ލައިޓު ވަރަށް ފުހެވެ. އޭގެ ކުލައެއް އަހަންނަކަށް ނޭނގެއެވެ. އެނދުގައި ގުޑައިނުލެވިފައި އޮތް އިރު، އެއީ ކޮން ލައިޓެއްބާއޭ އަހަރެން ހިތަށް އެރިއެވެ. މުޅި އެނދު ތެޅުނެވެ. އެނދާ އެކުގައި އަހަރެން ދާ ހެން ހީވިއެވެ. ބައެއް ފަހަރު ލައިޓު ނިވި މުޅި ތަން އަނދިރިވާ ހެން ވެސް ހީވިއެވެ. އޮކުސިޖަން ގުޅާފައި ވާތީ އަހަންނަށް ނޭވާލެވެން ޖެހޭނެއެވެ. އެހެނަސް ނޭވާލެވޭ ކަމެއް ނޭނގެއެވެ. ގާތުގައި ބަޔަކު ތިއްބެވެ. އެ މީހުން ދައްކާ ވާހަކަ އިވުނީ ވަރަށް ދުރުދުރުން އިވޭ އަޑުތަކެއް ހެންނެވެ.
ދައްކާ ވާހަކަޔާ މެދު ވިސްނޭ ވަރަށް ވުރެ އަހަރެންގެ ހަށިގަނޑުގައި އެޅި ވޭން ތޫނުވެފައި ރަހުމުކުޑައެވެ. މުޅި ގައިގަ ރިއްސިއެވެ. ލޮލާއި ނޭފަތާއި ކަންފަތާއި ހަށިގަނޑުން އެއްޗެއް ބޭރުވާނެ ހުރިހައި ދިމާއަކުން ދިލަނެގިއެވެ. ހީވަނީ ވަރަށް ހޫނު އާތްވެއް ހަށިގަނޑަށް ވަންނަ ހެންނެވެ. ސައިރަންގެ އަޑުން ދަންވަރުގެ ހިމޭންކަން ތޮރުފަމުން، ހޮސްޕިޓަލާ ދިމާއަށް އެންބިއުލަންސް ދިޔަ އިރު އަހަރެންގެ ހިތަށް އެރިއެވެ. އަދި ކިހައި އިރެއް ވާނެ ބާއެވެ؟ މަރުވުމުގެ ކުރިން އަހަންނަށް ހޮސްޕިޓަލަށް ވަދެވޭނެ ބާއެވެ؟ އެހެން އެއްޗެއް ވެސް ހިތަށް އެރިއެވެ. އެ ހާދިސާ ފެށުނު ރެޔެވެ. އަހަރެންގެ ދިރިއުޅުން ކަތުރަކުން ކޮށައި ކުދިކޮށްލި ގޮތެވެ.
އެއީ ދެ ހާސް ފަންސަވީސްވަނަ އަހަރުގެ ޑިސެންބަރުމަހުގެ ރޭތަކުގެ ތެރެއިން ރެޔެކެވެ. އަހަންނަށް ސައްބީސް އަހަރު ފުރޭތީ ގޭގައި ކުޑަ ކަލަވެތި ހަފުލާއެއް އޮތެވެ. ބައިވެރިވީ ދޮންތަ އާއި ކޮއްކޮ އާއި އަހަރެންގެ ބައްޕައެވެ. ކޭކު އެޅީ ދޮންތައެވެ. ދެން ހުރީ "ބޮންބޭ ދަރުބާރުން" ގެނައި ކުކުޅު ބިރިޔާންޏެވެ. އެ ބިރިޔާންޏާއި ދޮންތަގެ ޗޮކުލެޓު ކޭކު ހުރުމުން އަހަންނަށް އެ ވަރެއް ނޯވެއެވެ. އެންމެން ތައްޔާރުވެގެން އަހަންނަށް އިންތިޒާރުކުރި އިރު ވެސް އަހަރެން އުޅުނީ ބުރުގާ އެޅުމުގައެވެ. މަންމަ ދުނިޔޭގައި ހުރި އިރު ވެސް، ކޮންމެ އުފަންދުވަހަކު އާއިލީ ފޮޓޯއެއް ނަގައެވެ. އެ ފޮޓޯއަށް ކޮންމެ ފަހަރަކު ވެސް ތަފާތު ގޮތަކަށް ބުރުގާ އެޅުމަކީ އަހަރެން ވަރަށް ޝައުގުވެރިވާ ކަމެކެވެ. ވީމާ، ޔޫޓިއުބު ބަލައިގެން ދުރާލައި އެ ކަމަށް ތައްޔާރުވަމެވެ. ސައްބީސް އަހަރު ފުރުނު ފަހަރު ފިޔަވައެވެ. އެ ފަހަރު އެ ކަމާ އުޅެވުނުލެއް ތަންކޮޅެއް ލަސްވީއެވެ.
