ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައި، އެ އުޅަނދުގެ ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އެ ލޯންޗުގައި އަލިފާން ރޯވުމާ ގުޅިގެން ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 12:20 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ލޯންޗު ކެޕްޓަނާއި ފަޅުވެރިއަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެ ތެރެއިން ފަޅުވެރިޔާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
އެކަމަކު ފުލުހުން ބުނީ ލޯންޗުގެ ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވީ ހަނިމާދޫ، މުހައްމަދު އިދުރީސް ކިޔާ މީހެއްގެ ލޯންޗެއްގަ އެވެ. އެއީ އޭނާ ގެންގުޅޭ ތިން ލޯންޗުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ލޯންޗު ވެސް މެ އެވެ.
އެ ހާދިސާއާ ގުޅިގެން ހަނިމާދޫ ކައުންސިލުގެ ރައީސް އަލީ އިބްރާހިމް، "މިހާރު" އަށް މިއަދު ވިދާޅުވީ ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ހަނިމާދޫ އެއާޕޯޓުން ފުރަން އަންނަން ތިބި ބަޔަކު ބަލާ ދިއުމަށް ލޯންޗު ސްޓާޓުކުރި ވަގުތުގައި ކަމަށެވެ. އޭރު ކެޕްޓަނުގެ އިތުރުން ދެ ކްރޫ އޭގައި ތިބި ކަމަށް ވިދާޅުވި އެވެ.
ލޯންޗު ކެޕްޓަނަށް އަނިޔާވެގެން ފަރުވާދެމުން އަންނައިރު އަލީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން ކައިރީގައި ހުރި ލޯންޗުތައް ދުރުކުރުމުގެ މަސައްކަތުގައި ވެސް ކެޕްޓަން އެހީވި ކަމަށެވެ.
އެ ހާދިސާގައި ކެޕްޓަންގެ މޫނާއި ވައަތު ފަޔާއި ކަނައަތާއި ގައިގެ އެކި ތަންތަން ފިހިގެން ފަރުވާ ދެމުން އަންނަ ކަމަށާއި އެކަމަކު ހާލު "ސްޓޭބަލް" ކަމަށް އަލީ ވިދާޅުވި އެވެ.
އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނަސް ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.