އިންޑިއާގެ މުމްބާއީގެ ޖޫހޫގައި ހުންނަ ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގޭގެ ބޭރަށް ބަޔަކު ރޭ ބަޑިޖެހުމާ ގުޅިގެން، ފުލުހުން ސަލާމަތީ ކަންކަން ވަރުގަދަކޮށް އެ ގެ ހުންނަ ސަރަހައްދު ބަންދުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ހަމަލާ ދިނީ ރޭ ދަންވަރު 12:30 ހާއިރެވެ. ކޮން ބައެއްކަން އަދި ދެނެގަނެވިފައި ނުވާ އެމީހުން އެ ގޭގެ ބޭރަށް ހަތަރު ފަހަރު ބަޑިޖެހި އެވެ.
އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ހާދިސާއަށް ފަހު މުމްބާއީ ފުލުހުން ވަނީ އެ ސަރަހައްދުގައި ބެރިކޭޑް ޖަހައި، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ފުލުހުންނާއި ފޮރެންސިކް ޓީމުތަކުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، ބަޑިޖެހި ސަބަބެއް އަދި ދެނެގަނެވިފައި ނުވާ ކަމަށް، ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޯހިތު ޝެޓީގެ ގޭގެ ބޭރުގައި ފުލުހުންގެ ގިނަ އަދަދެއްގެ އުޅަނދުތަކާއި އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރޯހިތު ޝެޓީ ނުވަތަ އޭނާގެ އާއިލާއިން ވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި މިހާތަނަށް ނަގާފައެއް ނުވެ އެވެ.
މީގެ ދެ އަހަރު ކުރިން ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ ގެއަށް ވެސް ބަޔަކު ވަނީ ބަޑި ޖަހައިފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި ފަސް މީހަކަށް ފުލުހުން ވަނީ ދައުވާކޮށްފަ އެވެ.