މިދިޔަ އަހަރު ގަތަރުގެ ވެރިތަށް ދޯހާގައި އިޒްރޭލުން އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެވަޑައިގެންފަ އެވެ. ނަމަވެސް އެ ހަމަލާގައި އޭނާގެ ފިރިހެން ދަރިކަލަކު ވަނީ ޝަހީދުވެފަ އެވެ.

ލީޑަރޝިޕް އިންތިހާބުގައި ހައްޔާ ވަނީ ހަމާސްގެ ކުރީގެ ވެރިޔާ އަދި ތަޖުރިބާކާރު ލީޑަރު ހާލިދު މިޝްއަލްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ.

"ހަލީލް އަލް-ހައްޔާ އިންތިހާބުކުރެވުނީ ބޮޑު އަޣުލަބިއްޔަތަކުން،" ހަމާސްގެ އިސް މަސްއޫލުވެރިއަކު އޭއެފްޕީއަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ހަފުތާގައި އޭނާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ސިޔާސީ ގޮފިން ކުރިއަށް އޮތް ދުވަސްތަކުގައި އިސްތަންބޫލްގައި ބައްދަލުކޮށް، ކޮމިޓީތައް އެކުލަވާލައި، ހަމާސްގެ ލީޑަރޝިޕް އޮނިގަނޑު އަލުން ތަރުތީބުކުރުމުގެ މަސައްކަތް ފަށާނެ."

އެ މަސްއޫލުވެރިޔާ ވިދާޅުވީ، މިހާރު އޮތް ފަސް މެންބަރުންގެ ލީޑަރޝިޕް ކައުންސިލް އުވާލާނެ ކަމަށާއި، އެ ކައުންސިލްގެ މެންބަރުން އެ ބޭފުޅުންގެ އިސްތިއުފާގެ ސިޓީ ހަމާސްގެ އާންމު މަޖިލިސް (ޝޫރާ ކައުންސިލް) އަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އިންތިހާބުގެ ކަންކަން ކުރިއަށްދިޔައީ ސެކިއުރިޓީ ހާލަތު ނުރައްކާތެރިކޮށް އޮތުމާއި، އިޒްރޭލުން ސިޔާސީ އަދި އަސްކަރީ ގިނަ ލީޑަރުންތަކެއް އަވަހާރަކޮށްލަމުންދިއުމުގެ ސަބަބުން ވަރަށް ބޮޑަށް އިންތިޒާމްވެގެން  އަދި ސިއްރު ނިޒާމެއްގެ ތެރެއިން،" ހަމާސްގެ މަސްދަރަކުން ބުންޏެވެ.

ހަމާސްގެ އަސްކަރީ ގޮފި، އަލް-ގައްސާމް ބްރިގޭޑްސްގެ މަންދޫބުން ވެސް ވަނީ ހައްޔާއަށް "ފުރިހަމައަށް ތާއީދުކުރާކަން" އިއުލާންކޮށްފަ އެވެ. -- އޭއެފްޕީ