(ބުދަ ދުވަހާ ގުޅޭ)
އާދަނު ބަލައިލި އިރު، ޔަގީނުން ވެސް އެ މުދިންބެއަކީ އާދަނާ ދިމާވި މުދިންބެއެއް ނޫނެވެ. އާދަނު ހިތަށް އެރިއެވެ. އާދަނަށް ފެނުނު މުދިމަށް ކޮންމެވެސް ކަމެއް ދިމާވެގެން ނާދެވުނީމައި އެހެން މީހަކު ބަންގި ގޮވަނީ ހެއްޔެވެ؟ ނުވަތަ އާދަނަށް ފެނުނީ މުދިމެއް ނޫން ހެއްޔެވެ؟ އެއް ކަމެއް އާދަނަށް ޔަގީނެވެ. އާދަނާއި މުދިމު ބައްދަލުވީ ހުވަފެނަކުންނެއް ނޫނެވެ. އެ ކަން އޮޅުންފިލުވައި ތަހުގީގު ކުރުމަށް ވުރެ މުހިންމު ކަންކަން ހުރުމުން ފަތިސްނަމާދު ކޮށްގެން އާދަނު މިސްކިތުން ނުކުތީއެވެ.
މޭޖަރު ފިލިޕްސްއާ ބައްދަލުކުރަން ނެގުނު ކޮމިޓީގެ މެންބަރުން ގަމަށް ދިޔައެވެ. ބައްދަލުވުން އޮތީ ފިލިޕްސްގެ ރަސްމީ އޮފީހުގައެވެ. ކޮފީ ވަހުން އެއްވަސް ވެފައިވާ އެ އޮފީހަކީ، ޖާގައިގެ ގޮތުން ކުޑަ ތަނެކެވެ. އެކަމަކު އިނގިރޭސީންގެ ނުފޫޒާއި އިސްތިއުމާރާއި ކާމިޔާބުތައް ދައްކުވައިދޭ ފޮޓޯލޯގަނޑުތައް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. އިނގިރޭސި ދައުލަތުގެ ނިޝާނާއި ދިދަ އާއި ރާނީގެ ފޮޓޯފުޅެއް ވެސް ހުއްޓެވެ. މޭޖަރު ފިލިޕްސްގެ ހައިސިއްޔަތު މަތިކުރުމަށް ޓަކައި، ރާނީ އާއި ފިލިޕްސް އެކުގައި ނަގާފައިވާ ފޮޓޯ ހަރުކޮށްފައި ހުރީ ބައްދަލުވުމުގައި މޭޖަރު ފިލިޕްސްއަށް މީހަކު ބަލައިފި ނަމަ އެ ފޮޓޯ ވެސް ފެންނަ ކަހަލަ ދިމާއެއްގައެވެ.
ބައްދަލުވުން ފެށުމުގެ ކުރިން ކިރުސަޔާއި ބިސްކޯދު ތަށިތައް މޭޒުމަތީގައި އަތުރައިލިއެވެ. ދިވެހީންގެ ތެރޭގައި އިނގިރޭސި ރަނގަޅަށް ދަންނަ މީހުން ތިއްބެވެ. އެހެނަސް މޭޖަރު ފިލިޕްސް އެދުނީ އަބްދުﷲ އަރީފު ބައްދަލުވުމުގައި ބައިވެރި ކުރާށެވެ. އަރީފުއާ ނުލައި އެއްވެސް މަޝްވަރާއެއް ކުރިޔަށް ގެންދާކަށް ފިލިޕްސް ބޭނުމެއް ނުވެއެވެ.
ކުޑައިރުކޮޅަކަށް ބައްދަލުވުން ލަސްކޮށްލިއެވެ. އަރީފު ބަލައި ހިތަދޫއަށް އުޅަނދެއް ފުރިއެވެ. އަރީފު އަންނަންދެން އޮތީ ސައިބުއިމާއި ނުރަސްމީ ވާހަކަތަކެވެ. ދިވެހީންގެ ހިތްވަރާއި ތަސައްވުރަށް ފިލިޕްސް ތައުރީފުކުރިއެވެ. ސަރަހައްދީ ގޮތުން އައްޑޫ އޮތް ހިސާބުގެ މުހިންމުކަން ފާހަގަކުރިއެވެ. އެއްވެސް ދިވެއްސަކަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދެއެވެ. އެންމެން ޖެހުނީ ދަރިވަރުންތަކެއް ފަދައިން މުދައްރިސް ދިން ފިލާވަޅު އަޑުއަހާށެވެ. ހުރިހައި ކަމަކަށް ބޯޖަހާށެވެ. ވާހަކަ ދައްކަން އަތް ނެގި މީހާއަށް އެ ކަން ވެސް ވީ ލަދުވެތި ކަމަކަށެވެ. ވާޅުވެގެން އަތް ތިރިކުރަން މަޖުބޫރުވީތީއެވެ. ބައެއް ސައިތަށިތައް ހުސްވާން ފެށުމުން ފޯންޗުތައް ގެނެސް އަތުރައިލިއެވެ. ބިސްކޯދު މަދުވެފައި ހުރި ތަށިތައް ފަޅުފިލުވައިލިއެވެ.