އަހަރެން ބޭނުންވި ގޮތަށް ބުރުގާ އަޅައިގެން ނުކުމެ އެންމެން ސިއްސައިލީމެވެ. ދުރުން ބަލައިގެން ނުފުދިގެން ކޮއްކޮ އާއި ދޮންތަ އައިސް އެތައް އިރަކު އަހަރެންގެ ބުރުގާގައި ފިރުމައި ހެދިއެވެ. ބުރުގާ އަޅާފައި ހުރި ގޮތް ދަސްކުރިއެވެ. ކޭކު ފަޅައި، ފޮޓޯނަގައި، ކައި ނިމެން އުޅެނިކޮށް ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. ދޮރު ހުޅުވީ ބައްޕައެވެ. ހެޔޮ ނިޔަތެއްގައެވެ. އަހަރެންގެ ބަދުނަސީބު ވަނީ އެ ދޮރުންނެވެ.
ހޮސްޕިޓަލްގެ ކުރިމައްޗަށް އެންބިއުލަންސް މަޑުކޮށްލުމާ އެކު އަހަރެން އެންބިއުލަންސުން ބާލައިގެން ހޮސްޕިޓަލަށް ވެއްދިއެވެ. ގެންދިޔައީ އިމަޖެންސީ ރޫމަށެވެ. އެ ހުރިހައި ކަމެއް އަހަންނަށް އެނގުނީ ފަހުންނެވެ. ފުރަތަމަ އައީ އެންމެ ޑަކުޓަރެކެވެ. އަހަންނަށް ވީ ކީއްތޯ ޑަކުޓަރު އެހިއެވެ.
"ނޭނގެ،" ބައްޕަ ބުންޏެވެ. "ހަމަ ކުއްލިއަކަށް ގައިގަ ރިއްސަން ފެށީ. ތެޅިފޮޅެން ފެށީމަ އެންމެ ފަހުން ގޮވައިގެން މި އައީ."
ބައްޕައާ ދިމާއަށް އަހަރެން ބަލައިލީމެވެ. ބައްޕައަކީ ދޮގު ހަދާ މީހެއް ނޫނެވެ. ކޮންމެ ފަދަ ހާލަތެއްގައި ވެސް ތެދުބުނާ މީހަކަށް ދޮގު ހަދަން މަޖުބޫރުވީ ކީއްވެގެން ހެއްޔެވެ؟ އެއްޗެއް ބުނެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. އަހަރެންގެ ކޮނޑުގައި ބައްޕަ ފިރުމައިލިއެވެ. މާނައިން ފުރިގެންވާ ގޮތަކަށެވެ. ބައްޕަގެ އެދުމަކީ އަހަރެން ހަނުހުރުމެވެ. ދެވަނަ ޑަކުޓަރު އައެވެ. ތިންވަނަ ޑަކުޓަރެއް ވެސް އައެވެ. ކޮންމެ މީހަކު ވެސް އަހަރެންގެ މޫނަށް ބަލައިލަނީ ހަމުދަރުދީގެ ނަޒަރަކުންނެވެ. ދުރު ހިލޭ ޑަކުޓަރެއްގެ ހިތުގައި އަހަރެންނާ މެދު ކުލުނު އުފެދުނު ވަރަށް ވެސް ޔޫބެގެ ހިތުގައި އަހަންނަށް ޓަކައި ކުލުނެއް ނުއުފެދުނެވެ. ގާތްތިމާގެ މީހަކު، އެ ފަދައިން އަހަންނާ ދޭތެރޭގައި ކަންތައް ކޮށްފާނެ ކަމަކަށް ބައްޕަ ހިޔެއް ނުކުރެއެވެ. އަހަންނެއް ވެސް ހިޔެއް ނުކުރަމެވެ. ބައްޕަގެ އެދުން ގަބޫލުކޮށް، އެއްވެސް ޖެހިލުމެއް ނެތި ޔޫބެއާ އެކުގައި އަހަރެން ދިޔައީ އެހެންވެއެވެ.
