އިންޑިއާގެ މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޯފް ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް އިއްޔެ އިރުއޮއްސޭހާއިރު ބަޑީގެ ނުރައްކާތެރި ހަމަލާއެއް ދީފި އެވެ.

އެ ހަމަލާއިން ޓައިގާ ސަލާމަތް ވިޔަސް، އޭނާގެ ކާރު ދުއްވަން އިން ޑްރައިވަރަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ރިޕޯޓުތައް ބުނި ގޮތުގައި، ޓައިގާ ފުޓްބޯޅަ މެޗެއް ކުޅުމަށް ފަހު ދަނޑުން ނުކުމެ، އޭނާގެ ބީއެމްޑަބްލިއު ކާރުގައި ދާން އުޅުނު ވަގުތު ސައިކަލެއްގައި އައި ތިން މީހަކު ވަނީ އެ ކާރަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ކާރަށް އަމާޒުކޮށް 3-5 ދެމެދުގެ އަދަދަކަށް ވަޒަން ފޮނުވާލާފައިވެ އެވެ.

އެ ހަމަލާގައި ޓައިގާގެ ހަށިގަނޑަށް އެއްވެސް ވަޒަނެއް އަރާފައެއް ނުވެ އެވެ. ނަމަވެސް، ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވެ އެވެ. އަދި އޭނާގެ އަތާއި މެޔަށް ކުދި އަނިޔާތަކެއް ލިބިފައި ވާތީ ހޮސްޕިޓަލުން ވަނީ ފަރުވާ ދީފަ އެވެ.

އެ ހަމަލާގައި ޓައިގާގެ ޑްރައިވަރު ފިރްދައުސްގެ ވާތަށް ވަޒަނެއް އަރައި އަނިޔާވެފައިވާއިރު، މަގުމަތިން ދިޔަ އާންމުންގެ މީހަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

މުމްބާއީ ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ތަހުގީގުކޮށް، ހަމަލާދިން މީހުން ހޯދުމަށް ފުލުހުންގެ 15 ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. ހަމަލާދިނުމަށް ފަހު އެ މީހުން ފިލަން ބޭނުންކުރި ސައިކަލު އަންދޭރީ ވެސްޓް ސަރަހައްދަށް ދޫކޮށްލާފައި ހުއްޓާ ފުލުހުން ވަނީ ހޯދައިފަ އެވެ.

މި ހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް ފުލުހުން އަންނަނީ ސުވާލުކުރަމުންނެވެ.

މި ހަމަލާގެ ޒިންމާ އިންޑިއާގެ ނުރައްކާތެރި ކުށްކުރާ ގޭންގެއް ކަމަށްވާ "ލޯރެންސް ބިޝްނޯއީ" ގޭންގުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނަގައިފަ އެވެ. އެ ގޭންގުން ބުނެފައި ވަނީ މިއީ ކުރިން ދީފައިވާ އިންޒާރުތަކަށް ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް، ފުލުހުން އަންނަނީ މި ދައުވާތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބިޝްނޯއީ ގޭންގަކީ ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާނަށް އަމާޒުކޮށް 2024 ވަނަ އަހަރު އޭނާގެ ގެއަށް ބަޑިޖެހި މީހުންގެ ގޭންގެވެ. 

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގެ ޗީފް މިނިސްޓަރު ދެވޭންދުރަ ފަޑްނާވިސް އާއި ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ ވަނީ މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ. ޝިންޑޭ ވަނީ ޓައިގާގެ ގެއަށް ވަޑައިގެން، އޭނާގެ އާއިލާއާ ބައްދަލުކުރައްވައި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ކުށްވެރިން ހޯދައި ހައްގު އަދަބު ދިނުމަށް ފުލުހުންނަށް ވަނީ އަމުރުކުރައްވައިފަ އެވެ.