އިންޑިއާގެ މެޑިކަލް އިމްތިހާނު (ނީޓް)ގެ ޕޭޕަރުތައް ލީކުވި މައްސަލައިގައި ޒުވާނުން ކުރި މުޒާހަރާއަށް ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީ ތަމްސީލުކުރާ މެމްބަރު ކަންގަނާ ވަނީ ނީޓްގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ)ގެ ނަމުގައި ޖެން-ޒީ ދަރިވަރުން ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކާއި އިންސްޓަގްރާމް ރީލްސްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ކަންގަނާގެ އިންސްޓަގްރާމްގައި ސްޓޯރީގައި ކުރި ޕޯސްޓުތަކެއްގައި ބުނީ އެ އިހުތިޖާޖުތަކުން ފެނުުނު ޒުވާނުންގެ އުޅުމާއި ބޭނުންކުރި ހުތުރު ބަސްމަގަކީ "މޭނުބައިކުރުވާ" އަދި "ހުތުރުކަން ބޮޑު" ކަންތައްތަކެއް ކަމަށެވެ.
މީގެ އިތުރުން، އިހުތިޖާޖުކުރި ދަރިވަރުން އަމިއްލައަށް "ކޮކްރޯޗް"ގެ ނަމުން މުހާތަބުކުރާތީ އެކަމަށް އިޝާރާތްކޮށް ކަންގަނާ ބުނީ އެއީ ހަގީގަތުގައި ވެސް އެމީހުންގެ އުޅުން ހުރިގޮތް ކަމަށާއި މުޅި ދުނިޔެއަށް ވެސް އެމީހުންގެ ފަރާތުން "ގޮތެއް ނެތް އުޅުމާއި ހުތުރުކަން" ދައްކަމުންދާ ކަމަށެވެ.
ކަންގަނާ ބުނީ އެ ޒުވާނުންގެ ވީޑިއޯތައް ފެނުމުން އޭނާގެ މުޅި ނަފްސަށް އަސަރުކޮށްފައިވާ ކަމަށާއި "ޑިޖިޓަލް ޑިޓޮކްސް"އެއް ނުވަތަ ސޯޝަލް މީޑިއާއާ ދުވަސްކޮޅަކު ދުރުގައި ހުންނަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން، އެ އިހުތިޖާޖު ނިމުނުއިރު ޖަންތަރު މަންތަރު ސަރަހައްދަށް 60 މެޓްރިކް ޓަނުގެ ކުނި އަޅާފައިވާ ކަމަށް ވެސް ކަންގަނާ ތުހުމަތުކުރި އެވެ.
މިއީ ކަންގަނާ ޖެން-ޒީންނަށް ފާޑުކީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ޖެން-ޒީ ޖީލަކީ މަސައްކަތަށް ފަރުވާތެރި ނޫން، ވަފާތެރިކަމާއި ކައިވެންޏަށް ގާބިލުކަމެއް ނެތް އަދި ކަންނެތް ބައެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
ކަންގަނާ ބުނީ ސަރުކާރަށް ނުފޫޒާއި ބާރު ފޯރުވައިގެން މިނިސްޓަރުން އިސްތިއުފާއަށް ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޑިމޮކްރެސީގެ އުސޫލުތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
ކަންގަނާ ޖެން-ޒީންނަށް ފާޑުކިޔާފައިވާއިރު، އިންޑިއާގެ ޒުވާނުން ވަނީ ކަންގަނާއަށް މަލާމަތްކޮށް ވެސް ގިނަ ރީލްސްތަކެއް ހަދައިފަ އެވެ.
ނީޓްގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން ޒުވާނުން ކުރި މުޒާހަރާ މަހެއްހާ ދުވަސް ފަހުން ނިންމާލީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދީ، ދަރިވަރުންގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް ސަރުކާރުން އެއްބަސްވުމުންނެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޕޭޕަރުތައް ލީކުވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.