އަހަންނަކީ، ސިހުރުގެ ވަރުގަދަ ދަންތުރައެއްގައި ހައްޔަރުވެފައިވާ އަންހެނަކީމެވެ. އެތައް ފަހަރަކު ރުގުޔާ ކޮށްގެން ވެސް އެއްކޮށް ސަލާމަތެއް ނުވެވުނެވެ. ރުގުޔާ ކުރަނީ ވަކި ރޭތަކެއް ހާއްސަ ކޮށްގެންނެވެ. ޔޫބެއަކީ ރާގީއެކެވެ. މޮޅު މީހެކެވެ. އަހަރެންގެ ހާލު ބޮޑުވެގެން ކޮންމެ ވަގުތަކު ގުޅައިލިޔަސް ޔޫބެ އާދެއެވެ. އަހަރެން އޭރަކު ޖެހިފައިވާ ދަންތުރައަކުން އަހަރެން ސަލާމަތް ކޮށްދެއެވެ. އަހަންނަށް ހަމަނޭވާލެވެނީ އެހެންވެއެވެ. ޔޫބެއަށް އަހަރެންގެ ބައްޕަ އިތުބާރު ކުރަނީ ވެސް އެހެންވެއެވެ. އަހަރެންގެ ކިޔެވުމަށް ހުރަސް އެޅުމަށާއި ދިރިއުޅުމެއް ފެށުނަ ނުދިނުމަށާއި އުފަލުގައި އުޅުނަ ނުދިނުމަށް ކޮންމެވެސް މީހަކު ދިޔައީ މެދުނުކެނޑި ސިހުރު ހަދަމުންނެވެ.
"ޔުންމުއަށް ކިޔަވާލަން މިރެއަކީ ވަރަށް ރަނގަޅު ރެއެއް،" އަހަރުމެން ބިރިޔާނި ކާން ތިބި ރޭ ޔޫބެ ވަދެފައި ބުންޏެވެ. "މާދަމާ އައްޑޫއަށް ފުރަންޖެހޭ! ނޭނގެ މި ކޮޅަށް އާދެވޭނެ ދުވަހެއް ވެސް. ވަރަށް ސީރިޔަސް ކޭސްއަކަށް މި ދަނީ."
"ދަރިފުޅު އަވަހަށް ކައިގެން ދޭ! ފަހުން ކޭކު ކާނީ،" ބައްޕަ ބުންޏެވެ. "އެހެން ނޫނީ ޔޫބެއަށް ލަސްވާނެ."
ޔޫބެ ސައިކަލުގައި އަހަރެން އެ ގެއަށް ދިޔައީމެވެ. އެހެންޏާ ވެސް ކަންތައް ކުރާ ގޮތުގެ މަތިން އަހަރެން އެނދުގައި ބޭއްވިއެވެ. ކިޔަވަން ގެނެސްފައި ތިބި ދެ މީހަކު ވެސް އެ ތަނުގައި ތިއްބެވެ. އެއީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. އެހެންޏާ ވެސް އެ ގޮތަށް މީހުން ގެނެސްފައި ތިބެއެވެ. ކިޔެވުމުގެ އެކި ހިސާބުން އެކި މީހުން ބައިވެރިވާނެއެވެ. އެހެނަސް އެރޭ ޔޫބެ ތައްޔާރު ކޮށްގެން ހުރީ ދަންމަޅިއެކެވެ.
ޑަކުޓަރުންގެ ޓީމެއް އިމަޖެންސީ ރޫމަށް ވަނުމުން އަހަރެންގެ ހިޔާލުން އެނބުރި އާދެވުނެވެ. އެ މީހުން މަޝްވަރާކުރިއެވެ. އެކްސްރޭ އާއި ސުކޭންތައް ހަދައިގެން ވެސް އަހަންނަށް ވާ ގޮތެއް އެކަކަށް ވެސް ނޭނގުނެވެ.
"މީނައަށް އަސްލު ކިހިނެއްވީ؟" ފަހުން އައި ބޭރު ޑަކުޓަރަކު ސުވާލުކުރިއެވެ. "އެއްވެސް ކަށްޓަކަށް އަނިޔާވެފައެއް ނެތް އެކަމަކު މަސްގަނޑުގެ އެތެރެ ކެފިފަ ހުރީ. ވަރަށް އުސް ތަނަކުން ވެއްޓިގެން ނޫނީ އެހައި އަނިޔާއެއް ނުވާނެ. ކަށްޓަށް އެއްވެސް ކަމެއް ނުވެ، ނާރެއް ބުރި ނުވެ، މަސްތަކަށް އެހާ ބޮޑު ގެއްލުމެއް ލިބުނު ސަބަބެއް އޮންނަން ވާނެ."
