މާދަމާ ބާއްވާ 74 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑްސްގައި، ދާދި ފަހުން މަރުވި މަޝްހޫރު ދެ ތަރިން ކަމަށްވާ ކެރީ ފިޝާ އާއި އޭނާގެ މަންމަ ޑެބީ ރެނޮލްޑްސް އަށް ހާއްސަ ޝަރަފެއް އަރުވާ ގޮތަށް ނިންމައިފި އެވެ.
މިކަން ގޯލްޑެން ގްލޯބްސްގެ ޕްރޮޑިއުސަރު ބެރީ އެޑެލްމަން ވަނީ ޕީޕަލް މެގަޒިން އަށް ދެއްވި އިންޓަވިއުއެއްގައި ކަށަވަރުކޮށް ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ގޯލްޑެން ގްލޯބްސްއަކީ މިހާތަނަށް ޝަރަފުވެރިކަމުގެ އެވޯޑް ފަންނާނުންނަށް އަރުވާ، އެވޯޑް ހަފުލާއެއް ނޫނަސް، ފިލްމީ ދާއިރާ އަށް ކެރީ އާއި ޑެބީކޮށް ދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް މި ފަހަރު ޝަރަފުވެރިކަމުގެ އެވޯޑް ދޭން ނިންމާފައިވާ ކަމަށެވެ.
އެ ދެ ތަރިންގެ އިތުރަށް ހިދުމަތުކުގެ އަގު ވަޒަންކޮށް އެވޯޑް ދޭން ނިންމާފައިވާ ފަންނާނުންގެ ތެރޭގައި ދާދި ފަހުން މަރުވި ލަވަ ކިޔުންތެރިޔާ ޖޯޖް މައިކަލް، އެކްޓަރު ޖީން ވައިލްޑާ، ލަވަ ކިޔުންތެރިޔާ ޑޭވިޑް ބޯވީ އަދި އެކްޓަރު އެލަން ރިކްމަން ހިމެނެ އެވެ.
"ސްޓާ ވޯސް" ގެ ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެެއް ހޯދި ކެރީ، 60، މަރުވީ ލަންޑަނުން ލޮންޖެލިސް އަށް މިދިޔަ ޑިސެމްބަރު މެހުގެ 23 ވަނަ ދުވަހު މަތިންދާ ބޯޓްގައި ކުރި ދަތުރުމަތީގައި ހާޓްއެޓޭޖެއް ޖެހި، ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު މަހުގެ 27 ގަ އެވެ.
ކެރީގެ މަންމަ ޑެބީ، 84، މަރުވީ ދަރިފުޅުގެ ކުއްލި މަރާ ގުޅިގެން ލިބުނު ހިތްދަތިކަމުގެ ތެރޭގައި އުޅެނިކޮށް، އޭގެ އެއް ދުވަސް ފަހުންނެވެ.
މި ދެމައިންގެ ކެރިއާ އަށް ބަލާ އިރު، ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.
އެގޮތުން "ސްޓާ ވޯޒް" ސިލްސިލާގެ ހަތަރު ފިލްމެއްގެ އިތުރުން ކެރީގެ ފާހަގަކޮށްލެވޭ އިތުރު ބައެއް ފިލްމުތަކުގެ ތެރޭގައި ޝޭމްޕޫ (1975)، ދަ ބްލޫސް ބްރަދާޒް (1980)، ހަނާ އެންޑް ހަ ސިސްޓާސް (1986) އަދި ވެން ހެރީ މެޓް ސެލީ (1989) ހިމެނެ އެވެ.
މި އަހަރު ރިލީޒް ކުރާ "ސްޓާ ވޯސް: އެޕިސޯޑް 8" އިން ވެސް ކެރީ ފެނިގެން ދާނެ އެވެ.
ކެރީ ވަނީ ގިނަ އަދަދެއްގެ ޓީވީ ޝޯތަކުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭގެ ތެރޭގައި "ސެކްސް އެންޑް ދަ ސިޓީ"، "30 ރޮކް" އަދި "ގާލްފްރެންޑްސް ގައިޑް ޓް ޑިވޯސް" ހިމެނެ އެވެ.
ކެރީގެ މަންމަ ޑެބީގެ ކުޅުނު ފިލްމުތަކުގެ ތެރޭގައި ތުރީ ލިޓްލް ވޯޑްސް (1950)، ސިންގިން އިން ދަ ރެއިން (1952) އަދި ދި އަންސިކަލްބަލް މޮލީ ބްރައުން (1964) ހިމެނެ އެވެ.