އަރީފު ހާޒިރުވުމާ އެކު މޭޖަރު ފިލިޕްސް ތެދުވިއެވެ. އެ މަންޒަރު ފެނުމުން ދެން ތިބި މީހުން ވެސް ތެދުވިއެވެ. ފިލިޕްސްގެ ފަރާތުން އަރީފަށް ލިބުނު އިހުތިރާމާއި އިއްޒަތުން ދޭހަވަނީ ވެރިޔެއްގެ ދަރަޖަ އަރީފަށް ލިބިފައިވާ ކަމެވެ. އިސާހިތަކު ރަސްމީ ބައްދަލުވުން ފެށުނެވެ.
"ކޮން ކަމެއް ކަލޭމެން ބޭނުންވަނީ؟" މޭޖަރު ފިލިޕްސް އިނގިރޭސިބަހުން ސުވާލުކުރިއެވެ.
"އަހަރުމެން ރައްޔިތުން އެދެނީ ދިވެހި ދައުލަތުން ވަކިވެ، މޭޖަރު މެދުވެރިވެގެން އިނގިރޭސި ދައުލަތުގެ ހުކުމުގެ ދަށަށް އަހަރުމެން ވަންނަން،" ވަރަށް ސާދާ އިނގިރޭސިއަކުން އަރީފު ބުންޏެވެ. "ކުރިން އަބަދު ވެސް ނުރަސްމީކޮށް މި ވާހަކަ ދެކެވެނީ. މިހާރު މި ރަސްމީކުރީ."
މޭޖަރު ފިލިޕްސް ވިސްނައިލިއެވެ. ކައިރީ ތިބި އިނގިރޭސި އޮފިސަރުންނަށް ބަލައިލިއެވެ. އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެ ކަމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެޔަކަށް އިނގިރޭސީންނަކަށް ނުވަދެވޭނެއެވެ.
"ތީ އަތޮޅު ހުރިހާ ރައްޔިތުންގެ ބަސްތަ؟" މޭޖަރު ފިލިޕްސް އެހިއެވެ.
"އާނ! ކުދިބޮޑު އެންމެންގެ ބަސް،" އަރީފު ޖަވާބު ދިނެވެ. "މި ކޮމިޓީއަކީ މުޅި އައްޑޫން ހޮވައިލައިގެން ނެގުނު ބައެއް."
"ހަގީގަތުގަ އަހަރުމެންނަކަށް ތި ކަމުގެ ތެރެޔަކަށް ނުވަދެވޭނެ." ފިލިޕްސް ބުންޏެވެ.
އެ ވަގުތު ކޮމިޓީގެ އެންމެން އެކުގައި ކަހަލަ ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.
"އިހަށް މަޑުކޮށްލާ!" ފިލިޕްސް އަތުން އިޝާރާތް ކުރަމުން ބުންޏެވެ. "މި ބުނީ ފޮތުގަ އޮތް ގޮތް. އެކަމަކު، ވަރަށް ހިމަ ލޯވަޅަކުން ދެމިގަންނާނެ މަގު އަހަރުމެން ހޯދައިފިން. އުނަގަނޑާ ހަމައަށް މޫދަށް ގެނބިގެން ވިޔަސް، އެ ލޯވަޅުގެ އެއްކޮޅުން ވަދެގެން އަނެއް ކޮޅުން އަހަރުމެން ނުކުންނާނަން. އަހަރުމެންނަށް އިތުބާރުކުރޭ!"
ކޮމިޓީއަށް ލިބުނީ އުންމީދީ ޖަވާބެކެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ.
"ދެން ކިހިނެއް ހަދަންވީ؟" އަރީފު ސުވާލުކުރިއެވެ.
