އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑްގެ ފުލަމް އާއި ސްޕެއިންގެ މަލަގާ ކުޅުނު ޕްރީ ސީޒަން މެޗު، ފުލްމްގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިއުމުން ޕެނަލްޓީޝޫޓްއައުޓްގައި ހުސް ގޯލަށް ޖަހައފި އެވެ. 

މަލާގާގެ ދަނޑުގައި ކުޅުނު މެޗުގެ، 90 ވަނަ މިނިޓްގައި އެ ޓީމުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މެޗު އެއްވަރުވީ 2-2 ންނެވެ.

އިއްޔެ ކުޅުނު މެޗުގެ ފަހު ވަގުތު ރެފްރީންގެ ނިންމުމާ ހިތްހަމަނުޖެހުމުން، ފްލަމްގެ ކޯޗު އަލްވާރޯ އާބެލޯ އަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ. 

މެޗު އެއްވަރުވެގެން ނިމުމުން، ޕެނަލްޓީޝޫޓްއައުޓަށް ދާން އުޅުމުން ފްލަމްގެ ޓީމު ދަނޑުން ފޭބީ އެވެ. އެކަމަކު ޕެނަލްޓީ ޖެހުމުގައި ކުރިއަށް ދިޔަ އެވެ. 

މަލަގާގެ ކުޅުންތެރިން ޕެނަލްޓީ ޖެހީ ހުސް ގޯލަށެވެ. އެ މެޗުން މޮޅުވި ކަމަށް ބަލައި މަލާގާ އަށް ވަނީ "ކޮސްޓާ ޑެލް ސޯލް" ގެ ނަމުގައި ކުޅުނު މެޗުގެ ތަށި ލިބިފަ އެވެ. 

ޕެނަލްޓީ ޖެހުމާ މެދު ދެ ކްލަބްގެ ހިޔާލު ތަފާތެވެ. ފްލަމްއިން ބުނީ މެޗު އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޖަހަން އެއްބަސްވެފައި ނުވާ ކަމަށެވެ. އެކަމަކު މަލަގާއިން ބުނީ އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޖެހުމަށް، މެޗު އިންތިޒާމު ކުރުމުގެ މަރުހަލާގައި ހެދި އެއްބަސްވުމުގައި އޮންނާނެ ކަމަށެވެ. 

ސްޕެއިންގެ ކްލަބުން ދަނީ އަށް އަހަރަށް ފަހު ލަލީގާގައި ވާދަކުރަން ތައްޔާރުވަމުންނެވެ.