މަޝްހޫރު ރިޒް ކާލްޓަންގެ ފުރަތަމަ ރިސޯޓާއެކު ހުޅުވާ "ފަރި އައިލެންޑްސް" އަކީ މި އަހަރު ރާއްޖޭގައި ހުޅުވާނެ އެންމެ ތަފާތު ތިން ރިސޯޓެވެ. ކ. ރަށްފަޅު ހުރާ ފަޅުގައި ހަދާފައިވާ މި ރިސޯޓުތަކަކީ 2019 ވަނަ އަހަރު ހުޅުވި ކްރޮސް ރޯޑްސް މެރީނާގެ ކޮންސެޕްޓާ އެއްގޮތަށް ހަދާފައިވާ ރިސޯޓުތަކެކެވެ.
މި ފަޅުގައި ރިޒް ކާލްޓަންގެ އިތުރުން ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓު ބްރޭންޑުތަކުގެ ތިން ރިސޯޓެއް ހިމެނެ އެވެ. އެއީ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް އާއި ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގެ އިތުރުން ކަޕެލާ މޯލްޑިވްސް ފަރި އައިލެންޑް އެވެ. މީގެ ތެރެއިން ޕަޓީނާ މޯލްޑިވްސް ކަޕެލާ މޯލްޑިވްސް އަކީ އެއް ޕޭރެންޓް ކުންފުންޏެއްގެ ދަށުން ހިންގާ ދެ ރިސޯޓެވެ.
މި ތިން ރިސޯޓުގެ އިތުރުން އެ ފަޅުގައި އިތުރު ރަށެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ. އެހެންނަމަވެސް އެ ރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ރަށެއް ނޫނެވެ. މިއީ މި ތިން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކޮމޮޑޭޝަނަށް ހާއްސަ ކޮށްފައިވާ ރަށެކެވެ. މިއީ މިގޮތަށް ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ ރަށެވެ.
މި ފަޅުގައި ރިސޯޓުތައް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ އެންމެ ބޮޑު އެއް ރިއަލް އެސްޓޭޓް ކުންފުނި ޕޮންޓިއެކް ލޭންޑާ އެވެ. އެ ކުންފުނިން މި ފަޅުގައި "ފަރި މެރީނާ"ގެ ނަމުގައި މެރީނާއެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ. މި މެރީނާގައި މަޝްހޫރު ބްރޭންޑުތަކުގެ ފިހާރަތަކާއި ބުޓީކްތައް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ތިން ރިސޯޓު ވެސް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
މެރިއެޓް އިންޓަނޭޝަނަލްގެ ދަށުން ހިންގާ ރިޒް ކާލްޓަން އިން ރާއްޖޭގައި ތަރައްގީ ކުރާ މި ރިސޯޓުގައި އެންމެ މަތީ ފެންވަރުގެ 100 ވިލާ ހުންނާނެ އެވެ. މީގެ ތެރޭގައި ވޯޓާ ވިލާތަކާއި ބީޗް ޕޫލް ވިލާތައް ހިމެނެ އެވެ.
މި ރިސޯޓުގައި ހަދާފައިވާ އެންމެ ބޮޑު ވިލާއަކީ "ދަ ރިޒް ކާލްޓަން އެސްޓޭޓް"ގެ ނަމުގައި ހުޅުވާ ވިލާ އެވެ. މި ވިލާގައި ޕްރައިވެޓް ބީޗެއްގެ އިތުރުން ޕޫލަކާއި ސްޕާ ރޫމަކާއި ބަޓްލާ ސާވިސް ލިބޭނެ އެވެ. އަދި އެ ވިލާގައި ޗުއްޓީ ހޭދަ ކުރާ ގެސްޓުންނަށް ކެއުން ތައްޔާރު ކުރަން ހާއްސަ ޝެފެއް ވެސް ހުންނާނެ އެވެ.
މި ވިލާތައް ޑިޒައިން ކޮށްފައިވަނީ އޮސްޓްރޭލިއާގެ މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ ކެރީ ހިލް އެވެ. އަދި ލައިޓިންގެ މަސައްކަތް ކޮށްފައިވަނީ މެލްބަންގެ "ފްލޭމިން ބީކަން" ކުންފުނިންނެވެ.