"އައްޑޫ ރައްޔިތުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމަކީ ވަރަށް ބުއްދިވެރި، ހަރުދަނާ ފިޔަވަޅެއް،" ފިލިޕްސް ބުންޏެވެ. "އަހަރެންގެ އަމިއްލަ ހިޔާލު މި ބުނީ. މައްސަލައަކީ، އެ ފަދަ ވެރިކަމަކަށް ކުފޫ ހަމަވާ ވަރަށް ވުރެ ރައްޔިތުންގެ އަދަދު މަދުކަން. އެ ކަމާ ވެސް ހާސްވާނެ ކަމެއް ނެތް. ހުވަދުއަތޮޅު މީހުން އެއްގަލަށް އަރުވާ! އެ މީހުންގެ ރުހުން ހޯދާ! އޭރުން ވަރަށް ފުރިހަމަ ވެރިކަމެއް އުފެއްދިދާނެ. އަހަރުމެން މި ތިބީ ވެވުނު އެހީއެއް ވާން."
ބައްދަލުވުމުން ނިންމުނު ކަންކަމާއި ފާހަގަކުރެވުނު ނުކުތާތައް ރައްޔިތުންނަށް އިއްވިއެވެ. ދިވެހި ދައުލަތާ ދެކޮޅަށް އެންމެ ފަހު މީހާއަށް ދާންދެން ލޭއޮހޮރާލަން ތައްޔާރަށް ތިބި ކަމަށް ނިންމިއެވެ. ހިތަދޫގައި އޮތް އެ އެއްވުމުގެ އާރުކާޓީއަކީ މޫސާ އަންވަރެވެ.
ހަމަ އެ ދުވަހު ގަމަށް ޖެއްސި މަތިންދާބޯޓަކުން ދޮށީމަނިއްޕުޅު މާލެއަށް ފުރައިވަޑައިގަތެވެ. އައްޑޫ އެއްވެސް ރައްޔިތަކަށް އެ ކަމެއް ނޭނގެއެވެ.
ހުޅިނަގާފައި އައި ރާޅެއް އެއްގަމަށް ބިންދައިލިއެވެ. ހިތަދޫގެ ފުއްޓަރު ފަރާތު ގާތަކު މަތީގައި އާދަނު އެކަނިމާއެކަނި އިށީނދެލައިގެން އިނެވެ. ލޮނުން ތެމިފޯވެފައެވެ. ވަގުތަކީ، މެންދުރުފަހެއް ހަވީރަކަށް ތަންދެމުންއައި ވަގުތެވެ. ހުއްޓައިނުލައި އާދަނުގެ ދެ ތުންފަތް ހަރަކާތްކުރިއެވެ. މިސްކިތުން ދަސްވި ދުއާތަކުން އާދަނުގެ ދޫ އަބަދު ބާއްވަނީ ތެންމައިފައެވެ. މާޔޫސްކަމާއި އާދަނާ ދެމެދު ޔަގީނުން ވެސް ފަރުދާއެއް ވެއެވެ.
ދޮށީމަނިއްޕުޅާ ބައްދަލުކުރުމަށް ޓަކައި ކިލެގެފާނު ރަސްމީ އިއްޒަތުގައި ވަޑައިގަތެވެ. އާއިލީ ގޮތުންނާއި ގައުމުގެ ވެރިޔެއްގެ ހައިސިއްޔަތުން ވެސް އެ ޒިންމާ އަދާކުރައްވަން ކިލެގެފާނު ބޭނުންފުޅުވިއެވެ. އެކުގައި އައި ސިފައިން ތިބީ އަތްގުދުކުރި ލިބާހާއި މުންޑާއި ކިނާރީއެޅި ބޮޑުތާކިހަލުގައެވެ. އެ މީހުން ދޮރާށި ކައިރީގައި މަޑުކުރިއެވެ. ދޮށީމަނިއްޕުޅު ހުންނެވީ ހަފީޒާގެ ގޭގައެވެ. މަނިއްޕުޅު އިންނެވި ފުރޮޅުލީގޮނޑި ކޮއްޕަމުން ހަފީޒާ ފެންޑާއަށް ނުކުތެވެ. ކިލެގެފާނު އުނދޯލީގައި އިންނެވިއެވެ. މަނިއްޕުޅު ފެނިވަޑައިގަތުމުން ސަލާންގަލާން ކުރެއްވިއެވެ. އެއަށް ފަހު ކިލެގެފާނު އަނެއްކާ ވެސް އުނދޯލީގައި އިށީނދެވަޑައިގަތެވެ.
"ކިހިނެއް ހިނގި ކަމެއްތޯ ތީ؟" ކިލެގެފާނު އެއްސެވިއެވެ.
