އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އޭނާގެ ކެއްކުމުގެ ހުނަރުތައް ދައްކާލައިފި އެވެ.
ވަރަށް ގިނައިން ރާއްޖެ އަންނަ ހީނާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ޅ. އަތޮޅުގައި އޮންނަ ކޮކޫން މޯލްޑިވްސް ރިސޯޓުގަ އެވެ.
ހީނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ އޯޕަން ކިޗަންގައި ވަރަށް ފުރިހަމައަށް، ވަށްކޮށް ރޮށި ދަމާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯގައި، އޭނާ ފުށްގަނޑު މޮޑެ، ވަރަށް ވަށްކޮށް، ވަރަށް ރީއްޗަށް ރޮށި ދަމާ މަންޒަރު ފެނެ އެވެ. އަދި އޭގެ ފަހުގައި ރޮށި ފިހެ އެވެ. އެ ވީޑިއޯ އޭނާ ހިއްސާކޮށްފައި ވަނީ "ގޯލް ރޯޓީ ގޯލްސް" ލިޔެފައިވާ ކެޕްޝަނަކާ އެކުގަ އެވެ.
ރޮށި ފިހުމުގެ އިތުރުން، ހީނާ ވަނީ އެ ރިސޯޓުގެ ޝެފް "ޝެފް ޑޭޑޭ"ގެ ފަރާތުން ކައްކަން ދަސްކޮށްފަ އެވެ. ތަފާތު ތަރުކާރީތައް ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ހީނާ ހިއްސާކުރި އެވެ.
ހީނާ ޚާން އަކީ އާންމުކޮށް އޭނާގެ ފިރިމީހާ ރޮކީ ޖައިސްވާލް ނުވަތަ އާއިލާއާ އެކު ކުރާ ދަތުރުތަކުގެ ފޮޓޯ އާއި ވީޑިއޯ ފޭނުންނަށް ހިއްސާކުރާ ތަރިއެކެވެ. މިފަހަރުގެ ރާއްޖެ ދަތުރުގައި ވެސް އޭނާ އަންނަނީ ރިސޯޓުގައި ހޭދަކުރާ މަޖާ ވަގުތުތައް އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރަމުންނެވެ.
އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި 20 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ހީނާ އެންމެ ބޮޑަށް މަޝްހޫރުވީ ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ"ގައި އޭނާ ކުޅުނު އަކްޝަރާގެ ރޯލުންނެވެ. އޭނާ ވަނީ އެ ޑްރާމާގައި އަށް އަހަރު ދުވަހު މަސައްކަތްކޮށްފަ އެވެ.