އޭނާގެ ލޯބިވެރިޔާ ރޮކީ ޖައިސްވާލްއާ ކާވެނިކުރީ އެއްވެސް ޕްލޭނަކާ ނުލައި، ކެންސަރުގެ ބައްޔާ ގުޅިގެން ދިމާވި ހާލަތުގެ ސަބަބުން 15 މިނެޓަށް ވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް ނިންމި ނިންމުމަކުން ކަމަށް އިންޑިއާގެ ޓީވީ ތަރި ހީނާ ޚާން ބުނެފި އެވެ.

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސާނިއާ މިރްޒާގެ އާ ޓޯކް ޝޯއެއްގައި ވާހަކަދައްކަމުން ހީނާ ބުނީ އޭނާ އާއި ރޮކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 13 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، ކާވެނިކުރަން އެމީހުން އެއްވެސް ތައްޔާރީއެއް ނުވާ ކަމަށެވެ.

ނަމަވެސް، އޭނާއަށް ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރު ޖެހި ފަރުވާ ހޯދަމުން ދިޔަ ދުވަސްވަރު ދިރިއުޅުމުގައި ކުރިމަތިވި ނުތަނަވަސްކަމުގެ ސަބަބުން ކާވެނި އަވަސްކުރަން އަމިއްލައަށް ނިންމީ ކަމަށް ހީނާ ބުންޏެވެ. 

ހީނާ ކިޔައިދިން ގޮތުގައި، ސިއްހީ ހާލަތާ ގުޅިގެން ކުރިއަށް ދެން ވާނެ ގޮތެއް ނޭނގޭތީ، ކައިވެނިކުރަން އޭނާ ރޮކީ ގާތު އެދުނީ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ރޮކީ އެއްވެސް ޖެހިލުމެއް ނެތި ވަގުތުން އެއްބަސްވި ކަމަށް ވެސް ހީނާ ބުންޏެވެ.

"އަހަރެންގެ ސިއްހީ ހާލަތު އޭރު ހުރި ގޮތުން އަހަރެން ރޮކީ ގާތު ބުނިން، އެއްވެސް މައްސަލައެއް ނެތޭ، ބޭނުމިއްޔާ ދިރިއުޅުމައިގެން ކުރިއަށް ދާށޭ، ބޭނުންވާ މީހަކާ ކާވެނިކުރާށޭ. އެހެން ނޫން ނަމަ އަހަންނާ ކާވެނިކުރާށޭ. ސަބަބަކީ މާދަމާ ވާނެ ގޮތެއް އަހަންނަށް ނޭނގޭތީއޭ،" ހީނާ ބުންޏެވެ.

އެ ނިންމުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ކަމަށާއި ކާވެނީގެ ހަފުލާގެ ހުރިހާ ކަމެއް ވެސް ނިންމާލީ 15 މިނެޓަށް ވުރެ ވެސް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ހީނާ ބުންޏެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ އެމީހުންގެ ގޭގެ ޓެރަސްގައި ކުޑަ ހަފުލާއެއް ބާއްވައިގެން ހީނާ އާއި ރޮކީ ކާވެނިކުރީ މިދިޔަ އަހަރު ޖޫންގަ އެވެ.

ހީނާ އާއި ރޮކީ އެންމެ ފުރަތަމަ ދިމާވީ ހީނާގެ މަޝްހޫރު ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ސެޓުންނެވެ. އޭރު ހީނާ އަކްޝަރާގެ ލީޑް ރޯލު އަދާކުރިއިރު، ރޮކީ މަސައްކަތްކުރީ އެ ޝޯގެ ޕްރޮޑަކްޝަން ޓީމުގަ އެވެ.