"އާގުބޯޓަށް ރައްޔިތުން ހަމަލާދޭން ފެށީމަ އަވަހަށް އެތެރެއަށް ވަންނަން އުޅެނިކޮށް ސިޑިން ކައްސާލީ،" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "ނަސީބެއް އިނގިރޭސީން ކައިރީގަ ތިބެވުނުކަން. ޑޮކްޓަރު ވަރަށް ރަނގަޅަށް ބެއްލެވި. ބުނުއްވީ ރެނދެކޭ ބުނާ ވަރަށް ވުރެ ވެސް ކުޑަ ރެނދެކޭ ހުރީ. އަރާމު ކޮށްލަނިކޮށް ލަހެއް ނުވެ ފަސޭހަވެދާނޭ. ބޭސް ވެސް ދެއްވި."
"އަލްހަމްދުލިالله،" ކިލެގެފާނު ވިދާޅުވިއެވެ. "އެއްކޮށް ފަސޭހަފުޅުވީމަ މަގާމަކާ ހަވާލުވެވަޑައިގަންނަވާނީ ދޮގެއްތޯ؟"
ހިނިތުންވެވަޑައިގަތުން ފިޔަވައި އެހެން ޖަވާބެއް ދޮށީމަނިއްޕުޅު ނުދެއްވިއެވެ. ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގަތް ފަހުން، ކޮންމެ ސަރުކާރަކުން ވެސް މަނިއްޕުޅަށް މަގާމު ހުށައަޅުއްވައެވެ. ދުވަހަކު ވެސް ގަބޫލުފުޅެއް ނުކުރައްވައެވެ.
"ތިހެންނަހައްދަވާ!" ކިލެގެފާނު ވިދާޅުވިއެވެ. "މަނިއްޕުޅުގެ މުނިކާފާފުޅަކީ ރަސްކަލެއް. ކާފާފުޅަކީ ރަސްކަލެއް. ބައްޕާފުޅަކީ ވެސް ރަސްކަލެއް. އަޅުގަނޑުމެންގެ ތިމާގެކަން ވެސް ވަކި ކުޑައެއް ނުވާނެ. މިހާރު ވެސް ސަރުކާރުގެ ނުލާހިކު ބޮޑެތި ޒިންމާތައް ތިޔަ އަދާކުރައްވަނީ. ކޮންމެ ސަރުކާރެއްގަ، ހުރިހާ ދިވެހީންގެ ލޯތްބާ އިހުތިރާމު ލިބިވަޑައިގަތުމަކީ ކުޑަކަމެއް ނޫން. ދޮގެއްތޯ ހަފީޒާ؟"
ހަފީޒާ ލަދުރަކިކަމާ އެކުގައި ހިނިތުންވެލިއެވެ.
"އަޅުގަނޑު އަޑުއެހި ގޮތުގަ ހަފީޒާ ވިދާޅުވާ އެއްޗަކަށް ފިރިކަލުން އިންކާރެއް ނުކުރައްވާ!" ކިލެގެފާނު ވިދާޅުވިއެވެ. "އަޅެ ވިދާޅުވެދެއްވަބައްލަވަ!"
ހަފީޒާ ވަކި އެއްޗެއް ނުބުނެއެވެ. ހަމަ އެކަނި މަނިއްޕުޅާ ހަތަރުކަޅި ހަމަކޮށްލީއެވެ. ކިލެގެފާނަށް އެނގިވަޑައިނުގަންނަވާ އެއްޗެއް ހަފީޒާއަށް އެނގެއެވެ. ވަކި މަގާމަކާ ހަވާލުވުމަކީ ތިމާގެ ހިދުމަތް ހަނިވާ ކަމެކެވެ. އޭގެ އިތުރަށް، ނުވެސް ދެނެހުއްޓައި ކުއްލިއަކަށް މަގާމުން ވަކިކޮށްފައި ރަށަކަށް އަރުވައިލުމަކީ ރާއްޖޭގެ ސަގާފަތެކެވެ. ދުވަސްގަނޑަކަށް ފަހު މާލެ ގެނެސް، ކުރިން ދިން މަގާމަށް ވުރެ މަތީ މަގާމެއް ދީ ވެސް ފާނެއެވެ. އެހެނަސް، ނަމުގައި ޖެހުނު ލައްގަނޑު ފިލުވޭނެ ބޭހެއް ނުހުރެއެވެ. މަނިއްޕުޅުގެ ކޮއްކޯފުޅަށް ކުރިމަތިވީ އެ ދަތުރެވެ. ރަސްކަލުންނާއި ރަދުންނާއި ރައީސުން ވެސް ދޮށީމަނިއްޕުޅަށް މަގާމުތައް ހުށައަޅުއްވައިފިއެވެ. މަނިއްޕުޅު ވަރަށް ދިގުކޮށް ހަފީޒާއަށް އެ ވާހަކަތައް ވިދާޅުވެދެއްވައިފިއެވެ.
