(ބުދަ ދުވަހާ ގުޅޭ)

ރޯވެފައި ހުރީ ފުޅީގެ ކޮޅަށް ޖަހާފައިވާ ފޮތިކޮޅުގައެވެ. އާގުބޯޓާ ދިމާއަށް އެކަކު ފުޅި އެއްލުމާ އެކު އެހެން ދޯނިތަކުން ވެސް އާގުބޯޓާ ދިމާއަށް ފުޅިތައް އުކައިގަތެވެ. ބައެއް ފުޅި ބޯޓުގެ ބޭރުގައި ޖެހިފައި ތަޅައިގެން ދިޔައެވެ. ބައެއް ފުޅި ބޯޓާ ހަމައަށް ނުފޯރައި ވެއްޓުނީ ކަނޑަށެވެ. ނުވަ ފުޅީގެ ތެރެއިން ބޯޓުގެ ތެރެއަށް ވެއްޓުނީ ތިން ފުޅިއެވެ. އެ ފުޅިތަކުން ރޯވި ހުޅުތައް ވަގުތުން ނިއްވައިލިއެވެ.

އާގުބޯޓުގެ ވަށައިގެން ވަރުގަދަ ބައްތިތަކެއް ދިއްލައިލިއެވެ. ހީވީ އިރު މެދު ޖެހުނު ހެންނެވެ. ބަޑީގެ ބަދަލުގައި ބޯޓުން ޖަހަން ފެށީ ފެނެވެ. ފެން އަންނަލެއް ގިނަވެފައި ބާރެވެ. މީހެއް ގައިގަ ޖެހިއްޖެއްޔާ އެ މީހަކު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓެއެވެ. ބައެއް ދޯނިފަހަރުގެ ކުނބު ބިންދައިގެން ދިޔައެވެ. ފެން ޖަހަން ފެށުމުން ދެނެއް އެއްވެސް ދޯންޏަކަށް ސަލާމަތްވާނެ ފުރުސަތެއް ނުލިބުނެވެ. އާދަނަކަށް ވެސް އެ ތާކުން ނުނިކުމެވުނެވެ. އިރުކޮޅެއްވީ އިރު އާދަނު ވެސް އޮތީ ކަނޑުގައެވެ. މޫނު ނިވައިކޮށްގެން އުޅުނު ފޮތިގަނޑު ވީ ތަނެއް ވެސް އާދަނަކަށް ނޭނގުނެވެ. އާގުބޯޓުން އެއްޗެހިތަކެއް އުކިއެވެ. އެއީ މީހުން ފެންމަތީގައި ބާއްވަން ހަދައިފައިވާ ބުރުތަކެކެވެ. އޭގައި އޮންނަނީ ވަލެއް އައްސައިފައެވެ. އެކަކު ވެސް އެއިން ބުރަކު ނުހިފިއެވެ. އެންމެން ވެސް ތިބީ ގޮތުގައެވެ. 

"އެންމެން ހަމަ މިހާރު ކަނޑަށް ފުންމައިލާ!" އާގުބޯޓުން ދިވެހިބަހުން ގޮވައިލިއެވެ. "ދޯނިތައް އަހަރުމެން ރަށަށް ގެންގޮސްދޭނަން. އިނގިރޭސީންގެ އާގުބޯޓުގަ ރޯކޮށްލަން އުޅުމަކީ ވަރަށް ބޮޑު ކުށެއް. އެންމެންނާ ދޭތެރޭގަ ވެސް ދެން ޢަމަލުކުރެވޭނީ ކުށްވެރީންނަށް ޢަމަލުކުރާ އުސޫލުން. އެންމެން ކަނޑުން ނަގަން އިނގިރޭސި ސިފައިން އެބަ އާދޭ! ކިޔަމަންތެރިކަމާ އެކީގަ އެ އުޅަނދުފަހަރަށް އަރާ. ގަދަހަދަން އުޅެފިއްޔާ އަނިޔާވެދާނެ."

