އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމަކީ ވަރަށް ބޮޑު އިންސްޕިރޭޝަނަށް ކަމަށާއި ނަށަން ލޯބި ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ ލަވަތައް އަޑުއެހުން ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.
ލޯބިވެރިޔާ ނަތާޝާ ދަލާލާ އެކު، މި ވަގުތު ސްވިޓްޒަލެންޑްގައި ޗުއްޓީ ހޭދަކުރަމުން އަންނަ އެކްޓަރު ބުނީ، ހިޕްހޮޕް މިއުޒިކަކީ ވެސް ނެށުމުގެ ހުނަރަށް ޝައުގުވެރިކަން އުފެއްދި ސަބަބެއް ކަމަށެވެ.
"ބޮޑުވަމުން އައި އިރު، އަހަރެން އެންމެ ގިނައިން އެ ފަންނާނެއްގެ މިއުޒިކް އަޑު އަހައި އެކަކަށް ވާނެ އެމިނެމް. އޭނާގެ މިއުޒިކްތައް އަޑުއަހާލީމާ ނުނަށައި ނުހުރެވޭ. އެހެންވެ ކޮންމެ ކަހަލަ މޫޑެއްގައި ހުއްޓަސް ވެސް އެމިނެމްގެ މިއުޒިކެއް އަޑު އިވުމަކީ އަހަރެންނަށް ވަރަށް ޖޯޝް ގެނުވާ ކަމެއް،" މި މަހުގެ 24 ގައި ރިލީޒްކުރާ ޑާންސް ފިލްމު "ސްޓްރީޑް ޑާންސާ" ގެ ބަތަލު ބުންޏެވެ.
"އެހެންވެ އެއީ އިންސްޕިރޭޝަނެކޭ ބުނާ ހިތްވަނީ."
ވަރުން ބުނިގޮތުގައި އެކި ކަހަލަ ޑާންސް ފޯމްތަކަކީ ޒުވާނުންނަށް ކުރިއަށް ދެވެން ހުރި ފުރުސަތެކެވެ.
"އަހަރެން ބޭނުންވޭ އެ ކަހަލަ ހުނަރުތައް ދައްކާލައިގެން ޒުވާނުން އެޑިއުކޭޓް ކުރަން. ސްޓްރީޓް ޑާންސާ އަކީ އެ ޒާތުގެ ފިލްމަކަށް ވާނެ،" އޭނާ ބުންޏެވެ.
"އަދި މި ފިލްމު ހަދާފައި ވަނީ ވެސް ސީދާ އެ މަގުސަދުގައި. އިމޯޝަންތަކާ އެކު މި ކަހަލަ ފިލްމުތައް ގެނެސްދިނުމަކީ އަހަރެން ގަބޫލުކުރާ ގޮތުގައި ހުނަރުތައް ތަރައްގީ ކުރަން ޒުވާނުންނަށް ދެވޭ ހިތްވަރެއް."
"ސްޓްރީޓް ޑާންސާ" އަކީ ޑައިރެކްޓަރު ރެމޯ ޑި ސޫޒާއާ އެކު، ވަރުން މަސައްކަތް ކުރި ދެވަނަ ޑާންސް ފިލްމެވެ. އެ ދެ މީހުން ކުރިން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2015 ގެ "އޭބީސީޑީ 2" އެވެ. އެ ފިލްމުގެ ބަތަލާ އަކީ "ސްޓްރީޓް ޑާންސާ" އިން ވެސް ވަރުންއާ އެކު ފެންނަ ޝްރަދާ ކަޕޫރެވެ.
ތުރީޑީ ފޯމެޓްގައި ގެނެސްދޭ ފިލްމުގައި ދައްކުވައި ދޭނީ އިނގިރޭސި ވިލާތަށް ހިޖުރަ ކޮށްފައިވާ އިންޑިއާ އާއި ޕާކިސްތާނުގެ ނެށުންތެރިންތަކެއްގެ މެދުގައި ހިނގާ ކުރިމަތިލުންތަކެވެ.
"ސްޓްރީޓް ޑާންސާ" ގެ ކާސްޓުންގެ ތެރޭގައި ޕްރަބޫދޭވާ އާއި ނޯރާ ފަތެހީގެ އިތުރުން ވަރަށް ގިނަ ނެށުންތެރިންތަކެއް ފެންނާނެ އެވެ.