ޖެން-ޒީގެ ޒުވާނުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، އެއީ "ޖެނެރޭޝަން ގަޓަރު" ކަމަށް ބުނެ ބޮޑު ހޫނު ބަހުސެއް އުފެއްދި އިންޑިއާގެ އެކްޓްރެސް އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު އޭނާ ދެއްކި ވާހަކަތައް މުޅިން ބަދަލުކޮށްފި އެވެ.

ސަރުކާރު ހިންގާ ބީޖޭޕީގެ ފަރާތުން އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ މެމްބަރުކަން ކުރާ ކަންގަނާ ނިއުސް އޭޖެންސީ ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ބުނީ ޖެން-ޒީންނައަކީ އިންޑިއާގެ އެންމެ ބޮޑު ބާރު ކަމަށާއި އެ ޒުވާނުންނަކީ ގައުމަށް ލިބިފައިވާ ވަރަށް ބޮޑު މުއްސަނދި ކަމެއް ކަމަށެވެ.

އިންޑިއާގެ ޒުވާނުން ގައުމުގެ ސަގާފަތާއި އައިޑެންޓިޓީގެ މަންދޫބުންގެ ގޮތުގައި ކުރިއަރަމުން އަންނާތީ އެކަމާ ވަރަށް އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، ހިންދޫ ނޭޝަނަލިސްޓް ޖަމިއްޔާއެއް ކަމަށްވާ އާރުއެސްއެސްގެ ވެރިޔާ މޯހަން ބަގްވަތުގެ ނަސޭހަތާއި ތަޖުރިބާގެ އަލީގައި ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަކޮށް، ގައުމުގެ ޒުވާނުން ގައުމީ އަދި ސަގާފީ އައިޑެންޓިޓީއާ ގުޅެމުންދާ ކަމީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ކަންގަނާ ބުންޏެވެ.

ކަންގަނާގެ މި އާ ވާހަކަތަކަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ ދެއްކި ވާހަކަތަކާ މުޅިން އިދިކޮޅު ވާހަކަތަކެކެވެ. ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި ބޭއްވި ދަރިވަރުންގެ މުޒާހަރާތަކުގެ ވީޑިއޯތަކަށް ފާޑުކިޔައި ކަންގަނާ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ޖެން-ޒީންނަކީ "ޖެނެރޭޝަން ގަޓަރު" ނުވަތަ ނަޖިސް ބައެއް ކަމަށެވެ. 

މުޒާހަރާތަކުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެހެން ލީޑަރުންނަށް އަމާޒުކޮށް ބޭނުންކުރި ހުތުރު ބަސްމަގަށް ފާޑުކިޔައި އެ ވީޑިއޯތައް ފެނުމުން ބަލަން އުނދަގޫވެ، މެއިނުބައި ކުރި ކަމަށް ވެސް ކަންގަނާ ބުންޏެވެ.

އެފަދަ ކުދިން ބޮޑުކުރަނީ ކިހިނެއްތޯ ސުވާލު އުފައްދައި، މުޒާހަރާގެ ރީލްސްތައް ބެލުމަށް ފަހު ސިކުނޑިއަށް އަރާމުދީ، "ޑިޖިޓަލް ޑިޓޮކްސް" އެއް ނަގަން ޖެހޭ ވަރަށް ނަފްސާނީ ގޮތުން އަސަރުކުރި ކަމަށް ވެސް ކަންގަނާ ބުންޏެވެ.