ދެ ދޯނި ބަންޑުން ޖަހައިލިއެވެ. އެކަކު ގެއްލުނެވެ. ފަންސަވީހަކަށް މީހުން ގަމަށް ގެންދިޔައެވެ. އެންމެން ތިބީ ތެމިފޯވެފައެވެ. އެކި ވަރުވަރުގެ ހަތަރު ދުންބައްތެލި ނެރުން ވަދެގެން އައިސް ގަމުގެ ފާލަމާ ތަންކޮޅެއް ދުރުގައި މަޑުކޮށްގެން ތިއްބެވެ. މީހުންގެ ތެރޭގައި ހުރި އިރު ވެސް އާދަނު ހުރީ، ފޮރުވޭ އެންމެ ބޮޑަކަށް މޫނު ފޮރުވައިގެންނެވެ. ދޯނި ތެރޭގައި އޮތީ މަސްހުނި ފިކުރުތަކެކެވެ. އެއްބަޔަކު ބުނަނީ މިނިވަންކަމަށް މަސައްކަތް ކުރުމަކީ ކުށެއް ނޫން ކަމުގައެވެ. އަނެއް ބަޔަކު ބުނީ، މުދަލަށް ގެއްލުން ދިނުމަކީ ހެދުނު ގޯހެއް ކަމަށެވެ. 

ދޮޅު ގަޑިއެއްހައި އިރު ތިބުމަށް ފަހު، ފަހަރަކު އުޅަނދެއް ފާލަމާ ކައިރި ކުރިއެވެ. ބައެއް މީހުން ފާލަމަށް ނުފައިބަން ގަދަ ހެދިއެވެ. އެކަމަކު، އިރުކޮޅަކު ހުރެލާފައި ފައިބައެވެ. އެންމެން ހަމަވުމުން، ސަފު ހަދައިގެން ގެންދިޔައެވެ. ގަމުގެ ތަންތަންކޮޅުގައި އަލިގަދަ ބައްތިތައް ދިއްލައިފައި ހުއްޓެވެ. ހަތަރު ފުރޮޅުލީ، އެކި ވަރުވަރުގެ، އެކި ވައްތަރުގެ އުޅަނދުތައް ހުއްޓައިފައި އޮތެވެ. ސަތަރި އަޅައި ނިވާކޮށްފައިވާ އުޅަނދު ވެސް ހުއްޓެވެ. މަގުތަކުގައި އޮތީ ތާރު އަޅައިފައެވެ. ހަނި ނަމަވެސް މަގުތައް ވަރަށް ސާފުތާހިރެވެ. ތަންތަންކޮޅުގައި އެކިއެކި ނަން ޖަހާފައިވާ ބޯޑުތައް ހަރުކޮށްފައި ހުއްޓެވެ. ލަވަފޮށްޓަކުން އިނގިރޭސި ލަވައެއް އިވިއިވި ހުއްޓެވެ. އަޑު އަންނަނީ، އެއްޗެއް ގޭނޭ އަޑާ އެކު ނުސާފުކޮށެވެ. މީހުން ހޭނއަޑާއި ޖަނަރޭޓަރުގެ އަޑާއި ދަގަނޑު ހޮޅިއެއްގައި ދަގަނޑު އެއްޗެއް ތެޅޭ އަޑު ކަހަލަ އަޑެއް ދޭތެރެއަކުން އިވެއެވެ. ތަންތަންކޮޅުގައި މީހުން ހުއްޓިގެން ބަލަން ތިއްބެވެ. އެއިން އެކެއްގެ ވެސް މޫނު ސާފުވާ ވަރެއް ނޫނެވެ. 

ގަމުގައި އިނގިރޭސި ސިފައިން ތިބޭ ސަރަހައްދެއްގައި ހުރި ގެއަކަށް އެންމެން ވެއްދުމަށް ފަހު، ފެންވަރައި ތެތްބޭލޭނެ އިންތިޒާމު ހަމަޖައްސައިދީ، ކޮންމެ މީހަކަށް މުންޑަކާއި ގަންޖުފަރާހެއް ދިނެވެ. ހޫނު ކިރުސަޔާއި ބިސްކޯދާއި ދޮންކޭލާއި ފެނުކެއްކި ކުކުޅުބިސް ދިނެވެ. ކުށްވެރިންކަން އިއުލާނުކުރި ނަމަވެސް، ދިވެހީންނަށް ކަންތައް ކުރީ ކުށްވެރީންނަށް ކަންތައް ކުރާ އުސޫލަކުންނެއް ނޫނެވެ.

