ދެ މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިން އާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ރޯވި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށާއި އެ ހާދިސާގައި "ހުޅު ޖެހުމުގެ" ހަމަލާއެއް ނުހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކު ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ކަރަންޓް ވަޔަރުތަކެއްގައި ރޯވެގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ ފުލުހުންގެ ބޮޑީކެމްގެ ފުޓޭޖްތަކުން ވެސް އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައި އޮތް ހާދިސާއެއް ގޮތަކަށް ނޫން އަޅުގަނޑުމެންނަށް ހާދިސާގެ ތަހުގީގުން މި ފެންނަނީ. ކަރަންޓުގައި ރޯވެފައި، އެންމެ ފުރަތަމަ އިނީޝަލް ސްޓޭޖްގައި ފުލުހުން އެތަނަށް އެޓެންޑްވެގެން [ނަގާފައި ހުރި] ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަ ވޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ސީލިންގަނޑު ތެރޭގައި އެއާކޮންޑިޝަނާ ތަކެއްގެ ވައިރުތަކެއްގައި ކަން،" އިހުސާން ވިދާޅުވި އެވެ.
ޑިސެމްބަރު، 2024 ގައި ހިނގި ހާދިސާގައި ޓިނު ބިލްޑިންގައި ރޯވެ، އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިން އަށް އަލިފާން ފެތުރި ބޮޑެތި ގެއްލުންތަކެއްވި އެވެ. ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގާ ޓިނު ބިލްޑިން އާއި ގްރީން ބިލްޑިން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެހެންވެ، އެ ތިން މިނިސްޓްރީ ވަގުތީ ގޮތުން މިހާރު ހިންގަނީ ދަރުބޭރުގޭގަ އެވެ.
ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގެ ތަހުގީގު ފުރަތަމަ ދުވަހު ވެސް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާ ކަމަށް ޕޮލިސް ކޮމިޝަނަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.