ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި އެ މީހުންގެ އަތުގައި ބޭންކުތަކުން ހިފަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ކުރިއަށްގެންދާ "ގެޓްސެޓް" ލޯނު ސްކީމުގެ ކާމިޔާބު ފާހަގަކުރަން އައިޖީއެމްއެޗްގެ އޯކިޑް މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ސްކީމުގެ ދަށުން ކާމިޔާބު ވިޔަފާރިވެރިންތަކެއް އުފެެއްދިފައިވާ ކަމަށާއި އެއީ ރާއްޖޭގެ ބޭންކުތަކަށް ވެސް ދައްކައިދިން ރީތި ނަމޫނާއެއް ކަމަށެވެ.
"ތިޔަ ބޭފުޅުން ބޭންކުތަކަށް ތި މޯޓިވޭޓްކޮށްދެނީ އިތުރު ޕްރޮޮޑްކަޓުތައް މާކެޓަށް ނެރެދޭށޭ. ތި ޒުވާނުންނަކީ ޒިންމާދާރު ކުޑަ ބައެއް ނޫންކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޭންކުތަކުން ވެސް އެބަ ޖެހޭ ޒުވާނުންގެ އަތުގައި ހިފަން. ކުދި ވިޔަފާރިތަކުގެ އަތުގައި ހިފަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިޔަފާރީގެ ދާއިރާއަށް ގިނަ ޒުވާނުން ނެރެން ސަރުކާރަށް އިތުރު ހިތްވަރެއް މިހާރު ލިބިއްޖެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ގެޓްސެޓް ލޯނު އެހީގައި ވިޔަފާރި ފެށި ބައެއް މީހުން ވެސް ވާހަކަދައްކާފައިވެ އެވެ. އެ މީހުން ބުނި ގޮތުގައި ވިޔަފާރިއެއް ފަށަށް ކެޕިޓަލެއް ލިބޭ ގޮތަށް ހަމަޖެހުމަކީ ކުރިއަށް ދާން ހުޅުވުނު ދޮރެއް ކަމަށެވެ.
ގެޓްސެޓް ސްކީމްގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެ އެވެ. ފުރަތަމަ ބުރުގައި ހޮވި 34 މީހުންނަށް ލޯނު ފައިސާ ދޫކުރަން މިހާރު ވަނީ ފަށާފަ އެވެ. އަދި އަންނަ މަހު ސްކީމުގެ ދެ ވަނަ ބުރަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
ގެޓްސެޓް ސްކީމުން 300،000ރ. އާއި 800،000ރ. އާ ދެމެދުގެ ލޯނު ލިބެ އެވެ. ރަހުނަކާ ނުލައި ދޭ މި ލޯނު ދައްކަން ހަތަރު އަހަރާއި ނުވަ އަހަރާ ދެމެދުގެ މުއްދަތެއް ދެ އެވެ. ވިޔަފާރި ކުރަން ފައިސާ ލިބުމުގެ އިތުރުން މި ސްކީމްގެ އެންމެ ހާއްސަ ކަމަކީ ކަމާ ގުޅޭ ތަމްރީނު ދިނުމެވެ. އެ ގޮތުން، ފުރަތަމަ ތިން މަހާއި ނުވަ މަސްދުވަހުގެ މުއްދަތަކަށް ކޮންމެ ވިޔަފާރިއަކަށް ވެސް ހާއްސަ ތަޖުރިބާކާރެއް ކަނޑައަޅައި އެ ފަރާތުގެ އިރުޝާދާއި އެހީތެރިކަން، ޒުވާން ވިޔަފާރިވެރިންނަށް ލިބެ އެވެ.