ފަނަރަ ދުވަހު ބޭސްގަނޑު ބަނދެ، ތެޔޮދަމައިގެން މާލެއައި އިރު އާދަނު ހުރީ މުޅީން ރަނގަޅުވެފައެވެ. ގެއަށް ވަދެވުނު ވަގުތަކީ ހޫނު ބަހުސެއް ގޭގައި ކުރަމުންދިޔަ ވަގުތެކެވެ.
"އަހަނ! މާ ރަނގަޅަކަށްނު މި ވީ!" އީސާފުޅު ބުންޏެވެ. "ދަރިފުޅު މި ތާ އިށީނދެބަލަ!"
އާދަނުގެ ކާފަ އާއި ދައްތަ ތިބީ އުނދޯލީގައެވެ. ބައްޕަ އިނީ ސަރަންފީގައެވެ. ބައްޕަޔާ ޖެހިގެން ހުރި ގޮނޑީގައި އާދަނު އިށީނެވެ. ވާހަކަ ފެށުނީ އާދަނުގެ ފަރުވާޔާ ބެހޭ ގޮތުންނެވެ. އެއްކޮށް ރަނގަޅުވި ވާހަކަ އާދަނު ބުނުމާ އެކު، އެންމެ ކައިރިއަށް އޮތް ގޯޅިއަށް ވާހަކަ އަނބުރައިލިއެވެ.
"ދަރިފުޅު ގޮވައިގެން މިރޭ އެބަ ޖެހޭ ގެއަކަށް ދާން،" އީސާފުޅު ބުންޏެވެ. "އިޝާނަމާދުން ފައިބައިގެން ދާނީ."
"އޭނައެއް ނުދާނެ." ދައްތަ ބުނެލިއެވެ.
ދައްތަ ބުނީ ތެދެކެވެ. ކުރީން ވެސް އެ ކަން ކުރަން އާދަނުގެ ބައްޕަ މަސައްކަތް ކޮށްފިއެވެ. އާދަނު އެއްބަސްނުވުމުން ކާމިޔާބު ނުވީއެވެ. އާދަނު ހިތަށް އެރިއެވެ. ދެން އިންކާރު ކުރުމުގެ ބޭނުމެއް ނެތެވެ.
"އަހަރެން ދާނަން ދައްތާ!" އާދަނު ގޮނޑިން ތެދުވަމުން ބުންޏެވެ. "ބައްޕަ ބޭނުން ގަމީހެއް ލައިގެން، ބޭނުން މުންޑެއް އަނދެގެން ބޭނުން އަތަރެއް ޖަހައިގެން ދާނީ."
ބައްޕަ ވަރަށް އުފާވެފައި އުނދޯލިން ފުންމައިގެން ތެދުވިއެވެ. އާދަނު އަތުގައި ހިފައިގެން އަލަމާރި ކައިރިއަށް ދިޔައެވެ.
"މި އޮތީ ކުރީ ފަހަރު ގެންދަން އުޅުނު ފޮތިގަނޑު،" އީސާފުޅު އުފާވެފައި ބުންޏެވެ. "ޕާރުސަލު ކޮށްލާ!"
އަންނައުނު އަޅާފައި ހުރި ދެ ބޮކުސާ ދޭތެރެއިން އީސާފުޅު ކުޑަ އަތަރުފުޅިއެއް ނެގިއެވެ. އާދަނަށް ވަސް ދައްކައިލިއެވެ.
"ވަރަށް މީރު ވަސް ދުވާނެ." ބައްޕަ ބުންޏެވެ.
އާދަނުގެ ނޭފަތް ކައިރީގައި އަތަރުފުޅި ޖެއްސި ނަމަވެސް، އާދަނު އެތެރެއަކަށް ނޭވައެއް ނުދަމައެވެ. ނޭވާ ހިފާއްޓައިލައިގެން ހުރީއެވެ. އިރުކޮޅަކުން ލޮލުން ކަރުނަ ހިލެން ފެށިއެވެ. އާދަނަށް ހީވީ ނީލަމެއްގައި އާދަނު ވިއްކައިލާ ހެންނެވެ.
"މީރު ވަސް ދެކެ އަހަރެން މިހާރު ފޫހިވެއްޖެ ބައްޕާ!" އާދަނު ބުންޏެވެ. (ނުނިމޭ)