ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރް، ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ މެރިލް ސްޓްރީޕް އާއި އޭން ހެތަވޭއާ ބައްދަލުކޮށް، އޭނާގެ ހަޔާތުގެ ވަރަށް ހާއްސަ "ފޭން މުމެންޓެއް" ހިއްސާކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ބައްދަލުވުން ހިނގާފައި ވަނީ ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށް ގެންދިޔަ "ދަ ޑެވިލް ވެއާސް ޕްރާޑާ 2" އިޝްތިހާރު ކުރުމުގެ ދަތުރެއްގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ކަރަން ބުނީ އެއީ ހަމައެކަނި ފޮޓޯއެއްގެ ކެޕްޝަނެއް ނޫން ކަމަށާއި އެއީ އޭނާގެ "އިއުތިރާފެއް" ކަމަށެވެ. މެރިލް ސްޓްރީޕަކީ އޭނާގެ އެކްޓިންގެ "ގުރޫ" ކަމަށާއި އޭނާގެ ހުނަރަށް އަބަދުވެސް ވަރަށް ބޮޑަށް ސާބަސްދޭ ކަމަށް ބުންޏެވެ.

ކަރަން ބުނި ގޮތުގައި، އޭނާ ވަނީ "ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ފުރަތަމަ ފިލްމު މަދުވެގެން 47 ފަހަރު ބަަލައިފަ އެވެ.

މެރިލް ސްޓްރީޕާއި އޭން ހެތަވޭ ކައިރީގައި ހުއްޓިލައިގެން ހުރި ވަގުތު "ބިންގަނޑު ތެޅިގަތްހެން" ހީވި ކަމަށާއި އެ ދެ ތަރިންނަކީ ވެސް ވަރަށް ހިތްހެޔޮ، މެހެމާންދާރީ ރަނގަޅު ދެ ތަރިން ކަމަށް ކަރަން ސިފަކުރި އެވެ.

ކަރަންގެ އެ ފޮޓޯތަކަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ކޮމެންޓް ކޮށްފަ އެވެ. އޭގެ ތެރޭގައި އަނަންޔާ ޕާންޑޭ، ނޭހާ ދޫޕިއާ އަދި ޕުނިތު މަލްހޯތުރާ ހިމެނެ އެވެ.

ޕުނިތު ސަމާސާކޮށް ބުނީ މެރިލް ސްޓްރީޕް ކުޅުނު "މިރަންޑާ ޕްރީސްޓްލީ"ގެ ކެރެކްޓާއާ އެއްގޮތް މީހަކާ (ކަރަންއާ) ބައްދަލުވުމުން މެރިލް ވެސް އުފާވާނެ ކަމަށެވެ.

"ދަ ޑެވިލް ވެއާސް ޕްރާޑާ 2"ގައި ވެސް އުޅެނީ 2006 ގައި ގެނެސްދިން ފުރަތަމަ ފިލްމުގައި ލީޑު ރޯލުތައް ކުޅުނު މެރިލް ސްޓްރީޕް، އޭން ހެތަވޭ، އެމިލީ ބްލަންޓް އަދި ސްޓޭންލީ ޓޫޗީ އެވެ. 

އަންނަ މަހު އެކެއްގައި ޕްރިމިއާކުރާ އެ ފިލްމުގައި އާ ތަރިންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ސިމޯން އޭޝްލީ، ކެނެތު ބްރަނާ އަދި ލޫސީ ލިއު ހިމެނެ އެވެ.