ކުރީގެ މަގުބޫލު ލަވަތަކަށް ބަދަލުތައް ގެނެސްގެން، ބޮލީވުޑްގެ މި ފަހުގެ ފިލްމުތަކުގައި ހިމެނުމަކީ މިހާރު ވަރަށް އާންމު ޓްރެންޑެކެވެ. މިކަމަށް ގިނަ މިއުޒިޝަނުނާއި ލަވަކިޔުންތެރިންގެ ފާޑުކިޔުންތައް ވެސް އަމާޒުވި ވިޔަސް އެއީ މާ ބޮޑު މައްސަލައެއް ވެސް ނޫނެވެ.
މި ފަހަރު މިއޮތީ އަނެއްކާ ވެސް އިންޑިއާގެ އައިކޮނިކް ލަވަތަކުގެ ތެރެއިން ލަވައެއްގެ އާ ވާޝަނެއް ގެނެސް ދޭން ނިންމައިފަ އެވެ. މި ލަވަ އަކީ މަޝްހޫރު ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ވަރުގަދަ ނެށުންތަކެއް ފެނިގެންދާ ލަވަ "މުގާބަލާ" އެވެ. އެ ލަވައަކީ 1994 ގައި ރިލީޒް ކުރި ތަމަޅަ ފިލްމު "ކަދުލާން" ގެ ލަވައެކެވެ.
"މުގާބަލާ" އާ ވާޝަން ހިމަނަން ނިންމާފައި ވަނީ ޕްރަބޫދޭވާ ވެސް މުހިއްމު ރޯލަކުން ފެނިގެން ދާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" އިންނެވެ. ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ފިލްމުގައި އެ ލަވަ މުޅިން ތަފާތުކޮށް، މި ޒަމާނާ އެންމެ ގުޅޭ ގޮތަށް ގެނެސް ދޭން ވަނީ ނިންމައިފަ އެވެ.
އިންތިޒާރުކޮށްލަން ޖެހެނީ ޖެނުއަރީ، 24، 2020 އަށެވެ. ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް އަދި ނޯރާ ފަތެހީ ފަދަ ތަރިން ފެންނަ "ސްޓްރީޓް ޑާންސާ" ވެގެން ދާނީ މިހާތަނަށް ބޮލީވުޑްގެ ފިލްމަކުން ނުފެންނަހާ ގިނަ ވައްތަރުގެ ނެށުންތައް ފެނިގެން ދާނެ ފިލްމަކަށެވެ.
މި ފިލްމަށް ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާނެ އެއް ސަބަބަކަށް "މުގާބަލާ" އާ ވާޝަނެއް ހިމެނުންވެގެން ދާނެ އެވެ.
ވަރުން ކުރި ޓްވީޓެއްގައި ވަނީ 25 އަހަރު ފަހުން ވެސް އެ ލަވައިގެ ހަރަކާތްތައް ޕްރަބޫދޭވާ ދައްކުވައިދޭލެއް ފެނިފައި ގައިން ހީބިހި ނަގާ ކަމަށާއި އެ ވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާ ކަމަށް ވެސް ބުނެފަ އެވެ.