ސައިބޮއި ނިމުމުން އެންމެން ގެންދިޔައީ ހޯލަކަށެވެ. އެއީ ތަނަވަސް ތަނެކެވެ. ތަނަށް ވަދެނުކުމެ ހަދަންތިން ދޮރު ހުއްޓެވެ. ކޮންމެ ދޮރެއް ކައިރީގައި ފޯރިޔަށް މީހަކު ހުއްޓެވެ. ފުރިހަމަ ޔުނީފޯމުގައެވެ. ތަން ވަރަށް އައްޔެވެ. ފަންގިފިލާ ފަންކާތައް އެނބުރި އެނބުރި ހުއްޓެވެ. ކޮންމެ މީހަކަށް ކުނައަކާއި ބާލީހެއް އޮތެވެ. އެންމެން އެ ތަނުގައި އިށީނެވެ. ބައެއް މީހުން އޮށޯތެވެ. ގިނަ މީހުންގެ ލޭ ފިނިވެއްޖެއެވެ. ބަސްމަދުވެއްޖެއެވެ. ނިދީގެ އަސަރު ވެސް ހިސާބަކަށް ފެންނަން ފަށައިފިއެވެ. 

"އައްސަލާމް އަލައިކުމް!" މީހަކު ގޮވައިލި އަޑުއިވުނެވެ. 

އެންމެން އެ ދިމާއަށް ބަލައިލި އިރު، ކުލަ ހެދުމެއްގައި ހުރި، މެދު އުމުރެއްގެ، އިސްކޮޅުން ދިގު، ހިމަތޮޅި މީހަކު ދޮރުން ވަދެގެން އާދެއެވެ. އޭނަ ގާތުގައި އިނގިރޭސި ސިފައިންގެ މީހަކު ހުއްޓެވެ. 

"އަހަންނަކީ ރަޝީދު. މާލެއިން ވަކި އެއްޗެއް އަންގަންދެން ކަލޭމެން އެންމެން ތިބޭނީ މި ތާ!" ނަން ފިޔަވާ އިތުރު ތައާރަފެއް ދިނުމަކާ ނުލައި، ދިވެހި ބަހުން އޭނަ ބުންޏެވެ. "ބޭރަކަށް ނުނިކުމެވޭނެ. ކެއުންބުއިމަކަށް އެއްވެސް ދައްޗެއް ނުވާނެ. އެހެރީ ބޯފެން އިސްކުރެއް. ކައިރީގައި ތަށި ހުންނާނެ. އެހެރަ ފެންނަ ފެހި ކުލައިގެ ދޮރުން ވަދެވޭނީ ގިފިއްޔަށް. ހަނޑަސްބުރިއެއް ނުހުންނާނެ. ހުންނާނީ ތިރި ތަށްޓެއް. ބޮޑުކަމު ނޫނީ ކުޑަކަމު ގޮއްސަ، ފެންއެޅީމަ ނިމުނީ."

"ކޮން އިރަކުން ގެއަށް ދެވޭނީ؟" މީހަކު ގޮވައިލިއެވެ. "މަ ބޭނުމެއް ނޫން މި ތާ އޮންނާކަށް."

"ތި ކަން ވިސްނުނުލެއް މާ ބޮޑަށް ލަސްވީ،" ރަޝީދު ބުންޏެވެ. "ދެވޭނީ ގެއަށް ކަމެއް މާލެއަށް ކަމެއް އަހަންނަކަށް ނޭނގެ. އެނގޭ ކަމެއް ބުނެފާނަން. މި ތާ އެތެރޭ ހައިޖާނު ހަދައިފިއްޔާ އެ ވާނީ މުޅި ހަޔާތުގަ ވެސް އެޅޭ އެންމެ ބޮޑު ޅައެއްޗަށް. ގެއަށް ދިޔަސް މި ފެންވަރަކު ނޫޅެވޭނެ."

އެ ކަމާ ދެބަސްވާނެ އެކަކު ވެސް އެ ތާކު ނެތެވެ. ރަޝީދު ވަށައިގެން ތަނަށް ނަޒަރު ހިންގައިލިއެވެ. ހީވީ ކޮންމެވެސް މީހަކު ހޯދާ ހެންނެވެ. ރަޝީދަކަށް އެ މީހަކު ނުފެނުނެވެ. 