"ތަނަކަށް އަރައިގެންތާ ވެއްޓޭނީ،" ބައްޕަ ބުންޏެވެ. "ހަމަ ކުއްލިއަކަށް ވީ ކަމެއް މީ."
ހަގީގަތް ހާމަކުރާކަށް ބައްޕައަކަށް ވެސް ނުކެރުނެވެ. ކުށްވެރި ވެދާނެތީއެވެ. ހަގީގަތުގައި ޔޫބެ ބޭނުންވީ، ރުގުޔާ ކުރުމުގައި އޭނައަށް ލިބެމުންދިޔަ ކާމިޔާބަށް ބޮޅެއް އިތުރުކުރާށެވެ. ޖިންނިމޮޔަވެފައި ތިބޭ މީހުންނާ ސުވާލު ކޮށްގެން ސިހުރު ތަހުގީގު ކުރުމާއި ވަޅުލާފައި ހުންނަ ތަންތަނުން ސިހުރު ނަގައި ނައްތައިލުމަކީ ޔޫބެކުރާ ކަމެކެވެ. ހެޔޮ ނިޔަތެއްގައެވެ. ތަކުލީފު ލިބިފައިވާ މީހަކަށް ލުޔެއް ހޯދައިދިނުމަށް ޓަކައެވެ. ސިހުރުން ސަލާމަތްވެފައި ތިބޭ މީހުން "ނިންދަވައިގެން ވެސް" ޔޫބެ ކަންކަން އޮޅުންފިލުވައެވެ. ޔޫބެ ބޭނުންވީ އަހަންނަށް ރުގުޔާ ކުރާކަށް ނޫނެވެ. އެހެން މީހަކަށް ޖެހިފައިވާ ސިހުރަކުން ސަލާމަތްކުރަން އަހަރެން މެދުވެރިކުރާށެވެ. ކުރަންވާ މިންވަރަށް އެ ކަން ކުރި ނަމަ މައްސަލައަކަށް ނުވީހެވެ. ފުރަތަމަ މީހާގެ މައްސަލަ ހައްލުކޮށްފައި، ދެވަނަ މީހާ އާއި ތިންވަނަ މީހާގެ މައްސަލަ ވެސް ހައްލުކޮށްލަން ޔޫބޭ ބޭނުންވިއެވެ. ގޯސްވީ އެ ހިސާބުންނެވެ. ބައެއް ސިހުރު ޖެއްސުމުގައި އެތައް ޖިންނިއެއް ބައިވެރިވެއެވެ. އެ ސިހުރުތައް ބާތިލު ކުރުމަށް ޓަކައި ޖިންނިތައް ހާޒިރުކުރަން ޖެހޭ ފަހަރު އާދެއެވެ. ވީމާ، އެތައް ޖިންނިއެއް، އެކި ދިމަދިމާއިން އަހަރެންގެ ހަށިގަނޑު ތެރެއަށް ވަދެގަތެވެ. އަހަންނަކަށް ވާނުވާއެއް ނޭނގެއެވެ. މަންޒަރު ދުށް މީހުން ފަހުން ބުނި ގޮތުގައި އަހަރެން ތެޅިފޮޅުނެވެ.
"ދެން ހުއްޓާލާ!" އެކަކު ބުނި ކަމަށް ވެއެވެ. "ތި ކުއްޖާ މަރުވެދާނެ."
"އަދި މަޑުކޮށްލާ!" ޔޫބެގެ ޖަވާބަކީ އެއީއެވެ. "އަދި ބޭނުން އެއް ވާހަކަ އަހާލަން."
އަހަރެންގެ ގޭގައި އެ ކަން ކުރި ނަމަ އަހަރެންގެ ބައްޕަ ދެމެދަށް ވަދެގެން ޔޫބެ ހުއްޓުވީހެވެ. ބައްޕަގެ ކޮއްކޮގެ ގެއަށް އަހަރެން ގެންދިޔައީ އެހެންވެއެވެ. އެންމެ ފަހުން، އަހަރެން މަރުވެދާނެ ހެން ޔޫބެއަށް ހީވީއެވެ. އޭރު މާ ލަސްވެއްޖެއެވެ. އަހަރެން އޮތީ ހަކަތަ ހުސްވެފައެވެ. އެ ކަހަލަ ކަންކަން ކުރުމަކީ ވަރަށް ވަރުބަލިވާ ކަމެކެވެ. އަހަންނަކަށް ނުވެސް ތެދުވެވުނެވެ. ވާހަކައެއް ނުދެއްކުނެވެ. ދެން ވެސް ޔޫބެ ދެރައެއް ނުވެއެވެ. އޭނަ ގަތީ ބިރެވެ. އަހަންނަށް ރުގުޔާ ކުރުމުގެ ބަދަލުގައި އަހަރެންގެ ފަރާތުން ނާޖާއިޒު ފައިދާއެއް ނެގިކަން އަހަރެންގެ ބައްޕައަށް އެނގިދާނެތީއެވެ.