މީގެ އިތުރުން މި ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ލިބޭ ހަތް ރެސްޓޯރެންޓާއި ބާ ވެސް ހުންނާނެ އެވެ.
ކަޕެލާ މޯލްޑިވްސް، ފަރި އައިލެންޑްސް
ރަށްފުށު ދިރިއުޅުމާއި ޒާމާނީ ކަންތައްތައް ތަޖުރިބާ ކުރެވޭގޮތަށް ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި 57 ވިލާ އާއި މެންޝަންތައް ހުންނާނެ އެވެ. ކޮންމެ ވިލާއަކުން ވެސް ރާއްޖޭގެ ކަނޑުގެ ރީތިކަން ފެންނައިރު ގިނަ ވިލާތަކުައި އިންފިނިޓީ ޕޫލް ހުންނާނެ އެވެ.
މި ރިސޯޓުގެ އެންމެ ތަފާތު ކަމަކީ ސްޕާ އެވެ. މި ސްޕާ ހިންގާނީ ބައިނަލްއަގުވާމީ އެވޯޑުތައް ހާސިލް ކޮށްފައިވާ އޯރިގާ ސްޕާ އެންޑް ވެލްނެސް އިންނެވެ. މި ސްޕާ ހަދާފައިވަނީ ޓްރީޓްމަންޓުތަކާއި ތެރަޕީތައް ހަދާއިރު މޫދުގެ ރީތިކަމާއި އުޑުގެ ރީތިކަން ވެސް އިހުސާސް ކުރެވޭ ގޮތަށެވެ.
މި ރިސޯޓަށް އަންނަ ޓޫރިސްޓުން ބޭނުންވާނަމަ އަމިއްލަ އެސިސްޓެންޓުން ނެގުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މިއީ ޕާސަނަލް ބަޓްލާ ސާވިސް ފަދަ ހިދުމަތެކެވެ.
މީގެ އިތުރުން އެމެރިކާގެ ސްޓޭކް ހައުސްއެއް ވެސް މި ރިސޯޓުގައި ހުންނާނެ އެވެ.
ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސް
"ރަސްޓިކް" އަދި "ވިންޓެޖް" ޑިޒައިންތަކަށް ލޯބިކުރާ މީހުންނަށް މިއީ އެންމެ ކަމުދާނެ އެއް ރިސޯޓެވެ. ލަކުޑީގެ ރީތި މަސައްކަތްތައް ފެންނަ މި ރިސޯޓުގައި 90 ވިލާ ހުރެ އެވެ. ކޮންމެ ވިލާއަކުން ވެސް އިރުއޮއްސޭ މަންޒަރާއި އިރުއަރާ މަންޒަރު ފެންނާނެ އެވެ.
މި ރިސޯޓުގައި ހުންނަ ވިލާތަކުގެ ތެރޭގައި ބީޗް ވިލާ އާއި އޯވާ ވޯޓާ ވިލާގެ އިތުރުން ބީޗް ހައުސް އެއްވެސް ހިމެނެ އެވެ. ބޮޑު ބަގީޗާއެއްގެ ތެރޭގައި ހަދާފައިވާ ބީޗް ހައުސް އަކީ އެ ރިސޯޓުގައި ހަދާފައިވާ އެންމެ ބޮޑު ވިލާ އެވެ.
މި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރާ މީހުންނަށް ގިނަ ހިދުމަތްތަކެއް ހިލޭ ލިބޭނެ އެވެ. އެގޮތުން، އެ ރިސޯޓުގައި ހުންނަ "ޓުކް ޓުކް ޖެލާޓޯ" އިން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން ހަވީރު 5:00 ހިލޭ އައިސް ކްރީމް ލިބޭނެ އެވެ. އަދި ކުޑަ ކުދިންނަށް ޑައިވިން ކްލާސްތައް ނަގައިދިނުމުގެ އިތުރުން ބައިސްކަލާއި ސްނޯކްލިން ސެޓުތަކާއި ޕެޑަލް ބޯޑްތަކާއި ކަޔަކުތައް ވެސް ހިލޭ ބޭނުން ކުރެވޭނެ އެވެ.