"އާދަނު!" ރަޝީދު ގޮވައިލިއެވެ. "ކޮބާ އާދަނަކީ؟"

ދެ މީހަކު ތެދުވިއެވެ. ފަހަރަކު މީހެއް ކައިރިއަށް ރަޝީދު ދިޔައެވެ. 

"ކޮން ރަށެއް؟" ރަޝީދު މަޑުމަޑުން ސުވާލުކުރިއެވެ. 

"މާލެ." ހަމަ އެހައިމެ މަޑުމަޑުން އާދަނު ބުންޏެވެ. 

"އާދޭ!" ރަޝީދު އެދުނެވެ. 

އާދަނު ދިން ޖަވާބު އެހެން މީހުންނަކަށް ނީވެއެވެ. އެންމެން އެކަކުއަނެކަކަށް ބަލަބަލައި ތިއްބައި އާދަނާއި ރަޝީދު އެ ތަނުން ނުކުތެވެ. އެ މީހުން އެރީ، އިންތިޒާރުގައި އޮތް ޖިޕަކަށެވެ. އާދަނަކީ ދުވަހަކު ވެސް އެ ކަހަލަ ޖިޕަކަށް އެރި މީހެއް ނޫން ކަމުން އާދަނަށް އެ ތަޖުރިބާ ވަރަށް އަލެވެ. ޖިޕު ދުއްވަން އިނީ ޔުނީފޯމުގައި އިން ފަރަންޖީއެކެވެ. 

"ކޮންތާކަށް މި ދަނީ؟" އާދަނު އެހިއެވެ. 

"މަނިއްޕުޅު ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފަ އިންނެވީ،" ރަޝީދު ދިނީ އާދަނު ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ. "އެ މަނިކުފާނު ހީފުޅުކުރެއްވީ އާދަނަކީ ދިވެހި ސަރުކާރަށް ވަފާތެރި މީހެއްކަމަށް."

"އަޅުގަނޑު..." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ. 

"އަހަންނަށް ޖަވާބުދާރީވާކަށް ނުޖެހޭނެ،" އާދަނާ ހަތަރުކަޅި ހަމަނުކޮށް ރަޝީދު ބުންޏެވެ. "އަހަންނަކީ އެ ބޭފުޅުންގެ އަމުރުފުޅުތައް ތަންފީޒުކުރަން ހުންނަ މީހެއް."

"ދޮށީމަނިއްޕުޅު އަރިއަހަށްތޯ މި ދަނީ؟" އާދަނު އެހިއެވެ. 

އެ ސުވާލުގެ ޖަވާބެއް ވެސް ނުލިބުނެވެ. އާދަނު ހިތަށްއެރިއެވެ. މި ޖެހުނީ ވަރުގަދަ ކަމަކާއެވެ. އާދަނު ކަނޑުމައްޗަށް އެރީ ވެވުނު ގޮތަކަށް އެހީތެރިވާށެވެ. ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ހުރެވުނީއެވެ. ދިވެހި ސަރުކާރާ މެދު އާދަނުގެ ހިތް ސާފު ނަމަވެސް، ކަންތައް ވީ ގޮތުން، އެ ކަން ސާބިތު ކުރާކަށް އާދަނަކަށް ފަސޭހައެއް ނޫނެވެ. 

