ގޯލްޑެން ގްލޯބްސް އެވޯޑް ލިބުނު ފަންނާނުންނާއި އެވޯޑް ޕްރެޒެންޓަރުންނަށް ދޭ މި އަހަރުގެ "ގިފްޓް ބޭގް"ގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހިމަނައިފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، މި އަހަރުގެ ގޯލްޑަން ގްލޯބްސް ގިފްޓް ބޭގަކީ ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހިމެނޭ، ވަރަށް އަގުބޮޑު ހަދިޔާ "ފޮއްޓެކެވެ". "ރޮބް ރިޕޯޓް" އިން ތައްޔާރުކޮށްފައިވާ އެ ބޭގް ލިބެނީ އެވޯޑް ކާމިޔާބުކުރި ފަންނާނުންނަށާއި ހަފުލާގެ ޕްރެޒެންޓަރުންނަށެވެ. 

އަމިއްލަ ޔޮޓްތަކުގައި ދަތުރުކުރުމުގެ ފުރުސަތާއި މަޝްހޫރު ޑިޒައިނަރުންގެ އުފެއްދުންތައް ހިމެނޭހެން 35 އަށް ވުރެ ގިނަ ތަފާތު ހަދިޔާތައް އެ ގިފްޓު ބޭގުގައި ހިމެނެ އެވެ.

އެ ހަދިޔާތަކުގެ ތެރޭގައި ރާއްޖޭގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހިމަނާފައިވެ އެވެ. އެއީ؛

  • އދ. އަތޮޅުގައި އޮންނަ ކޮންރެޑް މޯލްޑިވްސް ރަންގަލީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު. އެ ރިސޯޓުގައި ހުންނަ ދުނިޔޭގެ ފުރަތަމަ އަންޑަވޯޓާ ރެސިޑެންސް "ދަ މުރަކަ"އިގައި ދެ ދުވަސް ހޭދަކުރުމުގެ ފުރަސަތު ދޭ. އެ ފުރުސަތު ފަސް ފަންނާނަކަށް ދޭނެ.
  • މާލެ އަތޮޅުގައި އޮންނަ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގެ ހަ ކޮޓަރީގެ ވިލާގައި ތިން ދުވަހުގެ ހުރުން. އެ ފުރުސަތު ފަސް ފަންނާނަކަށް ދޭނެ.
  • މާލެ އަތޮޅުގައި އޮންނަ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ގްރޭންޑް އޯވާވޯޓާ ވިލާގައި ތިން ދުވަހުގެ ހުރުން. އެ ފުރުސަތު ހަ ފަންނާނަކަށް ދޭނެ.

ދުނިޔޭގެ ފިލްމާއި ސީރީޒްތަކަށް ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ ގޯލްޑެން ގްލޯބްސްގެ މި އަހަރުގެ އެވޯޑް ބޭއްވީ މިއަދެވެ. މި އަހަރު އެންމެ ގިނަ އެވޯޑްތައް ކާމިޔާބުކުރީ އެކްޝަން ތުރިލާ ފިލްމު "ވަން ބެޓުލް އާފްޓާ އެނަދާ" އާއި "ސައިކޮލޮޖިކަލް ތުރިލާ "ހެމްނެޓް" ފިލްމު ހެމްނެޓެވެ. އެ ދެ ފިލްމަށް ވެސް ހަތަރު އެވޯޑެއް ލިބިފައިވެ އެވެ.

މިއީ އެ އެވޯޑު ބޭއްވި 83 ވަނަ އަހަރެވެ.