އެތައް އިރަކު މަޑުކޮށްގެން ވެސް އަހަރެން ހަމައަކަށް ނޭޅުމުން، އަހަރެން ގެއަށް ގެނައީ އަތުލަފި ކޮށްގެންނެވެ. އެއީ އެހެންޏާ އަހަރެން ޔޫބެގެ ގެއަށް ގޮސްފައި އަންނަ ގޮތެއް ނޫނެވެ. ޔޫބެ ވަގުތުން ބޭޒާރުވިއެވެ. ވީ ގޮތް ކިޔައިދޭން އޭނައަށް މަޖުބޫރުވިއެވެ. ދޮންތަ ބޭނުންވީ ފުލުހުންނަށް މައްސަލަ ހުށައަޅާށެވެ. އެ ކަން މަނާކުރީ ބައްޕައެވެ. ބައްޕަގެ ކޮއްކޮ ފުލުހުންނާ ހަވާލުކުރަން ބައްޕައަށް ނުކެރުނީއެވެ. ވަރަށް ބޮޑު ޒުވާބެއް ހިނގިއެވެ. ވެގެންވާ ނަމަ، އިރު އަރަންދެން ވެސް ޒުވާބު ކުރިޔަށް ދިޔައީހެވެ. އެހެނަސް އަހަރެންގެ ހާލު ބޮޑުވާން ފެށުމުން ހޮސްޕިޓަލަށް ގެންދަން މަޖުބޫރުވީއެވެ. އާއިލާގެ ބޮޑު ސިއްރު ކަފުން ކުރީއެވެ.
އެއް ދުވަހު ހޮސްޕިޓަލުގައި ބާއްވާފައި އަހަރެން ގެއަށް ދޫކޮށްލިއެވެ. ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އަހަންނަކަށް ތެދުވެގެން މާ ގިނަ އިރަކު ނޫޅެވެއެވެ. އެއްޗެއް ނުކެވެއެވެ. ކަންފަތް ހުންނަނީ ބައްވެފައެވެ. މަންޒަރު ހުންނަނީ ފުސްވެފައެވެ. ނުއެއް ނިދެއެވެ. ހުން އަތުވެދާނެއެވެ. ހީކަރުވަން ފަށައިފާނެއެވެ. މުޅި ހަށިގަނޑު އައްސި ވެދާނެއެވެ. ކަނާތު ފައިގައި ވާގިހުރިއްޔާ ވައަތް އޮންނަނީ ވާގި ނެތިފައެވެ. ބައްޕަގެ ކަމަކީ އަހަންނަށް ސިއްރުން ރުއިމެވެ. އަހަރެން ނޭނގޭ ކަމަށް ހަދައިގެން އޮންނަނީއެވެ. ބައްޕަ ބޭނުންވަނީ އެ ވާހަކަ ނުދައްކާށެވެ.
ދޮޅު މަހަށް ފަހު ފައި އެޅޭ ވަރު ވީ މިއަދުއެވެ. މިހާރު މި ދަނީ، ފަރުވާކުރުމަށް ޓަކައި އިންޑިޔާއަށެވެ. މާލެ އާދެވޭނެ ދުވަހެއް ނޭނގެއެވެ. ކާހިތެއް ނުވެއެވެ. ބޭރަށް ނުކުންނަ ހިތެއް ނުވެއެވެ. ނިދުމަށް ޓަކައި ވެސް ލޯ މަރައިގެން އިރު އަރަންދެން އޮންނަނީއެވެ. މުޅި ގައިގަ ރިއްސައެވެ. ހިތަށް އަރައެވެ. އާއިލާ މީހަކު މި ވަރުގެ ބޮޑު ދެރައެއް ދޭނީ ހާދަހައި އަމިއްލަ އެދުން ބޮޑުވީމައެވެ. އަހަރެން އުންމީދު ކުރަނީ، ކަރަށް ފެތިފައި މި ވާ ދަންމަޅިން، ކޮންމެވެސް ދުވަހަކުން އަހަރެން ސަލާމަތްވާނެ ކަމަށެވެ. (ނިމުނީ)