ސިފައިންގެ ސަހަރައްދުން ނުކުމެގެން ގޮސް ޖިޕު މަޑުކޮށްލީ ކުޑަ ވަރެއްގެ ގެއެއް ކުރިމައްޗަށެވެ. ގޭގެ ދޮރާށި މަތީގައި ރަތް ބޯގަންވިލާ ބޯކެއް އޮތެވެ. ރަޝީދު ފޭބުމުން އާދަނު ވެސް ފޭބިއެވެ. ވަރަށް ފަޅު، ރުއް ގިނަ ހިސާބެކެވެ. ދޮރާށިން ވަން އިރު ގޯތި ތެރޭގައި، ގެއާ ވަކީން މެހުމާންސަރާއެއް ހުއްޓެވެ. ތިން ލަންޓަން ދިއްލާފައި ހުއްޓެވެ. ކޮންމެ ލަންޓަނެއް ވަށައިގެން ޕަރުވާނާތައް އެނބުރެއެވެ. ގެ ހުރީ ފޫޓެއް ހައި އުސް ތަޅުމެއްގެ މަތީގައެވެ. އެއް ހަރުފަތުގެ ސިމެންތި ސިޑިއެއް ހުއްޓެވެ. ގޭގެ ދޮރު ހުރީ ހުޅުވައިފައެވެ. ސިޑި ކައިރީގައި ރަޝީދު މަޑުކޮށްލުމުން އާދަނު ވެސް މަޑުކޮށްލިއެވެ. ރަޝީދު ކަރުކެހިލިއެވެ. ދެން ފެނުނު މަންޒަރުން އާދަނުގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އެތެރެއިން ނުކުތީ ދޮށީމަނިއްޕުޅެވެ. އިންނެވީ ފުރޮޅުލީގޮނޑިއެއްގައެވެ. މުންޑެއް ތުރުކުރައްވައިގެން އިންނެވުމުން ފަޔަށް ލިބިފައިވާ އަނިޔާއެއް ނުވަތަ އަނިޔާ ލިބިފައިވާ ވަރެއް ވެސް އާދަނަކަށް އަންދާޒާއެއް ނުކުރެވުނެވެ. މަނިއްޕުޅުގެ މޫނުފުޅުން ކުރިން ފެންނަ އޯގާތެރިކަމާއި އެކުވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް އާދަނަކަށް ނުފެނުނެވެ. 

"ރަޝީދު ބޭރުގަ މަޑުކޮށްލާ!" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. 

އަދަބުވެރިކަމާ އެކުގައި ރަޝީދު އެ ގެއިން ނުކުމެ ޖިޕުގައި އިށީނދެލިއެވެ. 

"ފައިންޕުޅަށް ކިހިނެއްތޯ ވީ؟" އާދަނު ސުވާލުކުރިއެވެ. 

އެއްޗެއް ވިދާޅުނުވެ ދޮށީމަނިއްޕުޅު ގޮނޑީގައި ވަޑައިގެން ތަޅުންގަނޑުގެ ކޮޅުން ފުރޮޅުގެ އެއްބައި ބޭރަށް ނުކުންނަ ހިސާބުގައި މަޑުކޮށްލިއެވެ. ސިއްސައިގެންގޮސްފައި އާދަނަށް އުޅެވުނީ ގޮނޑި ހިފާއްޓާށެވެ. އެ ވަގުތު މަނިއްޕުޅު ގޮނޑި ފަހަތަށް ޖައްސަވައިލެއްވިއެވެ. 

"ތި ކަން ދެން ހުއްޓާލާ!" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "އަށިގޭގަ އާދަނު އޮތް ހާލާ، އަހަރެން ކޮށްދިން ކަންތަކާ، އާދަނަށް ކުރި އިތުބާރު ހިރަފުހަށް ބުރުވާލާފަ ތިހިރީ. އަހަރެން ނުދެކެން އަހަރެން ވަރުގެ ގަމާރު، ލޯކަނު މީހެއް. ފުރަތަމަ ވެސް އަހަންނަށް އެނގެންވާނެ ދޯ އަހަންނަކަށް އާދަނު ހެވެއް ނޭދޭނެކަން. އާދަނަށް ރަނގަޅުވާނީ އަހަރެން މަރުވިއްޔާ."

"މާތްކަލާކޯ!" އާދަނަށް ބުނެވުނެވެ. "ހެޔޮނުވާނެ ތިހެން ވިދާޅުވާން."

"ނާ ހަމަ ތެދެއް؟" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "އަހަރެން އެހެން ބުނީމަ ގޯސްވީ. އެކަމަކު އާދަނުމެން އައިސް އާގުބޯޓުގަ ރޯ ވެސް ކޮށްލަންވީ. ދިރިހުއްޓާ އަހަރެން އަންދާ ވެސް ލާންވީ. އެއީ މައްސަލައެއް ނޫން. އާދަނު ގޭގަ ހުއްޓައެއް ނޫނޭ ހައްޔަރު ކޮށްގެން ގެނެއްސަ ތިހިރީ."

އެ ވަގުތު ގޭތެރެއިން ހަފީޒާ ނުކުތެވެ. ކަރުނައިގެ މުތީތައް ބަބުޅަމުންދިޔަ ދެލޮލުން އާދަނަށް ބަލައިލިއެވެ. (ނުނިމޭ)