"ފަރި އައިލެންޑްސް" ގެ ފުރަތަމަ ރިސޯޓު ކ. ރަށްފަޅު ހުރާ ފަޅުގައި ޕަޓީނާ މޯލްޑިވްސް އިން ހުޅުވައިފި އެވެ.
މި ފަޅުގައި ހުޅުވާ ރިސޯޓުތައް ތަރައްގީ ކޮށްފައި ވަނީ 2019 ވަނަ އަހަރު ހުޅުވި ކްރޮސް ރޯޑްސް މެރީނާގެ ކޮންސެޕްޓާ އެއްގޮތަށެވެ. މަޝްހޫރު ރިޒް ކާލްޓަންގެ ރިސޯޓެއް ވެސް މި ފަޅުގައި ވަނީ ތަރައްގީ ކޮށްފަ އެވެ.
ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސް އަކީ މަޝްހޫރު ހޮޓެލް ޗެއިން ކަޕޭލާ ހޮޓެލް ގްރޫޕުގެ ދަށުން ހިންގާ ޕަޓީނާ ހޮޓެލްސް އެންޑް ރިސޯޓުގެ ދަށުން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓެވެ. މި ރިސޯޓުގެ އިތުރުން އެ ފަޅުގައި ހަމަ އެއް ކުންފުންޏެއްގެ ދަށުން، ކަޕެލާ މޯލްޑިވްސް، ފަރި އައިލެންޑްސް ވެސް ހުޅުވާނެ އެވެ.
ޕަޓީނާ ރިސޯޓަކީ "ރަސްޓިކް" އަދި "ވިންޓެޖް" ޑިޒައިންތަކަށް ލޯބިކުރާ މީހުންނަށް ކަމުދާ ޑިޒައިނަކަށް ހަދާފައިވާ ރިސޯޓެކެވެ. އެ ތަނުގައި ލަކުޑީގެ ރީތި މަސައްކަތްތައް ފެންނަ 90 ވިލާ ހުރެ އެވެ. ކޮންމެ ވިލާއަކުން ވެސް އިރުއޮއްސޭ މަންޒަރާއި އިރުއަރާ މަންޒަރު ފެންނާނެ އެވެ.
މި ރިސޯޓުގައި ހުންނަ ވިލާތަކުގެ ތެރޭގައި ބީޗް ވިލާ އާއި އޯވާ ވޯޓާ ވިލާގެ އިތުރުން ބީޗް ހައުސް އެއްވެސް ހިމެނެ އެވެ. ބޮޑު ބަގީޗާއެއްގެ ތެރޭގައި ހަދާފައިވާ ބީޗް ހައުސް އަކީ އެ ރިސޯޓުގައި ހަދާފައިވާ އެންމެ ބޮޑު ވިލާ އެވެ.
މި ރިސޯޓުގައި ޗުއްޓީ ހޭދަކުރާ މީހުންނަށް ގިނަ ހިދުމަތްތަކެއް ހިލޭ ލިބޭނެ އެވެ. އެ ރިސޯޓުގައި ހުންނަ "ޓުކް ޓުކް ޖެލާޓޯ" އިން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން ހަވީރު 5:00 އަށް ހިލޭ އައިސް ކްރީމް ލިބޭނެ އެވެ. އަދި ކުޑަ ކުދިންނަށް ޑައިވިން ކްލާސްތައް ނަގައިދިނުމުގެ އިތުރުން ބައިސިކަލާއި ސްނޯކްލިން ސެޓުތަކާއި ޕެޑަލް ބޯޑްތަކާއި ކަޔަކުތައް ވެސް ހިލޭ ބޭނުން ކުރެވޭނެ އެވެ.
ފަރި އައިލެންޑްސްގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ރަށެއް ވެސް ތަރައްގީ ކުރާނެ އެވެ.
މި ރިސޯޓުތަކުގެ ތެރެއިން ރިޒް ކާލްޓަން ރިސޯޓާއި ކަޕެލާ ރިސޯޓު ވެސް މި އަހަރު ހުޅުވާނެ އެވެ. އެގޮތުން، ރިޒް ކާލްޓަން މި އަހަރުގެ ޖުލައި މަހު ހުޅުވާނެ ކަމަށް އިއުލާން ކޮށްފައިވާއިރު ކަޕެލާ ހުޅުވާނެ ތާރިހެއް އަދި ނުނިންމަ އެވެ.