އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމާލަން، ހަމާސްގެ ހަތިޔާރާ ގުޅޭ ގޮތުންނާއި ޣައްޒާގެ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ހަމާސްއިން ހުކުރު ދުވަހު ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމެއް ހެދި ނަމަވެސް އެ އެއްބަސްވުމުގެ ކުރިއަށް ހުރި މަރުހަލާތައް ތަންފީޒުކުރުމަށް އެންމެ ބޮޑު އެއް ހުރަހަކަށް ވެފައި އޮތީ ހަމާސްގެ ހަތިޔާރު ބެހެއްޓުމުގެ މައްސަލައިގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހުގެ ރޭ އިއުލާނު ކުރެއްވި ގޮތުގައި، ހަމާސް އިން ވަނީ "ހަތިޔާރު އެއްކޮށް ދޫކޮށްލަން" އެއްބަސްވެފަ އެވެ. އަދި މިއީ ޣައްޒާގައި ފަލަސްތީނުގެ އާ ސަރުކާރެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
ހަމާސްގެ މަސްއޫލުވެރިން އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި، އެ ޖަމާއަތުގެ ހަތިޔާރުތައް ރައްކާތެރިކަމާ އެކު ބެހެއްޓުމުގެ ކަންކަން ބަލަހައްޓާނީ ޓްރަމްޕްގެ "ބޯޑު އޮފް ޕީސް" އިން ޣައްޒާ ހިންގުމަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި، އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުން ހިމެނޭހެން، އެއްބަސްވުމުގެ މާއްދާތަކަށް އިޒްރޭލުން އަމަލުކުރަމުންދާކަން މެދުވެރިންނާއި "ބޯޑު އޮފް ޕީސް" އިން ކަށަވަރުކޮށްދޭނެ ކަމަށް އެ ޖަމާއަތުން އުންމީދުކުރެ އެވެ.
ހަމާސްގެ މަޝްވަރާ ޓީމުގެ މެންބަރެއް ކަމަށްވާ ޣާޒީ ހަމަދުވިދާޅުވީ، އެ ޖަމާއަތުން "ލުއިތަކެއް ދެމުންދަނީ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި، މެރުމާއި ގެދޮރުގެއްލުމުން އެ މީހުން ސަލާމަތްކުރުމަށްޓަކައި" ކަމަށެވެ.
"ހަތިޔާރު ބެހެއްޓުމުގެ ކަންކަމުގެ ތެރެއަށް އިޒްރޭލުން ނުވަންނާނެ. މި މަސައްކަތް ކުރިއަށްގެންދާނީ ނޭޝަނަލް ކޮމިޓީން،" ޣައްޒާ ހިންގުމަށް އެކުލަވާލާފައިވާ "ނޭޝަނަލް ކޮމިޓީ ފޯ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ" (އެންސީއޭޖީ) އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އިޒްރޭލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮކްޓޯބަރު މަހު ގާއިމުކުރެވުނު ނަމަވެސް، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުމަކަށް ނާދެ އެވެ. ސިއްހީ އޮފިޝަލުން ބުނާ ދޭ ގޮތުގައި ބުރާސްފަތި ދުވަހު ވެސް އިޒްރޭލުން ދިން ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުކޮށްލި އެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ.
ބޯޑު އޮފް ޕީސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިއަށްހުރި މަރުހަލާތައް ތަންފީޒުކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ތަފްސީލީ ރޯޑްމެޕް" އަށް ހަމާސްއިން ވަނީ އެއްބަސްވެފަ އެވެ.
"އަޅުގަނޑުމެންގެ ސަމާލުކަން މިހާރު ހުރީ މިކަން ތަންފީޒުކުރުމަށް،" އެ ޕޯސްޓުގައިވެ އެވެ. އަދި އެންސީއޭޖީ އިން "ފުރިހަމަ ބާރުތަކާ އެކު، ހިންގުމާ ހަވާލުވުމުގެ މަރުހަލާތައް ވަރަށް އަވަހަށް ފަށާނެ" ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަމްޕް ކުރިން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހަމާސްގެ ހަތިޔާރުތައް އެއްކޮށް ދޫކޮށްލުމުން، "އިޒްރޭލު ސިފައިން ޣައްޒާއިން ފައިބާނެ" އެވެ. އަދި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްއިން ފަލަސްތީނުގެ އާ ފުލުހުންގެ ބާރާ އެކު މަސައްކަތްކޮށް، ޣައްޒާ އަކީ އެތަނުގެ ރައްޔިތުންނަށާއި އަވައްޓެރިންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ މަސްއޫލިއްޔަތާ ހަވާލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބޯޑު އޮފް ޕީސްއިން ޣައްޒާއަށް ކަނޑައަޅާފައިވާ ހައި ރެޕްރެޒެންޓަޓިވް ނިކޮލާއި މްލަދެނޯފް ހުކުރު ދުވަހު ވިދާޅުވީ، މި އެއްބަސްވުމަށް އާދެވުނީ "ވަރަށް އުނދަގޫ މަޝްވަރާތަކެއް ކުރެވުނުތާ މަސްތަކެއް ފަހުން" ކަމަށެވެ.
"ދެން މި އަންނަ ކަންކަން މާ މުހިންމު. ކަންކަން ތަންފީޒުކުރުމާއި ކަށަވަރުކުރުމުގެ ކަންކަން ސާބިތުކަމާ އެކު ހިންގަންޖެހޭ،" މްލަދެނޯފް އެކްސްގައި ލިޔުއްވާފައިވެ އެވެ.
އަދި "އިޒްރޭލު ސިފައިން ފޭބުމުގެ ކަންކަން ކުރިއަށްދާންވާނީ ހަތިޔާރު އަތުލުމުގެ މަސައްކަތާ އެކުއެކީގައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިސްރުގެ ދައުލަތާ ގުޅުންހުރި އަލް-ގާހިރާ ނިއުސްއިން ހުކުރު ދުވަހުގެ ހެނދުނު ބުނި ގޮތުގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާއަށް އަމާޒުކޮށްގެން، މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ގައުމުތައް ކަމަށްވާ އެމެރިކާ، ގަތަރު އަދި ތުރުކީއާ އެކު ބާއްވާ ބައްދަލުވުމެއް "ވަރަށް އަވަހަށް" ގާހިރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.