ރާއްޖޭގައި ބާނާ މަހާއި މީހުންގެ ގައިގައި ދިރޭ ރަހަ ހުރި މިންވަރު ބަލަން އެންވަޔަރުމެންޓް މިނިސްޓްރީން ހެދި ދިރާސާއަކާ ގުޅޭ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި ނިންމުމެއް ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.
ރާއްޖޭގައި ބަނާ މަހުން ދިރޭ ރަހަ ފެނިފައިވާ ނަމަ އޭގެ މިންވަރާއި އެ ފެނުނު މަހުގެ ބާވަތާއި އެ މަސް ބޭނި ސަރަހައްދު އަދި ދިރޭ ރަހަ ފެނިފައިވޭތޯ ބަލަން ދިވެހިންގެ މެދުގައި ކުރި ސާވޭގައި ބައިވެރިވި މީހުންގެ މައުލޫމާތާއި ދިރޭ ރަހަ ފެނިފައިވާ މިންވަރު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމު މީހަކު ހުށަހެޅި އެވެ.
ދިރޭ ރަހަ ނުވަތަ މާކިއުރީއަކީ މަހުގެ ބާވަތްތަކުން ފެންނަ ކެންސަރަށް މަގުފަހިކުރުވާ މާއްދާއެކެވެ.
އެ ހުށަހެޅުމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މައުލޫމާތު ދީފައިވަނީ އެފަދަ މައުލޫމާތެއް އެ މިނިސްޓްރީގައި ނެތް ކަމަށެވެ. ނަމަވެސް، އެ މައްސަލަ މިނިސްޓްރީގެ ރިވިއު ކޮމިޓީއަށް ހުށަހެޅުމުން ތިލަފުށި ކައިރިން ބޭނި މަހުގައި ދިރޭ ރަހަ ހުރި މިންވަރު ބަލަން ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަން ވަނީ ބުނެފަ އެވެ.
އެ ރިޕޯޓާ ގުޅޭ ޓެކްނިކަލް މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުން ފަސް ކުރަން މިނިސްޓްރީން ނިންމި އެވެ. ނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރު ކަނޑައަޅާފައިވަނީ މައުލޫމާތު ހާމަކުރުން ފަސްކުރަން މިނިސްޓްރީން ނިންމާފައިވަނީ ގާނޫނުގައި ބުނާ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތަކަށް ނޫނެވެ.
އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު އިންފޮމޭޝަން އޮފިސަރު ދީފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ކޮމިޝަނަރު ފާޅުކުރައްވާފައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަންގަވާފައިވަނީ ދިރޭ ރަހަ ފެނުނު މަހުގެ ބާވަތާއި މިންވަރާއި އެ ސާވޭ ހެދި މީހުންގެ ޖިންސާއި އުމުރާއި އެ މީހުންގެ ގައިން ދިރޭ ރަހަ ފެނުނު މިންވަރު 10 ދުވަހުގެ ތެރޭގައި އެ ހޯދަން އެދުނު ފަރާތާ ހިއްސާކުރުމަށެވެ.
ނަމަވެސް، ކޮމިޝަނަރު މިދިޔަ މަހުގެ ތެރޭގައި ނިންމި އެ ނިންމުމާ އެއްގޮތަށް އަމަލުނުކޮށް މިނިސްޓްރީން ވަނީ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
އެ ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.