ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ސްޓްރީމިން ކުންފުނި ކަމަށްވާ ނެޓްފްލިކްސް ބޭނުންކުރާ މީހުން އެ ޕްލެޓްފޯމުގައި ކޮންޓެންޓް ބަލާ މިންވަރާއި އެޕްލިކޭޝަން ހުޅުވާ މިންވަރު ކުރިއަށް ވުރެ ދަށްވަމުންދާ ކަމަށް އެ ކުންފުނީގެ އެތެރޭގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.
މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަސްޓަމަރުން މަހެއްގެ މައްޗަށް އެޕް ހުޅުވާ ދުވަސްތަކުގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މީގެ އިތުރުން، އާންމުކޮށް ކޮންމެ ޔޫޒަރަކު އެޕްގައި ވީޑިއޯ ބެލުމަށް ހޭދަކުރާ ވަގުތު ވެސް ވަނީ ދަށްވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުމްލަ ވަގުތު ކުޑަކޮށް އިތުރުވި ނަމަވެސް، އެއީ އާ ކަސްޓަމަރުން އިތުރުވުމުގެ ސަބަބުން ކަމަށާއި، ވަކިވަކި ކޮންޓެންޓްތައް ބަލާ ވަގުތު ދަށްވަމުންދާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި ބަދަލު ފާހަގަވާން ފެށީ 2022 ވަނަ އަހަރު ޕާސްވޯޑް ޝެއާކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ފަހުގަ އެވެ. ކުންފުނީގެ ވެރިން އެންމެ ފުރަތަމަ މިއީ ކުރު މުއްދަތެއްގެ ކަމެއް ކަމަށް ދެކުނު ނަމަވެސް، މި ޓްރެންޑް ދިގުލައިގެން ދިއުމަކީ ކަސްޓަމަރުންނަށް ނެޓްފްލިކްސްގެ އަގު ބޮޑުވުން ނުވަތަ ވާދަވެރި އެހެން ޕްލެޓްފޯމުތަކަށް ވަގުތު ދޭ މިންވަރު އިތުރުވުމުގެ ނިޝާނެއް ކަމަށް ބެލެވެ އެވެ.
ޔޫޓިއުބް ކަހަލަ ހިލޭ ބެލޭ ޕްލެޓްފޯމުތަކުގެ މަގުބޫލުކަން އިތުރުވުމަކީ ވެސް މީގެ އެއް ސަބަބު ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި މައްސަލަތަކާ ގުޅިގެން ނެޓްފްލިކްސްގެ މެނޭޖްމަންޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެ ކުންފުނީގެ ޗީފް ކޮންޓެންޓް އޮފިސަރު ބޭލާ ބަޖާރިއާ އާއި ފިލްމު ޑިވިޝަންގެ އިސްވެރިޔާ ދާން ލިން މަގާމުން ވަކިކޮށް، މުވައްޒަފުންގެ އަދަދު ހަ ޕަސެންޓަށް ވަނީ މަދުކޮށްފަ އެވެ. އަދި އާ ކަސްޓަމަރުން ހިފެހެއްޓުމަށް ޕޮޑްކާސްޓްތަކާއި ލައިވް ކުޅިވަރުތައް ދެއްކުމަށް ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.